ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް، ކްލަބް މޯލްޑިވްސް ސީޒަނުގެ ފަހު މުބާރާތް ކަމަށްވާ ސެކްޓާ ލީގުގެ ފައިނަލުން ކްލަބް ހޯކްސް އާއި އާރްސީސީ ޖާގަ ހޯދައިފި އެވެ.
ސެކްޓާ ލީގުގެ ސެމީ ފައިނަލް ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުޅުނީ ރެ އެވެ.
ރޭ ކުޅުނު ފުރަތަމަ ސެމީގައި ވަރުގަދަ ހޯކްސް އިން ވަނީ 3-11 އިން ކްލަބް ވެލިގާ ބަލިކޮށްފަ އެވެ. މެޗުގައި ހޯކްސްގެ މުހައްމަދު ނާއިމް އާއި ހުސައިން ޝުހާދު ސުހާން، މި ދެކުޅުންތެރިން ހެޓްރިކް ހެދި އެވެ. އަދި އަހުމަދު އައިހަމް އާއި އިސްމާއީލް އަލީގެ އިތުރުން މުހައްމަދު ތޯހިރު އަދި ހަސަން ރަޝީދު ވެސް ގޯލު ޖެހި އެވެ. އަދި، ވެލިގާގެ ދެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ދެ ގޯލު ވަނެވެ.
ވެލިގާގެ ތިން ގޯލު ވެސް ކާމިޔާބުކުރީ އައްޒާމް ނިޔާޒު އެވެ. ސެމީ ފައިނަލުގައި ވަރުގަދަ ޓީމެއް އަތުން ބަލިވިޔަސް ވެލިގާ އިން މިފަހަރުގެ މުބާރާތުގައި ހިތްވަރުގަދަ ކުޅުމެއް ދެއްކި އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހޯކްސްގެ ނާއިމް އެވެ.

ގިނަ ގޯލުތަކެއް ފެނުނު ނަމަވެސް، ދެ ވަނަ ސެމީ ފައިނަލް ފެނުނީ ވަރަށް އެއްވަރުކަމާއެކު ވާދަވެރިކޮށެވެ.
އާރްސީސީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޓީމް، މިބްސާ ވާދަކުރި މެޗު އެއްވަރުވީ 5-5 އިންނެވެ. ޕެނަލްޓީގައި އާރްސީސީ ކުރި ހޯދީ 3-4 އިންނެވެ.
މެޗުގައި އާރްސީސީގެ ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. ތ. ތިމަރަފުއްޓަށް އުފަން ޖަންކީ މިފަހަރުގެ ސެކްޓާ ލީގުން ފެނުނަސް އޭނާ ވަނީ ރާއްޖޭގެ ބޮޑެތި ފުޓްސަލް މުބާރާތްތަކުގައި ވެސް މީގެކުރިން ކުޅެފަ އެވެ.
ޖަންކީގެ ހަތަރު ގޯލުގެ ތެރެއިން ފަހު ގޯލަކީ މެޗުގެ ފަހުމިނެޓުގައި އާރްސީސީ އަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލެވެ. އާރްސީސީގެ އަނެއް ގޯލު ޖެހީ އަހުސަން ރަޝާދު އެވެ.
މިބްސާގެ ފަސް ގޯލުގެ ތެރެއިން ތިން ގޯލު ޖަހައި އިޔާން އަހުމަދު ރަޝީދު ވަނީ ހެޓްރިކް ހަދައިފަ އެވެ. މީގެތެރެއިން އިޔާން ދެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީންނެވެ. އަނެއް ދެ ގޯލު ޖެހީ މުހައްމަދު ނާއިޝް އިބްރާހީމް އާއި އަލީ އަޖުމަލް އެވެ.
https://fahuminet.com/tournaments/sector-league-2026
ޕެނަލްޓީ ޝޫޓްއައުޓްގައި މިބްސާގެ ފަސް ޕެނަލްޓީގެ ތެރެއިން ރިލްވާން ޝަރީފް އާއި އަބްދުﷲ ޔާމީން ޖެހި ޕެނަލްޓީތައް ވައްދައެއްނުލެވުނެވެ. އާރްސީސީގެ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެޓީމަށް ކާމިޔާބުނުކުރެވުނީ ޔޫޝައު ބިން އަލީ ނަޝީދު ޖެހި ޕެނަލްޓީ އެވެ.
މިއީ ސެކްޓާ ލީގުގެ ސެމީ ފައިނަލުގައި މިބްސާ ޖެހިޖެހިގެން ބަލިވި ދެ ވަނަ ފަހަރެވެ.
ސެކްޓާ ލީގުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ. މެޗު ފަށާނީ ރޭގަނޑު 9 ޖަހާއިރު އެވެ.