އަންނަ ބުދަ ދުވަހުގެ ރޭ ފަށާގޮތަށް ހަމަޖެހިފައިވާ ހެލްތު ކަޕްގައި ކުޅޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އެއްވަނައަށް އަންނަ ފަރާތަކަށް މޯލްޑިވިއަނުން ހުށަހަޅާ ދެ ޓިކެޓް ދޭގޮތަށް މުބާރާތް އިންތިޒާމުކުރާ ސްޕޯޓްސް ފިއުޝަން މޯލްޑިވްސް އިން ހަމަޖައްސައިފި އެވެ.
ސިއްހީ ދާއިރާގައި ހިމެނޭ ސަރުކާރާއި އަދި އަމިއްލަ މުއައްސަސާތަކާއި، ސިއްހީ ދާއިރާގެ ކުރިއެރުމަށް އެހީތެރިވެދޭ އިދާރާތަކަށް ހާއްސަކޮށްގެން ސްޕޯޓްސް ފިއުޝަން މޯލްޑިވްސް އާއި ހެލްތު ރިކްރިއޭޝަން ކްލަބް ގުޅިގެން ބާއްވާ ހެލްތު ކަޕްގައި އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ އިރު، ސްކޯ ދިމާކޮށްގެން އެއްވަނައަށް އަންނަ ފަރާތަކަށް ހުށަހަޅާފައިވާ އިނާމު ލިބޭނީ މި ދެ ޑިވިޝަންގައި ހިމެނޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ތާވަލްކޮށްފައިވާ ހެލްތު ކަޕްގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އެއްވަނައަށް އަންނަ ފަރާތަކަށް މޯލްޑިވިއަނުން ހުށަހަޅާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް ދަތުރުކުރާ ރާއްޖޭގެ ރަށްތަކުގެ ތެރެއިން އިނާމު ލިބޭ ފަރާތުން އިހުތިޔާރުކުރާ ރަށަކަށް ދަތުރުކުރެވޭނެ ދެކޮޅު ޓިކެޓެކެވެ.
މުބާރާތުގެ މެޗުތަކުގެ ސްކޯ ދިމާކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މި ނޫހުގެ ވެބްސައިޓްގައިވާ ސްކޯ ޕްރިޑިކްޓާ ޕޯޓަލް މެދުވެރިކޮށް ކޮންމެ މެޗެއް ފެށުމުގެ ކުރިން އެ މެޗެއްގެ ސްކޯ އެންޓާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފަ އެވެ.
މިފަހަރުގެ ހެލްތު ކަޕްގައި ދެ ޑިވިޝަން އެއްކޮށްލައިގެން ޖުމްލަ 50 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު މެޗުތަކުގެ ލައިވް ސްކޯ އާއި މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ މެޗެއް ނިމުމާއެކު ސްކޯ ދިމާކުރުމުގައި ބައިވެރިވާ ފަރާތްތަކަށް އެ މެޗެއްގެ ސްކޯ ލަފާކޮށްގެން ލިބުނު ޕޮއިންޓްގެ އަދަދާއި އަދި އެ ފަރާތެއް އެވަގުތަކު އޮތް ވަނަ ސްކޯ ޕްރިޑިކްޓާ ޕޯޓަލުން ފެންނަން ހުންނާނެ އެވެ.
https://fahuminet.com/predict
މިދިޔަ އަހަރު ބާއްވަން ފެށި ހެލްތު ކަޕްގެ އަންހެން ޑިވިޝަންގައި މިފަހަރު ނުވަ ޓީމަކުން ބައިވެރިވެފައިވާއިރު އެ ޑިވިޝަންގެ މެޗުތައް ކުރިއަށްގެންދަން ރާވާފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ސެމީ ފައިނަލްގައި ވާދަކުރާ ގޮތަށް ރާވާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ ކްލަބް އާސަންދަ އާއި މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ހެލްތު ރިކްރިއޭޝަން ކްލަބް އަދި މޯލްޑިވިއަން އެއާ އެމްބިއުލަންސްގެ އިތުރުން އައިކެއާ ހޮސްޕިޓަލް އަދި އައިކޮނިކްސް އާއި ޓީމް ދަރުމަވަންތަ އެވެ. ގްރޫޕް ބީގައި ހިމެނެނީ ވިލާ ކޮލެޖުން ބައިވެރިވާ ވީސީ ހީލާސް އާއި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން މެޑިކާ ހޮސްޕިޓަލާއި އެޗްޕީއެސްއެން އެވެ.
https://www.fahuminet.com/tournaments/health-cup-2026-mens-division
ފިރިހެން ޑިވިޝަންގައި ޖުމްލަ 16 ޓީމަކުން ބައިވެރިވެފައިވާއިރު އެ ޑިވިޝަންގެ މެޗުތައް ކުޅޭގޮތަށް ހަމަޖެހިފައިވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ކުއާޓާ ފައިނަލްގައި ވާދަކުރާ ގޮތަށް ރާވާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނުކުންނަ ޕެމާ އާއި ޓީމު ދަރުމަވަންތައިގެ އިތުރުން އޭޑީކޭ ސިނާޖީ އާއި ކްލަބް އެމްއެމްއޭ އެވެ.
ފިރިހެން ޑިވިޝަންގެ ގްރޫޕް ބީގައި ޓްރޭޑް ކްލަބާއި، މެޑިކާ ހޮސްޕިޓަލްގެ އިތުރުން އެމްއެންޔޫ އެސް ޔޫ ކޯޑް ބްލޫ އާއި ޓިކާސް އެއާ އެމްބިއުލާންސް ހިމެނޭއިރު ގްރޫޕް ސީގައި ހިމެނޭ ހަތަރު ޓީމަކީ ކްލަބް އާސަންދަ އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ މިބްސާގެ އިތުރުން ޓީމް ބަދަހި އާއި ހުޅުމާލެ ހޮސްޕިޓަލެވެ. ގްރޫޕް ޑީ ގައި ހިމެނެނީ ވީސީ ހީލާސް އާއި ފިނޭންސް ރިކްރިއޭޝަން ކްލަބްގެ އިތުރުން މޯލްޑިވް ގޭސްގެ ލިކުއިޑް ނައިޓްރޯޖަން އެފްސީ އާއި ހެލްތު ރިކްރިއޭޝަން ކްލަބެވެ.