މިޔަޓް ފުޓްސަލް ފިއެސްޓާގައި ވޭލިއަންޓް ސްޕޯޓްސް ކްލަބް ކޮޅަށް ދިއްފުށިން 16 ލަނޑު ޖެހި އިރު ބްލެކް އީގަލްސްއިން ބޮޑު ތަފާތަކުން ކުޑަ ވިލިގިލި ބަލިކޮށް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ކ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓްސަލް މުބާރާތުގެ ގްރޫޕް އޭ ގައި، އެންމެ ފަހުން މުބާރާތް ބޭއްވި ދެ އަހަރުގެ ޗެމްޕިއަން ދިއްފުށިން މިރޭ ވޭލިއަންޓްގެ މައްޗަށް ކުރި ހޯދީ 4-16 އިންނެވެ. މިހާ ތަފާތު ބޮޑު ނަތީޖާއަކުން ދިއްފުށި މެޗު ކާމިޔާބުކުރި ނަމަވެސް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުވުން އޮތީ ވަރަށް ދުރުގަ އެވެ.
މިރޭ ވޭލިއަންޓާ ވާދަކޮށް ދިއްފުށިން ގިނަ ލަނޑުތަކެއް ޖެހިއިރު އެ ޓީމުގެ ހަތަރު ކުޅުންތެރިޔަކު ވަނީ މިރޭގެ މެޗުގައި ހެޓްރިކް ހަދައިފަ އެވެ. އެއީ މުހައްމަދު ޝަމީމާއި، ރިލްވާން ރަޝީދުގެ އިތުރުން ރިޝާން ރިޝްވާނާއި އަދި އަހްމަދު މާޒިން އެވެ. މިރޭގެ މެޗުގައި ދެން ދިއްފުށްޓަށް ގޯލްތައް ކާމިޔާބުކޮށްދިނީ ހިސާން އަބްދުއްޝުކޫރުގެ އިތުރުން ޒައިން ޒަފަރާއި މުހައްމަދު އަލްސަމެވެ. މިރޭގެ މެޗުގައި ވޭލިއަންޓަށް ގޯލްތައް ކާމިޔާބުކޮށްދިނީ އަހްމަދު ޝިފާއު އާއި ހުސެއިން ވިއާމްގެ އިތުރުން އަހްމަދު ސާއިން އާއި ހަސަން ޔޫން އެވެ.

މި ނަތީޖާއާއެކު ދިއްފުށްޓަށް ހަ ޕޮއިންޓް ލިބިގެން ގްރޫޕް އޭގެ ދެވަނަ ވަގުތީ ގޮތުން ލިބުނު ނަމަވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތް އެޕޮކަލިޕްސްއަށް ބާކީ ދެ މެޗު އޮތުމާއެކު ދިއްފުށްޓަށްވުރެ ސެމީ ފައިނަލްގެ ފުރުސަތު މާ ބޮޑަށް ވެސް ތަނަވަސްވެފައި އޮތީ އެޕޮކަލިޕްސް އަށެވެ.
މުބާރާތުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ގްރޫޕް ބީގެ އެފްސީ ކުޑަ ވިލިގިއްޔާ ވާދަކޮށް ބްލެކް އީގަލްސް މޮޅުވީ 0-10 އިންނެވެ. މި މެޗުގައި ބްލެކް އީގަލްސްއަށް ކުޅެމުން އަންނަ މުހައްމަދު އިސާމް (ޝަންޓޭ) އާއި ހުސައިން އަފްސަލް ހެޓްރިކް ހެދިއިރު މި މެޗުގައި ބްލެކް އީގަލްސްއަށް އިތުރު ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ ދެ ގޯލް ޖެހި އަބްދުﷲ ސުޒޭރުގެ އިތުރުން މުހައްމަދު އުނައިސް އާއި މުހައްމަދު ފާރިޝް އެވެ.
https://fahuminet.com/tournaments/myat-futsal-fiesta-2026
ބްލެކް އީގަލްސް އިން މިރޭ ހޯދި މޮޅާއެކު އެ ޓީމަށް ވަނީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވެފައި ވާއިރު މި ގްރޫޕުން ސެމީގެ ޖާގަ ކަށަވަރުކުރާ ދެވަނަ ޓީމެއް ކަށަވަރު ވާނީ މިވަގުތު ގްރޫޕްގެ އެއްވަނައިގައި އޮތް ކަންމަތި އެފްސީ އާއި ކަންމަތި ނިއު ޖެނެރޭޝަން ބައްދަލުކުރާ މެޗަށް ފަހު އެވެ.
އެ މެޗު އެއްވަރުވި ކަމުގައިވިޔަސް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދާނީ ކަންމަތި އެފްސީ އެވެ. އަށް ގޯލްގެ ތަފާތުން މޮޅުވެގެން ނޫން ގޮތަކަށް ކަންމަތި ނިއު ޖެނެރޭޝަނަށް ފުރުސަތެއް ނެތެވެ.