ފުރަތަމަ ސަފްޙާ / ޚަބަރު / ކުލަގަދަ ރަސްމިއްޔާތަކުން ކ. އަތޮޅުގެ އެންމެ ފޯރިގަދަ ފުޓްސަލް އީދު މިރޭ ފަށަނީ
ކުލަގަދަ ރަސްމިއްޔާތަކުން ކ. އަތޮޅުގެ އެންމެ ފޯރިގަދަ ފުޓްސަލް އީދު މިރޭ ފަށަނީ
މިޔަޓް ސްޕޯޓްސް ފިއެސްޓާގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. މިރޭ މުބާރާތް ފަށާނެ. ފޮޓޯ: މިޔަޓް

ކުލަގަދަ ރަސްމިއްޔާތަކުން ކ. އަތޮޅުގެ އެންމެ ފޯރިގަދަ ފުޓްސަލް އީދު މިރޭ ފަށަނީ

ޢަބްދުﷲ އަޝްރަފް
ޢަބްދުﷲ އަޝްރަފް
12 ގަޑިއިރު ކުރިން 30 ޖުލައި 2026

ކުޅަގަދަ ހުޅުވުމުގެ ރަސްމިއްޔާތަކާއެކު މިޔަޓް ފުޓްސަލް ފިއެސްޓާ މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.

ކ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް އީދު ފެށުމަށްޓަކައި މިރޭ ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ބޮޑުބެރު ގްރޫޕް ކަމަށްވާ ހޭވައްލާގެ ހާއްސަ ހުށަހެޅުންތަކުގެ އިތުރުން ހިތްގައިމު ގިނަ ހަރަކާތްތަކެއް ފެންނާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން މައުލޫމާތު ދެ އެވެ.

މިރެއިން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ ނުވަ ޓީމަކުން ވާދަކުރާއިރު މުބާރާތުގެ މެޗުތައް ކުރިއަށްގެންދަން ރާވާފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ސްޓޭޖްގެ މެޗުތައް ލީގު އުސޫލުން ކުޅުމަށްފަހު ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ދެން ވާދަކުރާނީ ސެމީ ފައިނަލްގަ އެވެ.

މިޔަޓް ފުޓްސަލް ފިއެސްޓާގެ ނަމުގައި 2018 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގެ ގްރޫޕް އޭގައި މިފަހަރު ހިމެނެނީ މުބާރާތް އެންމެ ފަހުން ބޭއްވި ދެ އަހަރު ވެސް ތަށި އުފުލާލައިފައިވާ ދިއްފުށި ފުޓްސަލް ޓީމާއި، ގާފަރަށް ނިސްބަތްވާ އެކްސް ބޯއިޒްގެ އިތުރުން މި މުބާރާތް 2022 ވަނަ އަހަރު ކާމިޔާބުކުރި އެޕޮކަލިޕްސް ސްޕޯޓްސް ކްލަބާއި، ހަމަ އެ ކުޑައިގެ ދަށުން ނުކުންނަ އެޕޮކަލިޕްސް ފުޓްސަލް ޓީމާއި އަދި މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ވޭލިއަންޓް ސްޕޯޓްސް ކްލަބެވެ.

ގްރޫޕް ބީގައި ހިމެނެނީ މުބާރާތް މިހާތަނަށް ދެ ފަހަރު ކާމިޔާބުކޮށްފައިވާ މަލްޓި އެކްސް ކަންމަތި އެފްސީ އާއި، ކަންމަތި ނިއު ޖެނެރޭޝަންގެ އިތުރުން މި މުބާރާތުގެ ފައިނަލްގައި 2023 ވަނަ އަހަރު ވާދަކުރި ބްލެކް އީގަލްސް އާއި އަދި ތުލުސްދޫއާ އެންމެ ކައިރީގައި އޮންނަ ކުޑަ ވިލިގިލި ރިސޯޓަށް ނިސްބަތް އެފްސީ ކުޑަ ވިލިގިއްޔެވެ.

މިޔަޓް ފުޓްސަލް ފިއެސްޓާގެ ހަ ވަނަ މުބާރާތް ފަށަން ކުޑަތަންވެފައިވާއިރު މިފަހަރުގެ މުބާރާތް ހާއްސަވާ ސަބަބުތަކެއްވެސް އެބަ ހުއްޓެވެ. އެއީ މި މުބާރާތުގައި ވާދަކުރާ ދިއްފުށި ފުޓްސަލް ޓީމާއި، ކަންމަތި އެފްސީއަށް މުބާރާތުގެ ތަށި ތިންވަނަ ފަހަރަށް އުފުލާލުމުގެ ފުރުސަތު މިފަހަރު އޮތުމެވެ. މީގެ އިތުރުން މި މުބާރާތުގެ ތަށްޓަށް އިތުރު ތިން ޓީމަކުން ފައިނަގައިފައި އޮތުމާއެކު މިފަހަރުގެ މުބާރާތުގެ ފޯރި އެހެން ހުރިހާ ފަހަރަކަށްވުރެ ގަދަވާނެ ކަމަށް ބެލެވެ އެވެ.

