މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ފިއެސްޓާ މިރޭ ފަށާއިރު މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއްގެ ވެސް އުންމީދުތައް މައްޗެވެ. ބައެއް ޓީމުތަކުން މުބާރާތުގެ ތަށްޓާ މެދު ފޮނި ހުވަފެންތަކެއް ދެކެމުން އަންނައިރު ބައެއް ޓީމުތަކުގެ އަމާޒު ހުރީ އެންމެ ފަހުން ވާދަކުރި މުބާރާތުގައި ނެރުނު ނަތީޖާއަށްވުރެ ރަގަޅު ނަތީޖާއެއް ނެރޭށެވެ. އޭގެ ތެރެއިން އެއް ޓީމަކީ ތުލުސްދޫއާ އެންމެ ކައިރީގައި އޮންނަ ކުޑަ ވިލިގިލި ރިސޯޓްގެ ފުޓްސަލް ޓީމެވެ.
އެފްސީ ކުޑަވިލިގިލި ނަމުގައި މުބާރާތުގައި ބައިވެރިވަމުން އަންނަ މި ޓީމަކީ މިޔަޓް ފުޓްސަލް ފިއެސްޓާއަށް އެންމެ ފަރިތަ އެއް ޓީމެވެ. މީގެ އަށް އަހަރު ކުރިން މިޔަޓް ފުޓްސަލް ފިއެސްޓާ ބާއްވަން ފެށީއްސުރެ ކުޑަ ވިލިގިލިން އަންނަނީ މުބާރާތުގައި ވާދަކުރަމުންނެވެ. ގިނަ ޓީމުތަކުން މުބާރާތުގައި ބައިވެރިކުރާ ޓީމުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިން ހިމަނަމުން އަޔަސް ކުޑަ ވިލިގިލިން ދަމަހައްޓަމުން އަންނަ ސަގާފަތް މުޅިން ތަފާތެވެ.
"މި ޓީމަކީ ސީދާ ކުޑަވިލިގިލި ރިސޯޓްގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފުންގެ ޓީމެއް. މިއީ އެ މުވައްޒަފުން ބޭނުންވެގެން އެކުދިން ފުޓްސަލްއަށް އޮންނަ ޝައުގުވެރިކަމެއްގެ ބޮޑު ކަމުން ކުރާ ކަމެއް. އެހެންވީމަ އެކުދިންނަށް ޖާގަ ނުލިބޭ ގޮތަށް މި ޓީމު އެކުލަވާލުން އެއީ ރަގަޅު ގޮތެއް ކަމަކަށް ނުފެނޭ." މުބާރާތަށް ޓީމު އެކުލަވާލުމުގައި މެނޭޖްމަންޓުން ގެންގުޅޭ ވިސްނުން "ފަހުމިނެޓް"އާ ހިއްސާކުރަމުން ކުޑަ ވިލިގިލި ފުޓްސަލް ޓީމުގެ މެނޭޖަރު އަހްމަދު ތޮލާލް ބުނެފައިވެ އެވެ.
ކުޑަ ވިލިގިލި ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ އުފަލަށްޓަކައި އެ ރިސޯޓްގެ މެނޭޖްމަންޓުން މި ޓީމު ނެރުނު ކަމުގައިވިޔަސް މުބާރާތަށް އެ ޓީމު ނުކުންނަނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ހަތަރު ސަތޭކައެއްހާ މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނަ ރިސޯޓުން މުބާރާތަށް ޓީމު އެކުލަވާލަނީ ރިސޯޓްގެ އެކި ޑިޕާޓްމަންޓްތަކުގެ މެދުގައި މުބާރާތެއް ބޭއްވުމަށްފަހު އެ މުބާރާތުގައި އެންމެ ރަގަޅު ކުޅުމެއް ދައްކާ ކުޅުންތެރިން ހިމަނައިގެންވެ.
މިފަހަރުވެސް މީގެ ތިން މަހެއްހާ ދުވަސް ކުރިން އަޅުގަނޑުމެން ބޭއްވިން އިންޓަ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތެއް. އެ މުބާރާތުން ފާހަގަވި ކުޅުންތެރިން ހިމަނައިގެން މިފަހަރުގެ ޓީމު ވެސް އެކުލަވާލައިފައި މި އޮތީ
https://fahuminet.com/tournaments/myat-futsal-fiesta-2026
މުބާރާތުގައި ބައިވެރިވާ ގިނަ ޓީމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓީމު އެކުގައި މުބާރާތަށް ފަރިތަކުރަން ލިބޭ ފުރުސަތު މަދުވުމެވެ. އެކަމަކު ކުޑަވިލިގިއްޔަށް އެ ބޮލުގަ ރިހުމެއް ނެތެވެ. މުބާރާތަށް ތައްޔާރުވުމަށް ކޮންމެ ދުވަހަކުހެން ފަރިތަކުރުންތައް ރިސޯޓްގައި ބާއްވަމުން އަންނައިރު އެ ޓީމުގެ އަމާޒަކީ މިފަހަރުގެ މުބާރާތުގައި ރަގަޅު ވާދައެއް ކުރުމެވެ.
ޖުމްލަ ނުވަ ޓީމަކުން ވާދަކުރަމުން އަންނަ މިފަހަރުގެ މިޔަޓް ފުޓްސަލް ފިއެސްޓާގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު ކުޑަ ވިލިގިލި ވާދަކުރާނީ ގްރޫޕް ބީ ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ މި މުބާރާތް މިހާތަނަށް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ކަންމަތި އެފްސީ އާއި 2023 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރި ބްލެކް އީގަލްސްގެ އިތުރުން ކަންމަތި ނިއު ޖެނެރޭޝަނެވެ.