ނ. މިލަދޫގައި، މިލަދޫ ޔޫތު މޫވްމަންޓްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ އެމްވައިއެމް ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތް ހުކުރު ދުވަހުގެ ރޭ ފަށަން ތައްޔާރުވެއްޖެ އެވެ.
އެއް އަހަރުގެ މެދު ކެނޑުމަކަށްފަހު މިލަދޫ ޔޫތު މޫވްމަންޓްގެ ފަރާތުން މިއަހަރު ބާއްވާ މުބާރާތުގައި ފަސް ޓީމަކުން ބައިވެރިވެފައިވާއިރު މުބާރާތުގެ މެޗުތައް ކުރިއަށްގެންދަން ރާވައިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު އެންމެ ރަގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ސެމީ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.
މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް އަދި މި މުބާރާތް މީގެ ކުރިން ދެފަހަރު ކާމިޔާބުކޮށްފައިވާ ޗިކޯސް އާއި، ޑީ-ޓެން އެފްސީ އަދި ފެލްކަންސްގެ އިތުރުން ނ. މަގޫދޫއަށް ނިސްބަތްވާ އެފްސީ ގޯލްޑަން ފެލްކަންސްގެ އިތުރުން މި މުބާރާތުގައި މުޅިން އަލަށް ބައިވެރިވާ މާފަރު ފުޓްސަލް ޓީމެވެ.
މިލަދޫ ޔޫތު މޫވްމަންޓުގެ ފަރާތުން ބާއްވާ ހަތްވަނަ އެމްވައިއެމް ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް 75,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25,000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު މިއީ އެންމެ ފަހުން އެ ޖަމިއްޔާއިން ބޭއްވި މުބާރާތުގައި ދިން ފައިސާގެ އިނާމަށްވުރެ ގާތްގަނޑަކަށް ދެގުނަ ބޮޑު އަދަދެކެވެ. އެންމެ ފަހުން 2024 ވަނަ އަހަރު ބޭއްވި އެމްވައިއެމް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ދީފައިވަނީ 40,000 ރުފިޔާ އެވެ. ރަނަރަޕް ޓީމަށް އެފަހަރު ދިނީ 15,000 ރުފިޔާ އެވެ.
މިލަދޫ ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކުރިއަށްގެންދާ މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްބަރަކީ "ފަހުމިނެޓް" އެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ކޮމެންޓްރީއާއެކު ލައިވްކޮށް ދައްކާ ގޮތަށް ހަމަޖެހިފައިވާ އިރު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް މެޗުތަކުގެ ލައިވް ސްކޯ އާއި މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިލަދޫ ރައްޔިތުންގެ ކުރިއެރުމާއި، ލާބައަށް އެހީތެރިވެދިނުމަށްޓަކައި 2017 ވަނަ އަހަރު އުފަންކުރި މިލަދޫ ޔޫތު މޫވްމަންޓުން އަންނަނީ ފުޓްސަލްގެ އިތުރުން އަންހެނުންނަށް ހާއްސަކޮށްގެން ނެޓްބޯޅަ އަދި ބަށި މުބާރާތްތައްވެސް ބާއްވަމުންނެވެ. ކުޅިވަރު ހަރަކާތްތައް ރާވައި އިންތިޒާމުކުރުމުގެ އިތުރުން މިލަދޫ ޔޫތު މޫވްމަންޓުން އަންނަނީ ރައްޔިތުންގެ ދިނީ ހޭލުންތެރިކަން އިތުރުކުރުމަށްތަކައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގާތްގަނޑަކަށް 1,500 އެއްހާ މީހުންގެ އާބާދީއެއް އޮތް މިލަދޫ އަކީ ނ. އަތޮޅުން ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. މިލަދޫއިން ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް މުބާރާތުގެ ނ. އަތޮޅުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދައިފަ އެވެ.