މީގެ 18 އަހަރު ކުރިން ބޭއްވި ކަޕް ވިނާސް ކަޕް އަލުން ފަށަން ނިންމައި، މުބާރާތުގެ ފުރަތަމަ މެޗު މިއަދު ކުޅޭނެ އެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންމެ ފަހުން ކަޕް ވިނާސް ކަޕް ބާއްވާފައި ވަނީ 2008 ވަނަ އަހަރު އެވެ. އެ މުބާރާތް 1995 ވަނަ އަހަރު ފަށައިގެން ހޭދަވި މުއްދަތުގައި، ކަޕް ވިނާސް ކަޕަކީ ވާދަވެރިކަން ފެނުނު ފުޓްބޯޅަ ބެލުންތެރިންގެ ޝައުގު އަތުލި މުބާރާތެކެވެ.
ކަޕް ވިނާސް ކަޕްގައި ދައުވަތު ދެނީ ސީޒަނުގެ އެކި މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކަށެވެ. މި ސީޒަނުގެ ކަޕް ވިނާސް ކަޕުން ދައުވަތު ލިބުނީ ޗެމްޕިއަން ޓީމުތަކަށާއި މިދިޔަ ސީޒަނުގެ ލީގުގެ ކުރީގައި ނިންމާލި ޓީމުތަކަށެވެ.
މިއަދު ގަލޮޅު ދަނޑުގައި ފަށާ ކަޕް ވިނާސް ކަޕްގައި ވާދަކުރަނީ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އޮޑި ސްޕޯޓްސް ކްލަބުގެ އިތުރުން ލީގުގެ ހަތަރު ވަނަ ހޯދި ބުރު ސްޕޯޓްސް ކްލަބެވެ.
ބުރު ސްޕޯޓްސް ކްލަބަށް މުބާރާތުން ފުރުސަތު ލިބުނީ ލީގުގެ ދެ ވަނަ ހޯދި ނިއު ރޭޑިއަންޓާއި ތިން ވަނަ ހޯދި އޮޑި ސްޕޯޓްސް އަށް އަނެއް ދެ މުބާރާތުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ފުރުސަތު ލިބިފައިވާތީއެވެ.
ކަޕް ވިނާސް ކަޕްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި އޮޑި ސްޕޯޓްސް ކްލަބެވެ.
https://www.fahuminet.com/tournaments/cup-winners-cup-2026
ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު، ފައިނަލުގެ ޖާގަ ލިބޭނީ އެންމެ ކުރި ހޯދާ ދެ ޓީމަށެވެ.
ކަޕް ވިނާސް ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 18 ވަނަ ދުވަހުގެ ރެ އެވެ.
ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން 2008 ވަނަ އަހަރު ހޯދި ނިއު ރޭޑިއަންޓުންނެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 0-1 އިން ވިކްޓްރީ ބަލިކޮށްގެންނެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން މި ހަފްތާ ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ނިއު ރޭޑިއަންޓާ ވާދަކޮށް މާޒިޔާ ވަނީ މޮޅުވެފަ އެވެ.
ޗެރިޓީ ޝީލްޑް މެޗަށްފަހު ކަޕް ވިނާސް ކަޕް ކުޅޭއިރު، އޭގެފަހުން ފަށާނީ ދިވެހި ޕްރިމިއާ ލީގެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ހަފްތާގަ އެވެ.