ސެކްޓާ ލީގުގައި ރޭ ހޯކްސް އިން 14 ގޯލު ޖަހައިގެން މޮޅުވެ، މީގެކުރިން މި މުބާރާތުގައި އެރީނާ ހޮޓެލްސް ހަދާފައިވާ ރެކޯޑް މުގުރާލައިފި އެވެ.
ސެކްޓާ ލީގުގައި ރޭ ހޯކްސް 14-0 އިން މޮޅުވީ ހެޕީ މާކެޓާ ވާދަކޮށެވެ.
މެޗުގައި ހޯކްސްގެ އަހުމަދު އައިހަމް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އެޓީމުގެ މުހައްމަދު ނާއިމް ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. ހޯކްސްގެ ބިދޭސީ ކުޅުންތެރިޔާ އުލާން އާއި ލޫތު އަހުމަދު ފަހުތީ، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް ނަދާދު (ކުޑައްޓޭ) އާއި ފާރޫގު އިސްމާއީލް އަދި ހުސައިން ސުހާދު ސުހާން އެވެ.
މުބާރާތަށް އެންމެ ވަރުގަދަކޮށް ނުކުތް އެއް ޓީމަކީ ހޯކްސް އެވެ. އެޓީމުން ވަނީ ފުރަތަމަ މެޗުގައި 0-4 އިން ކްލަބް ލޯކަލްޗާ ބަލިކޮށްފަ އެވެ.
މިދިޔަ އަހަރު ސެކްޓާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު އެރީނާ ހޮޓެލްސް ވަނީ ބިއޯންޑް ކޮޅަށް 13 ގޯލު ޖަހައިފަ އެވެ. އެ ސްކޯ އަކީ ރޭގެ ނިޔަލަށް ސެކްޓާ ލީގުގައި ރެކޯޑެކެވެ.

އެރީނާ ވަނީ ރޭ ކުޅުނު މެޗުގައި ޔޫރޯ ރެކްރިއޭޝަން ކްލަބާ ވާދަކޮށް 0-3 އިން މޮޅުވެފަ އެވެ. މެޗުގައި އެރީނާ އަށް ގޯލުތައް ކާމިޔާބުކޮށްދިނީ އިސްމާއީލް ނަޒީހު އާއި އަހުމަދު ހާފިޒް މުހައްމަދުގެ އިތުރުން ހަސަން އިމްރާނެވެ.
ރޭ އިސްލާމިކް ބޭންކުގެ ޓީމުން ވަނީ ކްލަބް ވެލިގާ 0-1 އިން ބަލިކޮށްފަ އެވެ. މެޗުގައި އިސްލާމިކް ބޭންކުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިޝް އިބްރާހީމް އެވެ.
އެމްއޭޑަބްލިއުސީ ވަނީ ބިއޯންޑާ ވާދަކޮށް 0-3 އިން މޮޅުވެފަ އެވެ. އެމްއޭ ޑަބްލިއުސީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކުރީ އަބްދުﷲ ރިޒާން މުހައްމަދެވެ. އަނެއް ގޯލު ޖެހީ މުހައްމަދު ރާއިފް ފަޒީލް އެވެ.
މާކޯ ރެކްރިއޭޝަން ކްލަބް ވަނީ ކްލަބް ލޯކަލްޗާއާ ވާދަކޮށް 4-1 އިން މޮޅުވެފަ އެވެ. މާކޯގެ ޔޫހު ނަސީރު ހެޓްރިކް ހެދިއިރު އެޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު އިޔާދު އަލީ އެވެ. ލޯކަލްޗާގެ ގޯލު ޖެހީ އަހުމަދު ޝާނިއު އަބްދުލްގަނީ އެވެ.
https://www.fahuminet.com/tournaments/sector-league-2026
ކްލަބް އެސްބީއައި ރޭ ކުޅުނު މެޗުގައި ބަރޮސް މޯލްޑިވްސްއާ ވަދަކޮށް ވަނީ 1-3 އިން މޮޅުވެފަ އެވެ. އެސްބީއައި އަށް ގޯލުތައް ކާމިޔާބުކޮށްދިނީ އުނައިޝް އަހުމަދާއި ދެ ގޯލު ޖެހި އަބްދުﷲ ތަހުޝީނެވެ. ބަރޮސް މޯލްޑިވްސްގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ނަޒީހެވެ.
ސެކްޓާ ލީގުގައި މިރޭ ހަތަރު މެޗު ކުޅޭނެ އެވެ. މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވަނީ އެމްއޭޑަބްލިއުސީ އާއި ހޯކްސްގެ އިތުރުން މާކޯ ރެކްރިއޭޝަނެވެ.