ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަން ބަލިކޮށް އެޕޮކަލިޕްސްގެ ފެންވަރު ފުރަތަމަ މެޗުގައިވެސް ދައްކާލައިފި
ޗެމްޕިއަން ބަލިކޮށް އެޕޮކަލިޕްސްގެ  ފެންވަރު ފުރަތަމަ މެޗުގައިވެސް ދައްކާލައިފި
އެޕޮކަލިޕްސް އިން ދިއްފުށި ބަލިކުރި މެޗުގެ ތެރެއިން. މުބާރާތުގެ ކުޅުން މިރޭ ވަނީ ފަށާފައި. ފޮޓޯ: މިޔަޓް

ޗެމްޕިއަން ބަލިކޮށް އެޕޮކަލިޕްސްގެ ފެންވަރު ފުރަތަމަ މެޗުގައިވެސް ދައްކާލައިފި

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 30 ޖުލައި 2026

މިޔަޓް ފުޓްސަލް ފިއެސްޓާގެ ފުރަތަމަ މެޗު ދިއްފުށި ފުޓްސަލް ޓީމާ ވާދަކޮށް އެޕޮކަލިޕްސް ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފި އެވެ.

މުބާރާތް އެންމެ ފަހުން ބޭއްވި ދެ އަހަރުވެސް ތަށި އުފުލާލި ދިއްފުށީގެ މައްޗަށް އެޕޮކަލިޕްސް އިން ކުރި ހޯދީ 0-2 އިންނެވެ.

މިރޭގެ މެޗުގައި އެޕޮކަލިޕްސް އިން ލީޑް ނެގީ މެޗު ފަށައިގެން ކުޑައިރު ކޮޅެއްވެސް ނުވަނީހެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ދިއްފުށި ޓީމުގެ ގޯލް އޭރިއާގެ ބޭރުގައި ހުރެ ބޯޅަ ގޯލަށް އަމާޒުކޮށްލައިގެން ހުސައިން ޝަރީފް (އޮންލީ) އެވެ.

މި ލަނޑަށް ފަހު ދިއްދުށި ފުޓްސަލް ޓީމުން ކުރިއަށް ޖެހި އެޕޮކަލިޕްސްގެ ގޯލަށް ނުރައްކާކުރެވޭތޯ މަސައްކަތްކުރި އެވެ. މި ވަގުތުގެ ތެރޭގައި ދިއްފުށީގެ އަހްމަދު ރިޒްވާން (ރިޒޭ) އާއި މުހައްމަދު ސާދު ނިޒާރު ފޮނުވާލި ހަމަލާތައްވީ ބޭކާރެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޕޮކަލިޕްސްގެ ލީޑް ފުޅާކުރަން އޮންލީއަށް ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ދިއްފުށީގެ ގޯލާ އަމާޒުކޮށް އޮންލީ ފޮނުވާލި ބާރު ބޯޅަ އެ ޓީމުގެ ގޯލްކީޕަރު އަހުމަދު މާހިން މުހައްމަދު ވަނީ ހުށިޔާރު ކަމާއެކު މަތަކޮށްފަ އެވެ.

އެޕޮކަލިޕްސްގެ އަފްލާޒް ބޯޅަ ހިފައިގެން. އެޓީމު މޮޅުވީ ޗެމްޕިއަން އަތުން. ފޮޓޯ: މިޔަޓް 
އެޕޮކަލިޕްސްގެ އަފްލާޒް ބޯޅަ ހިފައިގެން. އެޓީމު މޮޅުވީ ޗެމްޕިއަން އަތުން. ފޮޓޯ: މިޔަޓް 

މެޗުގެ ފުރަތަމަ ހާފާއި ހިލާފަށް ފަހު ހާފުގައި ދެ ޓީމުން ކުރެ އެއް ޓީމަކަށްވެސް މާ ގިނަ ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވި އެވެ. މި ހާފުގައި އުފެއްދި ނުރައްކާތެރި ފުރަތަމަ ހަމަލާވެސް އުފެއްދީ އެޕޮކަލިޕްސް އިންނެވެ. އެޕޮކަލިޕްސްގެ އަހްމަދު އަފްލާޒް އެ ޓީމުގެ މުހައްމަދު ވިލްފަށް ދިން ރީތި ބޯޅަ ވިލްފް ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަކުރަން ދިއްފުށްޓަށް ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ދިއްފުށީގެ ރިޒޭ ހުސްކޮށް ހުރި އެ ޓީމުގެ އަހްމަދު މާޒިން އަށް ދިން ބޯޅަ ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވި އެވެ.

މެޗުގައި އެޕޮކަލިޕްސްއަށް ދެވަނަ ގޯލެއް ކާމިޔާބުކޮށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗު ނިމިނިމި އޮއްވައި ވިލްފަށް ލިބުނު ބޯޅައެއް ދިއްފުށި ޓީމުގެ ގޯލްކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ގޯލްތެރެއަށް ވައްދާލައިގެންނެވެ.

މުބާރާތުގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން މިޔަޓް ސްޕޯޓްސް ފިއެސްޓާ ހުޅުވުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމެވެ.

https://fahuminet.com/tournaments/myat-futsal-fiesta-2026

މިޔަޓް ފުޓްސަލް ފިއެސްޓާގައި މާދަމާ ރޭ ތިން މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ މެޗުގައި ގްރޫޕް ބީގެ ބްލެކް އީގަލްސް އާއި ކުޑަ ވިލިގިލި ވާދަކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެ ޓީމު ކަމަށްވާ ވޭލިއަންޓް ސްޕޯޓްސް ކްލަބާއި، އެކްސް ބޯއީޒް އެވެ. މާދަމާ ރޭގެ ފަހު މެޗުގައި ދިއްފުށި ފުޓްސަލް ޓީމު ވާދަކުރާނީ މިރޭ އެ ޓީމު އަތުން މޮޅުވި އެޕޮކަލިޕްސް ސްޕޯޓްސް ކްލަބްގެ ދެވަނަ ޓީމު ކަމަށްވާ އެޕޮކަލިޕްސް އެފްސީއާ އެވެ.

 

 

ކޮމެންޓްސް

Matches
2
Ongoing
1
Upcoming
Predict
Settings