ފުރަތަމަ ސަފްޙާ / ޚަބަރު / ފަސްދޮޅަސް ގޯލާ އެކު ހޯކްސް އިން ސެކްޓާ ލީގުގެ ތަށި އުފުލާލައިފި
ފަސްދޮޅަސް ގޯލާ އެކު ހޯކްސް އިން ސެކްޓާ ލީގުގެ ތަށި އުފުލާލައިފި
ސެކްޓާ ލީގުގެ ތަށި ކްލަބް ހޯކްސް އިން އުފުލާލަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

ފަސްދޮޅަސް ގޯލާ އެކު ހޯކްސް އިން ސެކްޓާ ލީގުގެ ތަށި އުފުލާލައިފި

ފަހުމިނެޓް
ފަހުމިނެޓް
8 ގަޑިއިރު ކުރިން 17 އޮގަސްޓް 2026

ކްލަބް މޯލްޑިވްސް މިއަހަރުގެ ސީޒަނުގެ ފަހު މުބާރާތް ކަމަށްވާ ސެކްޓާ ލީގުގެ ޗެމްޕިއަންކަން ކްލަބް ހޯކްސް އިން ހޯދައިފި އެވެ. 

ކްލަބް ހޯކްސް ސެކްޓާ ލީގުގެ ޗެމްޕިއަންކަން ހޯދީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ކްލަބް އާރްއާރްސީ 3-11 އިން ބަލިކޮށްގެންނެވެ. 

މުބާރާތުގެ ޗެމްޕިއަންކަން ހޯކްސް ހޯދީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެންނެވެ. އެއީ ގްރޫޕް ސްޓޭޖުގެ ތިން މެޗާއި ނޮކައުޓް ބުރުގެ ހަތަރު މެޗެވެ. 

މި ހަތް މެޗުގައި ހޯކްސް އިން ވަނީ 60 ޖަހައި ރެކޯޑް ހަދައިފަ އެވެ. އެޓީމު ކޮޅަށް ވަނީ ހަތް ގޯލެވެ. އޭގެތެރެއިން ތިން ގޯލަކީ ފައިނަލުގައި ވަން ގޯލުތަކެވެ.

ހޯކްސްގެ 60 ގޯލުގެ ތެރެއިން ސެމީ ފައިނަލާއި ފައިނަލުގައި އެޓީމުން 22 ގޯލު ޖެހި އެވެ.

ހޯކްސް ކުޅުންތެރިން ފައިނަލުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް
ހޯކްސް ކުޅުންތެރިން ފައިނަލުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް މޯލްޑިވްސް

ރޭގެ ފައިނަލުގައި ވެސް ހޯކްސް ފެނުނީ ވަރުގަދަކޮށެވެ. ގިނަ ގޯލުތަކެއް ޖަހަމުން އައި ހޯކްސް ހުއްޓުވަން އާރްސީސީގެ ކުޅުންތެރިން ވަރަށް ހިތްވަރުކުރި އެވެ. ގަޑި ހުއްޓައިގެން ކުޅުނު މެޗުގެ ފަހު ދިހަ މިނެޓާ ހަމައަށް ދިޔައިރު ވެސް ހޯކްސް އަށް ލިބިފައި އޮތީ ދެ ގޯލުގެ ފަރަގެކެވެ. ހޯކްސްގެ ސްކޯ ބޮޑުކޮށްލީ މެޗުގެ ފަހުކޮޅު ޖެހި ގޯލުތަކާ އެކު އެވެ. 

ހޯކްސްގެ 11 ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ އަހުމަދު އައިހަމް އެވެ. އަދި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އުލާން ދެ ގޯލު ޖެހި އެވެ. ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ތޯހިރު އާއި ހުސައިން މައިޝާންގެ އިތުރުން އިބްރާހީމް ނަދާދު (ކުޑައްޓޭ) އަދި ލޫތު އަހުމަދު ފަތުހީ އާއި ހަސަން ރަޝީދު އެވެ. 

އާރްސީސީގެ ތިން ގޯލު ޖެހީ މުހައްމަދު އާހިލް ނަޒީރު އާއި އަހުސަން ރަޝާދުގެ އިތުރުން އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. 

