ސެކްޓާ ލީގުގެ ސެމީ ފައިނަލުން ކްލަބް ހޯކްސް އާއި ކްލަބް ވެލިގާގެ އިތުރުން އާރްސީސީ އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކްލަބް، މިބްސާ އިން ޖާގަ ހޯދައިފި އެވެ.
ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދެ ދަނޑުގައި ސެކްޓާ ލީގުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުނީ ރެ އެވެ.
ފުރަތަމަ މެޗުގައި، މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި، ޓީމް އެމްއޭޑަބްލިއުސީއާ ދެކޮޅަށް ކުޅެ ހޯކްސް މޮޅުވީ 4-1 އިންނެވެ.
މެޗުގައި ހޯކްސް އަށް ގޯލުތައް ކާމިޔާބުކޮށްދިނީ، ދެ ގޯލު ޖެހި އަހުމަދު އައިހަމް އާއި މުހައްމަދު ނާއިމްގެ އިތުރުން މުހައްމަދު ތޯހިރު އެވެ. އެމްއޭޑަބްލިއުސީގެ ހަމައެކަނި ގޯލު ޖެހީ ހުސައިން ފަޔާޒް އެވެ. މިއީ ހޯކްސް ކޮޅަށް ސެކްޓާ ލީގުގައި ވަން ފުރަތަމަ ގޯލެވެ.
ކުއާޓާ ފައިނަލްގެ އަނެއް ތިން މެޗުގެ ނަތީޖާ ވެސް ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ދެ ވަނަ ކުއާޓާ ފައިނަލުގައި ލިއޯ އެފްސީ އާއި ކްލަބް ވެލިގާ ވާދަކުރި މެޗު އެއްވަރުވީ 1-1 އިންނެވެ.
ލިއޯ އެފްސީ އަށް ގޯލު ކާމިޔާބުކޮށްދިނީ ސޮފްވާން އަދުނާން އެވެ. މެޗުގެ ފަހުކޮޅު ވެލިގާ އިން ނަތީޖާ ހަމަހަމަކުރީ އަހުމަދު މަނާލް އިބްރާހީމް ޖެހި ގޯލުންނެވެ. ޕެނަލްޓީގައި ވެލިގާ އިން ކުރި ހޯދީ 5-4 އިންނެވެ.
ލިއޯ އެފްސީން ޖެހި ޕެނަލްޓީތަކުގެ ތެރެއިން އިމަދާ ސުލިމަން އަދި އަބްދުﷲ ޒިހުނީ ޖެހި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފަ އެވެ.

ކުއާޓާ ފައިނަލުގައި ސިލްވާ ސޭންޑްސް އާއި އާރްސީސީ ވާދަކުރި މެޗާއި މިބްސާ އަދި މާކޯ ރެކްރިއޭޝަން ކްލަބް ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
އާރްސީސީސީން ސިލްވާ ސޭންޑްގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދީ 5-4 އިންނެވެ. އާރްސީސީގެ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރުމ ސިލްވާ ސޭންޑްސްގެ ފަހު ޕެނަލްޓީ ސަފުވާން އަދުނާން އަތުން ވަނީ ބޭކާރުވެފަ އެވެ.
ޕެނަލްޓީގައި މިބްސާ އިން މާކޯ ބަލިކުރީ 2-4 އިންނެވެ. މިބްސާގެ ހަތަރު ޕެނަލްޓީ ވެސް ވައްދާލިއިރު މާކޯގެ އުކާޝް އަލީ އާއި ޔޫހު ނަސީރު ޖެހި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފައެވެ.
https://www.fahuminet.com/tournaments/sector-league-2026
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ދުވަހު ދުވަހު ކުޅޭނީ ހޯކްސް އާއި ކްލަބް ވެލިގާ އެވެ. ދެ ވަނަ ސެމީގައި އަންނަ ބުރާސްފަތި ދުވަހު ވާދަކުރާނީ އާރްސީސީ އާއި މިބްސާ އެވެ.
ސެކްޓާ ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ.