އާ މުބާރާތްތަކާ އެކު، ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށް ރޭވި ކްލަބް މޯލްޑިވްސް ސީޒަނުގެ ފަހު މުބާރާތް ކަމަށްވާ، ސެކްޓާ ލީގުގެ ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ.
ކްލަބް މޯލްޑިވްސްގެ ކާމިޔާބު ސީޒަނުގެ ފަހު މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ކްލަބް ހޯކްސް އާއި ކްލަބް އާރްސީސީ އެވެ.
މިއަހަރު ކްލަބް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ ހަތް މުބާރާތަކީ، ސެކްޓާ ލީގުގެ އިތުރުން މުޅިން އަލަށް ފެށި ކިޑްސަލް، ކިންގްސް ކަޕް، އެއިޓީން ތާޓީ ކްލަސިކް، އެއިޓީން ތާޓީ، ކްލަބް މޯލްޑިވްސް ކަޕް ކްލަސިކްގެ އިތުރުން އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕެވެ.
ހަތް މުބާރާތުގައި ގިނަ ޓީމުތަކެއް ބައިވެރިވިއިރު، މިއީ ރާއްޖޭގެ ތާރީހުގައި ފުޓްސަލްގެ އެންމެ ގިނަ މުބާރާތްތައް އެއްފަހަރާ ކުރިއަށްދިޔަ ފުރަތަމަ ފަހަރެވެ. މުބާރާތްތަކަށް ބޮޑު ތަރުހީބެއް ލިބުނުއިރު، މިރޭ ކުޅޭ ފަހު ފައިނަލަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ފައިނަލެކެވެ.
ފައިނަލުގައި އެއްކޮޅުން ވާދަކުރާ ހޯކްސް އަކީ ތަރިންނާ އެކު ހުރިހާ މެޗަކުން މޮޅުވަމުން އަންނަ ޓީމެކެވެ. އެޓީމު މުބާރާތުގެ ފައިނަލް ޖާގަ ހޯދީ ސެމީ ފައިނަލުގައި ކްލަބް ވެލިގާ 3-11 އިން ބަލިކޮށްގެންނެވެ.
ހޯކްސް މިވަނީ ސެކްޓާ ލީގުގެ ފުރަތަމަ ދެ ފައިނަލުން ވެސް ޖާގަ ހޯދައިފަ އެވެ. ފުރަތަމަ ފަހަރަށް ބޭއްވި މިދިޔަ އަހަރުގެ ސެކްޓާ ލީގުގެ ފައިނަލުގައި އެޓީމު ވަނީ މާފުށީގެ އެރީނާ ހޮޓެލްސްއާ ވާދަކޮށް 0-1 އިން ބަލިވެފަ އެވެ.
https://www.fahuminet.com/tournaments/sector-league-2026
އެ ފައިނަލުން ބަލިވިޔަސް ހޯކްސް އިން މިފަހަރު ނުކުތީ އެއަށްވުރެ ވަރުގަދަކޮށެވެ. އެގޮތުން މިފަހަރުގެ ޓީމުގެ މަޝްހޫރު އިތުރު ކުޅުންތެރިން އެޓީމުގައި ހިމެނި އެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ފުޓްބޯޅަ އާއި ފުޓްސަލްގައި ފާހަގަކޮށްލެވޭ އަހުމަދު އައިހަމް އާއި މުހައްމަދު ތޯހިރު އާއި އިބްރާހީމް ނަދާދު (ކުޑައްޓޭ) ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ބިދޭސީ ކުޅުންތެރިއެއްގެ ގޮތުގައި، ރާއްޖެ އަށް މަޝްހޫރު އުލާން ވެސް ކުޅެމުން އަންނަނީ ހޯކްސް އަށެވެ.
މިދިޔަ އަހަރު ވެސް އެޓީމުގައި ހިމެނުނު މުހައްމަދު ނާއިމް ވަނީ ހޯކްސް ފައިނަލަށް ކުރި ދަތުރުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުބާރާތުގައި މިހާތަނަށް ޖެހި 13 ގޯލާ އެކު ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ ވެސް ނާއިމް އެވެ.
ސެކްޓާ ލީގުގެ ފައިނަލަށް ފޭވަރިޓުންގެ ގޮތުގައި ހޯކްސް ނުކުންނައިރު، އެޓީމު ވަނީ މިއަހަރުގެ ކިންގްސް ކަޕްގައި ވެސް ވާދަކޮށްފަ އެވެ. ކިންގްސް ކަޕް ފައިނަލުގައި އެޓީމު ބަލިވީ ސްޓެލްކޯއާ ވާދަކޮށެވެ.
ހޯކްސްއާ ދެކޮޅަށް ނުކުންނަ އާރްސީސީ ފައިނަލުގެ ޖާގަ ހޯދީ ސެމީ ފައިނަލުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޓީމު (މިބްސާ) ޕެނަލްޓީގައި ބަލިކޮށްގެންނެވެ. ފޯރިގަދަކޮށް ފެނުނު އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 5-5 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އާރްސީސީ ކުރި ހޯދީ 3-4 އިންނެވެ.

އާރްސީސީ ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ މީގެކުރިން ފުޓްސަލްގެ ބޮޑެތި މުބާރާތްތަކުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. ޖަންކީ ވަނީ މިހާތަނަށް ސެކްޓާ ލީގުގައި އާރްސީސީ ޓީމަށް ހަތް ގޯލު ކާމިޔާބުކޮށްދީފަ އެވެ.
އާރްސީސީ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. އެޓީމު ގްރޫޕް ސްޓޭޖުގައި ބަލިކުރީ މީޑިއާނެޓާއި މެޑްޓެކްގެ އިތުރުން ޓީމް ވިލާ އެވެ. ގަދަ 16 މެޗުގައި އެޓީމުން ވަނީ މެޑްޓެކް 2-3 އިން ބަލިކޮށްފަ އެވެ. ޖެހިގެން އައި ކުއާޓާ ފައިނަލުން އެޓީމު މޮޅުވީ ސިލްވާ ސޭންޑްސްއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.
ހޯކްސް އާއި އާރްސީސީ ވާދަކުރާ ސެކްޓާ ލީގުގެ ފައިނަލް މެޗު، ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ފަށާނީ މިރޭ 9 ޖަހާއިރު އެވެ.