މިޔަޓް ފުޓްސަލް ފިއެސްޓާގައި މިރޭ ގްރޫޕް އޭގައި ހިމެނޭ އެޕޮކަލިޕްސް ސްޕޯޓްސް ކްލަބާއި، އެކްސް ބޯއީޒް ވާދަކުރި މެޗު 2-2 އެއްވަރުވެ އެޕޮކަލިޕްސްއަށް ގްރޫޕް އޭގެ އެއްވަނަ ލިބިއްޖެ އެވެ.
ގްރޫޕް އޭ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރި މި ދެ ޓީމު މިރޭގެ މެޗަށް ނުކުތްއިރު ކޮންމެ ޓީމަކަށްވެސް ނުވަ ޕޮއިންޓް ލިބިފައިވާއިރު ގޯލްގެ ތަފާތުން ކުރީގައި އޮތީ އެޕޮކަލިޕްސް އެވެ. އެހެން ކަން އޮތުމާއެކު ގްރޫޕް އޭގެ އެއް ވަނަ ކަށަވަރުކުރުމަށްޓަކައި، ގާފަރަށް ނިސްބަތްވާ އެކްސް ބޯއީޒް އަށް އޮތް ހަމައެކަނި ގޮތަކީ މެޗުން މޮޅުވުމެވެ.
ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގެ މިރޭ ފަށައިގެން މެޗުގެ ފުރަތަމަ ހާފުގެ 15 މިނެޓް ނުވަނީސް އެޕޮކަލިޕްސްއިން ދެ ލަނޑު ޖަހައި ގްރޫޕްގެ އެއްވަނަ ހޯދަން ކުރި މަސައްކަތުގައި ބޮޑު ޔަގީންކަމެއް ހޯދި އެވެ. އެ ޓީމަށް މި މެޗުގައި ފުރަތަމަ ގޯލް ކާމިޔާބުކޮށް އަހްމަދު އަފްލާޒް ލީޑް ނަގައިދިން އިރު އޭގެ މާ ގިނަ އިރުތަކެއް ނުވެ އަބްދުﷲ ޝާފިއު (ޝާއްޕެ) އިތުރު ގޯލެއް ޖަހައި ލީޑް ފުޅާކުރި އެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެކްސް ބޯއީޒްގެ އިސްމާއިލް ވަޖީހް (ވައްޖެ) ގޯލެއް ޖަހައި ނަތީޖާގެ ފަރަފު ކުޑަކުރުމާއެކު މެޗުގެ ފޯރި ގަދަވި އެވެ.
މި މެޗުގައި އެކްސް ބޯއީޒް އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ރިމާހް (ރިމޭ) އެވެ.

މި ނަތީޖާއާއެކު ސެމީ ފައިނަލްގައި އެކްސް ބޯއީޒް ވާދަކުރަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ހޯދި ކަންމަތި އެފްސީއާ އެވެ. މުބާރާތުގެ ތަށި ތިންވަނަ ފަހަރަށް ހޯދަން މިފަހަރު ވަރުގަދަ ސްކޮޑަކާއެކު މުބާރާތާ ކުރިމަތިލި ކަންމަތި އެފްސީއިން ވަނީ ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ. ސެމީ ފައިނަލްގައި އެޕޮކަލިޕްސް ވާދަކުރާނީ ގްރޫޕް ބީގެ ދެވަނަ ހޯދި ބްލެކް އީގަލްސްއާ އެވެ.
މުބާރާތުގައި މިރޭ އެޕޮކަލިޕްސް އާއި އެކްސް ބޯއިޒް ވާދަކުރި މެޗުގެ ކުރިން ގްރޫޕް އޭގެ އިތުރު މެޗެއް ވަނީ ކުޅެފަ އެވެ. ގްރޫޕް އޭގެ އެންމެ ފުލުގައި އޮތް އެޕޮކަލިޕްސް އެފްސީ އާއި ވޭލިއަންޓް ސްޕޯޓްސް ކްލަބް ވާދަކުރި މެޗު 2-4 އިން ކާމިޔާބުކުރީ އެޕޮކަލިޕްސް އެފްސީ އެވެ.
https://fahuminet.com/tournaments/myat-futsal-fiesta-2026
މި މެޗުގައި އެޕޮކަލިޕްސްގެ އިބްރާހިމް ރަސްލާން ހެޓްރިކް ހަދައިފައިވާ އިރު އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދީފައިވަނީ އައިހަމް ސައީދެވެ. ވޭލިއަންޓަށް މިރޭގެ މެޗުގައި ގޯލްތައް ކާމިޔާބުކޮށްދިނީ މުހައްމަދު ޝައިހާނާއި، އަހްމަދު ޝަނާނެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރެ އެވެ.