ފުރަތަމަ ސަފްޙާ / ޚަބަރު / ކަންމަތިން ލަނޑުގެ ޝޯއެއް ދައްކާލިއިރު، ތިން ކުޅުންތެރިއަކު ހެޓްރިކް ހަދައިފި
ކަންމަތިން ލަނޑުގެ ޝޯއެއް ދައްކާލިއިރު، ތިން ކުޅުންތެރިއަކު ހެޓްރިކް ހަދައިފި
ކަންމަތީގެ ބައްކު ބޯޅަ ފޮނުވާލަނީ. ބައްކު، ސޮކޭ އަދި ޝާއްޕެ ވަނީ ހެޓްރިކް ހަދާފައި. ފޮޓޯ: މިޔަޓް

ކަންމަތިން ލަނޑުގެ ޝޯއެއް ދައްކާލިއިރު، ތިން ކުޅުންތެރިއަކު ހެޓްރިކް ހަދައިފި

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 3 އޮގަސްޓް 2026

މިޔަޓް ފުޓްސަލް ފިއެސްޓާގައި އެކްސް ބޯއީޒް އިން ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބުކޮށް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރި އިރު ކަންމަތި އެފްސީއިން ކުޑަ ވިލިގިލީގެ މައްޗަށް ކުރި ހޯދި މެޗުގައި ތިން ކުޅުންތެރިޔަކު ހެޓްރިކް ހަދައިފި އެވެ. 

މި މުބާރާތުގައި އެޕޮކަލިޕްސް އެފްސީއިން ކުޅުނު ފުރަތަމަ މެޗުގައި ދިއްފުށި އަތުން 0-6 އިން ބަލިވެފައި ވަނިކޮށް އެކްސް ބޯއިޒްއިން މިރޭ އެޕޮކަލިޕްސް އެފްސީ ބަލިކުރީ 0-7 އިންނެވެ. މިރޭގެ މެޗުގައި އެކްސް ބޯއިޒްއިން ޖެހި ހަތް ގޯލްގެ ތެރެއިން ހަތަރު ގޯލް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގަ އެވެ.

މުބާރާތުގައި އެކްސް ބޯއީޒް އިން ކުޅުނު ފުރަތަމަ ދެ މެޗުވެސް ކާމިޔާބުކޮށްފައިވާ އިރު ހުސް ތަރިން ހިމެނޭ މި ޓީމަށް މިރޭ ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ މިރޭގެ މެޗުގައި ދެ ގޯލް ކާމިޔާބުކުރި އިބްރާހިމް ރިމާހް (ރިމޭ) އާއި އަލީ މާއިސް (މައްޓު) ގެ އިތުރުން އިޝާން އިބްރާހީމް (ސައްޓު) އާއި ޝަނާން ރަޝާދު އަދި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ.

މިރޭ އެކްސް ބޯއީޒް އިން ހޯދި މޮޅާއެކު އެ ޓީމު މިވަގުތު އޮތީ ނުވަ ޕޮއިންޓާ އެކު ގްރޫޕް އޭގެ އެއްވަނައިގަ އެވެ. ގްރޫޕްގެ ދެވަނައިގައި އެކްސް ބޯއީޒްއަށްވުރެ އެއް މެޗު މަދުން ކުޅެގެން ހަ ޕޮއިންޓާއެކު އޮތީ އެޕޮކަލިޕްސް ސްޕޯޓްސް ކްލަބެވެ.

އެކްސް ބޯއީޒްގެ ސައްޓު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: މިިޔަޓް
އެކްސް ބޯއީޒްގެ ސައްޓު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: މިިޔަޓް

މިޔަޓް ފުޓްސަލް ފިއެސްޓާގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ކަންމަތި އެފްސީއިން އެފްސީ ކުޑަ ވިލިގިލިގެ މައްޗަށް ކުރި ހޯދީ 3-13 އިންނެވެ. މި މެޗުގައި ކަންމަތި އެފްސީގެ ތިން ކުޅުންތެރިއަކު ވަނީ ހެޓްރިކް ހަދައިފަ އެވެ.

އެއީ މިރޭގެ މެޗުގައި ފަސް ގޯލް ކާމިޔާބުކުރި އަބްދުﷲ ޝާފިއު (ޝާއްޕެ) ގެ އިތުރުން ހުސައިން ސުހައިލް (ސޮކޭ) އާއި އަހްމަދު ބައްސާމް އަހުމަދު ނައީމް (ބައްކު) އެވެ. މިރޭގެ މެޗުގައި ކަންމަތި އެފްސީއަށް އިތުރު ގޯލްތައް ކާމިޔާބުކޮށްދިނީ އައްޒާމް ނިޔާޒާއި، އަބްދުލް ބާސިތު ބިން އަބްދުލްވާހިދެވެ. މި މެޗުގައި ކުޑަ ވިލިގިއްޔަށް ގޯލްތައް ކާމިޔާބުކޮށްދިނީ އަހްމަދު ފަޔާޒާއި، އަބްދުﷲ އާމިން އެވެ.

https://fahuminet.com/tournaments/myat-futsal-fiesta-2026

މިރޭ ކަންމަތި އެފްސީއިން ހޯދި ބޮޑު މޮޅާއެކު އެ ޓީމު މިވަގުތު އޮތީ ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނައިގަ އެވެ. މި ގްރޫޕްގައި ދެން ހިމެނޭ ބްލެކް އީގަލްސް އާއި ކަންމަތި ނިއު ޖެނެރޭޝަނަށް ދެ މެޗު ކުޅެގެން ތިން ޕޮއިންޓް ލިބިފައިވާއިރު ގޯލްގެ ތަފާތުން ދެވަނައިގައި އޮތީ ބްލެކް އީގަލްސް އެވެ.

މާދަމާ ރޭވެސް މުބާރާތުގައި ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ދިއްފުށްޓާއި ވޭލިއަންޓް ވާދަކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ  އެފްސީ ކުޑަ ވިލިގިއްޔާއި ބްލެކް އީގަލްސް އެވެ.  

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Predict
Settings