ޓީމުތަކަށް އައި ބަދަލުތަކާއެކު ބޮޑު އުންމީދެއް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިރޭ ފަށާނެ އެވެ.
މިއަހަރުވެސް ސީޒަން ފެށުމުގެ ގޮތުން ކުޅޭނީ އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗެވެ. މިރޭ ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.
ފުޓްބޯޅަ ސީޒަން މިރޭގެ މެޗުން ފަށާއިރު، ސީޒަނުގެ މުބާރާތްތައް ކުޅޭނެ ތާރީހުތައް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އާންމެއް ނުކުރެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފަށާނީ ސެޕްޓެމްބަރު މަހު އެވެ. ލީގުގެ ކުރިން ކަޕް ވިނާސް ކަޕް ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ވެސް 10 ޓީމެއް ވާދަކުރާނެ އެވެ. އެގޮތުން، އެފްއޭއެމް އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ރީޖަނަލް މުބާރާތްތަކުގައި ވާދަކުރި ޓީމުތައް ވަނީ މިހާރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.
ފުރަތަމަ ޑިވިޝަނުން އަލަށް ޖާގަ ހޯދީ ހއ. ދިއްދޫ އާއި ގދ. ގައްދޫގެ އިތުރުން ބިސް ބުރު ސްޕޯޓްސް ކްލަބެވެ. އަދި ޕްރިމިއާ ލީގުގެ ކޮލިފައިން ބުރުގައި ކުޅެ ޓީސީ ސްޕޯޓްސް ކްލަބް ވަނީ ފުރަތަމަ ޑިވިޝަނުގެ ޖާގަ ދަމަހައްޓައިފަ އެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ކުޅުނު ޓީމުތަކުގެ ތެރެއިން ކޮލިފައިން ބުރުގައި ވާދަކޮށް ފުރުސަތު ގެއްލުނީ ކްލަބް ގްރީން ސްޓްރީޓްސް އަށެވެ.
ރާއްޖޭން މިފަހަރު ބައިނަލްއަގްވާމީ ކްލަބް މުބާރާތުގައި ވާދަކުރާނީ މާޒިޔާ އެވެ. އެޓީމު ވާދަކުރާނީ އޭޝިއާގެ ތިންވަނަ ފަންތީގެ މުބާރާތް، އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިން ބުރުގަ އެވެ. ކޮލިފައިން ބުރުގައި މާޒިޔާ ކުޅޭނީ ތަޖިކިސްތާން ކަޕްގެ ޗެމްޕިއަންކަން ހޯދި އެފްސީ ރެގާރޫ ޓަޑާޒްއާ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.
ޗެރިޓީ ޝީލްޑް މެޗު މިރޭ ކުޅޭއިރު މާޒިޔާއި އަކީ މި މެޗުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ ހަ ފަހަރު ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. އެއީ 2015، 2016، 2017، 2021، 2023 އަދި 2025 ވަނަ އަހަރެވެ.
ނިއު ރޭޑިއަންޓުން ޗެރިޓީ ޝީލްޑް ކާމިޔާބުކުރީ 2013 އަދި 2014 ވަނަ އަހަރު އެވެ.
ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި އޮއްވައި އާ ލީޑަޝިޕާއެކު ފުޓްބޯޅައިގެ ރަނގަޅު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެފްއޭއެމްގެ މިހާރުގެ ރައީސް އަހުމަދު ތޯރިގު (ޓޮޕް) ގެ ލީޑަރޝިޕްގައި އެ އިދާރާގެ ކަންކަން އަލުން ތަރުތީބު ކުރުމަށްފަހު ފުރަތަމަ ފުޓްބޯޅަ ސީޒަން ވަނީ ފުރިހަމަކޮށްފަ އެވެ. އާ ސީޒަނަކީ މި ލީޑަރޝިޕްގައި ކުޅޭނެ ދެ ވަނަ ފުޓްބޯޅަ ސީޒަނެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާ މެޗު ގަލޮޅު ދަނޑުގައި ފަށާނީ މިރޭ 9 ޖަހާއިރު އެވެ.