މިޔަޓް ފުޓްސަލް ފިއެސްޓާއަކީ އަތޮޅުތެރޭގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ފުޓްސަލް ތަރިން ފެންނާނެ އެއް މުބާރާތަށް ވާނެ އެވެ. މިފަހަރުގެ މުބާރާތުގައިވެސް ކަން އޮތީ އެހެންނެވެ. މިއަހަރުގެ ޖެނުއަރީ މަހު ތައިލެންޑްގައި އޮތް ސާފް ފުޓްސަލް ޗެމްޕިއަންޝިޕުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ގައުމީ ޓީމުގައި ހިމެނުނު ނުވަ ކުޅުންތެރިޔަކު މިފަހަރުގެ މިޔަޓް ފުޓްސަލް ފިއެސްޓާގައި ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު މިއަހަރު ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކިންގްގެ މަގާމު ހޯދި ޔާމީން މުހައްމަދު (ޔާންޓެ)، އާއި ދާދި ފަހުން ނިމުނު ކްލަބް މޯލްޑިވްސް ކަޕްގެ ކިންގްގެ މަގާމު ހޯދި ޝަނާން ރަޝާދު ވެސް މި މުބާރާތުގައި ކުޅޭނެ އެވެ.

މުބާރާތުގެ ތަށި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އުފުލާލަން ދިއްފުށިން ކުރަން ތައްޔާރުވާ ދަތުރު މިރޭ ފަށާއިރު އެ ޓީމަށް ގްރޫޕް ސްޓޭޖުގައި އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިވާނެ ކަމަށް ބެލެވެނީ އެކްސް ބޯއިޒް އާއި އެޕޮކަލިޕްސް ސްޕޯޓްސް ކްލަބްގެ ފަރާތުންނެވެ.

އެކްސް ބޯއިޒް ޓީމަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ފުޓްސަލް ތަރިން އެންމެ ގިނަ އެއް ޓީމެވެ. މި ޓީމުގައި ޝަނާން ރަޝާދާއި، އިޝާން އިބްރާހީމް (ސައްޓު) އާއި، އަލީ ޝިޔާހް (ޝިޔަޅޭ) ގެ އިތުރުން އިސްމާއިލް ވަޖީހް (ވައްޖެ) އާއި މިއަހަރު އޮތް ކިންގްސް ކަޕާއި އޮފީސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް ރިމާހް (ރިމޭ) ހިމެނޭ އިރު އެޕޮކަލިޕްސް ސްޕޯޓްސް ކްލަބް ވެސް އޮތީ ވަރަށް ވަރުގަދަކޮށެވެ. އެޕޮކަލިޕްސްގައި ހިމެނޭ ތަރިންގެ ތެރޭގައި އިތުރު ތައާރަފަކަށް ބޭނުން ނުވާނެ ހުސައިން ޝަރީފް (އޮންލީ) އާއި މިދިޔަ އަހަރު އޮތް ކްލަބް މޯލްޑިވްސް ކަޕްގެ ކިންގުގެ މަގާމު ހޯދި އަހްމަދު އަފްލާޒްގެ އިތުރުން އަބްދުﷲ ޝައްފާން (ޝާކާ) ފާހަގަކޮށްލެވެ އެވެ.

https://www.fahuminet.com/tournaments/myat-futsal-fiesta-2026

މުބާރާތް ބޭއްވި ފުރަތަމަ ދެ އަހަރު ތަށި އުފުލާލި ކަންމަތި އެފްސީއިން ގައުމީ ފުޓްސަލް ޓީމުގެ ހަތަރު ކުޅުންތެރިންނާއެކު އަލުން މުބާރާތުގެ ރަސްކަން ހޯދަން ނުކުންނައިރު އެ ޓީމަށް ގްރޫޕް ސްޓޭޖުގައި އެންމެ ވަރުގަދަ ވާދައެއް ކުރާނެ ކަމަށް ބެލެވެނީ ބްލެކް އީގަލްސް އިންނެވެ. ބްލެކް އީގަލްސްއިން މިފަހަރު ސީދާ ތަށްޓަށް ނުކުތްއިރު އެ އަމާޒަށް ވާސިލްވާން ޓީމުގައި ހިމެނި ތަރިންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އަލީ ހައިސަމް (ޗުންޕު) އާއި މުހައްމަދު އިޝާމް (ޝަންޓޭ) އެވެ.

މި މުބާރާތް ހުޅުވާ މެޗުގައި މިރޭ ބައްދަލުކުރާނީ ދިއްފުށި ފުޓްސަލް ޓީމާއި، އެޕޮކަލިޕްސް ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ މެޗުތަކުގެ ލައިވް ސްކޯ އާއި އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.   

ކޮމެންޓްސް

Matches
2
Ongoing
1
Upcoming
Predict
Settings