ފުރަތަމަ ސަފްޙާ / ޚަބަރު / ހެލްތު ކަޕް ބުދަ ދުވަހުގެ ރޭ ފަށަނީ، ހުރިހާ މެޗެއްގެ ލައިވް ސްކޯ ފަހުމިނެޓުން ފެންނާނެ
ހެލްތު ކަޕް ބުދަ ދުވަހުގެ ރޭ ފަށަނީ، ހުރިހާ މެޗެއްގެ ލައިވް ސްކޯ ފަހުމިނެޓުން ފެންނާނެ
މިދިޔަ އަހަރު ބޭއްވި ހެލްތު ކަޕްގެ ފުރަތަމަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ޓިކާސް ތަށްޓާއެކު - ފޮޓޯ: ވަގުތު

ހެލްތު ކަޕް ބުދަ ދުވަހުގެ ރޭ ފަށަނީ، ހުރިހާ މެޗެއްގެ ލައިވް ސްކޯ ފަހުމިނެޓުން ފެންނާނެ

ފަހުމިނެޓް
ފަހުމިނެޓް
6 ގަޑިއިރު ކުރިން 16 އޮގަސްޓް 2026

ސިއްހީ ދާއިރާގައި ހިމެނޭ ސަރުކާރާއި އަދި އަމިއްލަ މުއައްސަސާތަކާއި، ސިއްހީ ދާއިރާގެ ކުރިއެރުމަށް އެހީތެރިވެދޭ އިދާރާތަކަށް ހާއްސަކޮށްގެން ބާއްވާ ހެލްތު ކަޕްގެ ދެވަނަ މުބާރާތް އަންނަ ބުދަ ދުވަހުގެ ރޭ ފަށަން ތައްޔާރުވެއްޖެ އެވެ.

ސްޕޯޓްސް ފިއުޝަން މޯލްޑިވްސް އާއި ހެލްތު މިނިސްޓްރީގެ ރިކްރިއޭޝަން ކްލަބް ގުޅިގެން އިންތިޒާމުކުރާ މި މުބާރާތް ކުރިއަށްދާނީ ފިރިހެން އަދި އަންހެން ޑިވިޝަން ހިމެނޭ ގޮތަށެވެ. މިދިޔަ އަހަރު ބާއްވަން ފެށި މި މުބާރާތުގެ އަންހެން ޑިވިޝަންގައި މިފަހަރު ނުވަ ޓީމު އަދި ފިރިހެން ޑިވިޝަންގައި 16 ޓީމު ބައިވެރިވެފައިވެ އެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ސެމީ ފައިނަލްގައި ވާދަކުރާ ގޮތަށް ރާވާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ ކްލަބް އާސަންދަ އާއި މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ހެލްތު މިނިސްޓްރީ އަދި މޯލްޑިވިއަން އާއި، އެއާ އެމްބިއުލަންސްގެ އިތުރުން ދި އައިކޮނިކްސް އާއި ޓީމް ދަރުމަވަންތަ އެވެ. ގްރޫޕް ބީގައި ހިމެނެނީ ވިލާ ކޮލެޖުން ބައިވެރިވާ ވީސީ ހީލާސް އާއި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން މެޑިކާ ހޮސްޕިޓަލާއި އެޗްޕީއެސްއެން އެވެ.

ފިރިހެން ޑިވިޝަންގެ މެޗުތައް ކުޅޭގޮތަށް ހަމަޖެހިފައިވަނީ ހަތަރު ގްރޫޕަކަށް  ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ކުއާޓާ ފައިނަލްގައި ވާދަކުރާ ގޮތަށް ރާވާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނުކުންނަ ޕެމާ އާއި  ޓީމު ދަރުމަވަންތައިގެ އިތުރުން އޭޑީކޭ ސިނާޖީ އާއި ކްލަބް އެމްއެމްއޭ އެވެ.

ފިރިހެން ޑިވިޝަންގެ ގްރޫޕް ބީގައި  ޓްރޭޑް ކްލަބާއި، މެޑިކާ ހޮސްޕިޓަލްގެ އިތުރުން އެމްއެންޔޫ އެސް ޔޫ ކޯޑް ބްލޫ އާއި ޓިކާސް އެއާ މްބިއުލާންސް ހިމެނޭއިރު ގްރޫޕް ސީގައި ހިމެނޭ ހަތަރު ޓީމަކީ ކްލަބް އާސަންދަ އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ މިބްސާގެ އިތުރުން ޓީމް ބަދަހި އާއި ހުޅުމާލެ ހޮސްޕިޓަލެވެ.  ގްރޫޕް ޑީ ގައި ހިމެނެނީ ވީސީ ހީލާސް އާއި ފިނޭންސް ރިކްރިއޭޝަން ކްލަބްގެ އިތުރުން  މޯލްޑިވް ގޭސްގެ ލިކުއިޑް ނައިޓްރޯޖަން އެފްސީ އާއި  ހެލްތު މިނިސްޓްރީ އެވެ.

ހެލްތު ކަޕްގައި ހިމެނޭ ދެ ޑިވިޝަންގެ ވެސް ފައިނަލް މެޗު އަންނަ މަހުގެ އެއް ވަނަ ދުވަހު ކުޅޭ ގޮތަށް ތާވަލުކޮށްފައިވާއިރު މި މުބާރާތުގެ ހުރިހާ މެޗެއްގެ ލައިވް ސްކޯ އާއި މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓްސް

Matches
6
Ongoing
6
Upcoming
Predict
Settings