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އައިހަމް އެވެ. 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ނާއިމް، އުލާން، ޒިޔާން، އައިހަމް އަދި ކީޕަރު ސަލީލް. ފޮޓޯ: ކްލަބް މޯލްޑިވްސް 
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ނާއިމް، އުލާން، ޒިޔާން، އައިހަމް އަދި ކީޕަރު ސަލީލް. ފޮޓޯ: ކްލަބް މޯލްޑިވްސް 

ގިނަ ގޯލުތަކެއް ފެނުނުއިރު، އާރްސީސީގެ ދެ ކުޅުންތެރިއަކަށް އަދި ހޯކްސްގެ އެއް ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި އެވެ. ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި އާރްސީސީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އިބްރާހީމް ސިނާހު އަށް ރަތް ކާޑު ދެއްކިއިރު އޭގެ ތިން މިނެޓު ފަހުން ހޯކްސްގެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު ނާއިމަށް ވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި އާރްސީސީގެ ހުސައިން ސާއިލް އަށް ރަތް ކާޑު ދެއްކި އެވެ. އާރްސީސީ ކޮޅަށް ގިނަ ގޯލުތަކެއް ވަނީ އެޓީމުގެ ދެ ވަނަ ރަތް ކާޑަށް ފަހު އެވެ. 

މިއީ ފުޓްސަލްގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ހޯކްސް އަށް ލިބުނު ފުރަތަމަ ތައްޓެވެ. އެޓީމު ވަނީ މިދިޔަ އަހަރުގެ ސެކްޓާ ލީގުގެ ފައިނަލުގައި ވާދަކޮށް ބަލިވެފަ އެވެ. އަދި މިފަހަރުގެ ކިންގްސް ކަޕް ފައިނަލުގައި އެޓީމު ބަލިވީ އެވެ. އެކަމަކު ތިން ވަނަ ފައިނަލުގައި އެޓީމުން މިވަނީ ކާމިޔާބީ ހޯދައިފަ އެވެ. 

ސެކްޓާ ލީގުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ، ހޯކްސްގެ ނާއިމް އާއި އައިހަމްގެ އިތުރުން އުލާން އަދި އެޓީމުގެ ގޯލްކީޕަރު މުހައްމަދު ސަލީލް އާއި އާރްސީސީގެ ޒިޔާން އެވެ. 

ސެކްޓާ ކިންގުގެ މަގާމް ހޯދި އައިހަމް. ފޮޓޯ: ކްލަބް މޯލްޑިވްސް
ސެކްޓާ ކިންގުގެ މަގާމް ހޯދި އައިހަމް. ފޮޓޯ: ކްލަބް މޯލްޑިވްސް

މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔަކީ، ކްލަބް ހޯކްސްގެ ނަދާދު އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޓީމް، މިބްސާ އެވެ. 

މުބާރާތުގައި 15 ގޯލު ޖަހައިގެން ރަން ބޫޓު ހޯދީ ހޯކްސްގެ އައިހަމް އެވެ. އެންމެ ވަރުގަދަ ސަޕޯޓިން ޓީމަކަށް ހޮވުނީ ކްލަބް އާރްސީސީ އެވެ. އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ހޯކްސްގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) އެވެ. 

https://www.fahuminet.com/tournaments/sector-league-2026

ސެކްޓާ ކިންގުގެ މަގާމް ލިބުނީ ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް މަޝްހޫރު އައިހަމް އަށެވެ. 

ސެކްޓާ ލީގާ އެކު ކްލަބް މޯލްޑިވްސް ސީޒަނުގެ ކުޅުން މިހާރު ވަނީ ނިމިފަ އެވެ. މިފަހަރު ކްލަބް މޯލްޑިވްސް ސީޒަނުގައި ހަތް މުބާރާތް ހިމެނުނެވެ. މި ހަތް މުބާރާތަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފަ އެވެ. 

ކްލަބް މޯލްޑިވްސް ސީޒަނުގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ. 

ކޮމެންޓްސް

Matches
4
Ongoing
7
Upcoming
Predict
Settings