މިހާރު ތުލުސްދޫގައި ކުރިއަށްދާ މިޔަޓް ފުޓްސަލް ފިއެސްޓާގައި ކަންމަތި އެފްސީ އާއި އެކްސް ބޯއީޒް ކުޅުނު ފުރަތަމަ މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކުރި އިރު، ދިއްފުށި ފުޓްސަލް ޓީމުން ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް އުންމީދު އާކޮށްފި އެވެ.
ކ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގައި މިރޭ ތިން މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ގްރޫޕް ބީގެ ކަންމަތި އެފްސީއިން ވަނީ ބްލެކް އީގަލްސްއާ ވާދަކުރި މެޗު 1-4 އިން ކާމިޔާބުކޮށްފަ އެވެ.
މި މުބާރާތުގެ ތަށި ތިންވަނަ ފަހަރަށް އުފުލާލުމަށް އަމާޒު ހިފައިގެން ނުކުތް ކަންމަތި އެފްސީއިން މިރޭގެ މެޗުގައި ޖެހި ހަތަރު ގޯލްގެ ތެރެއިން ތިން ގޯލް ކާމިޔާބުކޮށްފައިވަނީ މިއަހަރު އޮތް ސާފް ފުޓްސަލް ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގައި ވެސް ހިމެނުނު ހުސައިން ސުހައިލް (ސޮކޭ) އެވެ.
މި މެޗުގައި ކަންނަތި އެފްސީއިން ޖެހި އަނެއް ގޯލް ކާމިޔާބުކޮށްދީފައިވަނީ މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކިންގުގެ މަގާމު ހޯދި ޔާމީން މުހައްމަދު (ޔާންޓެ) އެވެ. މި މުބާރާތް އެންމެ ފަހުން ބޭއްވި އަހަރުގެ ފައިނަލްގައި ވާދަކުރި ބްލެކް އީގަލްސް އިން މިރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން އަފްސަލް އެވެ.

މިރޭގެ ދެވަނަ މެޗުގައި ގާފަރަށް ނިސްބަތްވާ އެކްސް ބޯއީޒް އިން މުބާރާތުގައި މުޅިން އަލަށް ބައިވެރިވި ވޭލިއެންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދީ ހަމަ 1-4 ގެ ނަތީޖާއިންނެވެ. މި މެޗު ފަށައިގެން ފުރަތަމަ މިނެޓްގެ ތެރޭގައި އެންމެ ފަހުން ނިމުނު ކްލަބް މޯލްޑިވްސް ކަޕްގެ ކިންގްގެ މަގާމު ހޯދި ޝަނާން ރަޝާދު ގޯލެއް ޖަހައި އެކްސް ބޯއިޒްއަށް ލީޑް ނަގައިދިން އިރު މެޗުގައި އެ ޓީމުން ޖެހި އަނެއް ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދީފައިވަނީ އަލީ މާއިސް (މައްޓު) އެވެ.
މި މެޗުގައި އެކްސް ބޯއީޒްގެ އިސްމާއިލް ވަޖީހް (ވައްޖެ) ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ. ވޭލިއަންޓް އެފްސީއަށް މި މެޗުގައި ސުން ކަނޑުވައިދިނީ އަލީ އަލާން އެވެ.
މިޔަޓް ފުޓްސަލް ފިއެސްޓާގައި މިރޭ ކުޅުނު ފަހު މެޗުގައި ދިއްފުށި ފުޓްސަލް ޓީމުން ވަނީ އެޕޮކަލިޕްސް އެފްސީ އަތުން ބޮޑު މޮޅެއް ހޯދައިފަ އެވެ. ރޭ މުބާރާތް ހުޅުވި މެޗުގައި އެޕޮކަލިޕްސް ސްޕޯޓްސް ކްލަބް އަތުން ބަލިވި ދިއްފުށިން މިރޭގެ މެޗުގައި އެޕޮކަލިޕްސް އެފްސީ ބަލިކުރީ 0-6 އިންނެވެ.
https://fahuminet.com/tournaments/myat-futsal-fiesta-2026
މި މެޗުގައި ދިއްފުށިގެ ތަރި އަހްމަދު ރިޒްވާން (ރިޒޭ) ދެ ގޯލް ކާމިޔާބުކުރި އިރު އެހެން ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ސާދު ނިޒާރާއި، ރިލްވާން ރަޝީދުގެ އިތުރުން ޝައިހާން ފާއިޒާއި، މުހައްމަދު ޝަމީމެވެ.
މުބާރާތުގައި މާދަމާ ރޭ ކުޅޭނީ ދެ މެޗެވެ. ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެޕޮކަލިޕްސް ސްޕޯޓްސް ކްލަބާއި ވޭލިއަންޓް ވާދަކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަންމަތި ނިއު ޖެނެރޭޝަނާއި، އެފްސީ ކުޑަ ވިލިގިއްޔެވެ.