ކ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ އިންތިޒާމުތައް ފުރިހަމަ ފުޓްސަލް މުބާރާތް މާދަމާ ރޭ ތުލުސްދޫގައި ފަށާއިރު މުބާރާތުގައި ވާދަކޮށްލުންވެސް ބައެއް ޓީމުތަކުން ދެކެނީ ފަހުރެއްގެ ގޮތުގަ އެވެ.
ތުލުސްދޫގައި އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މިޔަޓުން އިންތިޒާމްކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ފިއެސްޓާގެ ޝަރަފް ދަމަހައްޓަން އެ ޓީމުތަކުން ކުރަމުން އަންނަ މަސައްކަތްވެސް ގިނަ އެވެ.
އޭގެ ތެރެއިން އެއް ޓީމަކީ މި މުބާރާތުގައި ވާދަކުރާ މަލްޓި އެކްސް ކަންމަތި ނިއު ޖެނެރޭޝަނެވެ. ކަންމަތި ނިއު ޖެނެރޭޝަނަކީ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން މުބާރާތުގެ އާޖުފާޖު އެންމެ ރަނގަޅަށް ދަންނާނެ އެއް ޓީމެވެ. ކަންމަތި ނިއު ޖެނެރޭޝަން ނަމުގައި ނޫނަސް މި ޓީމުން ވަނީ މިހާތަނަށް ބޭއްވި މިޔަޓް ފުޓްސަލް ފިއެސްޓާގެ ހުރިހާ މުބާރާތެއްގައި ބައިވެރިވެފަ އެވެ.
ކަންމަތި ނިއު ޖެނެރޭޝަނުން މިހާތަނަށް ބައިވެރިވި ހުރިހާ މުބާރާތެއްވެސް އެ ޓީމަށް ނިންމާލަން ޖެހިފައި އޮތީ ގްރޫޕް ސްޓޭޖާއި ހަމައިންނެވެ. ފުޓްސަލްއަށް މަރުދޭ ޒުވާންގެ ކުދިންތަކެއްގެ ހިތުގައި އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުން އޭރު ހަމައެކަނި ކުޅެލަން ބައިވެރިވަމުން އަޔަސް އެކުދިން މިހާރު ބުނަމުން އެ އަންނަނީ އެ ދުވަސް ހިނގައްޖެ ކަމަށެވެ. ތަސައްރަފު ފުދެމުން އަންނަ އެ ޒުވާނުން މިހާރު ބުނަމުން އަންނަނީ ކަންމަތި ނިއު ޖެނެރޭޝަނުން ބޮޑެތި ޓީމުތަކާ ވާދަކުރަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.
"ކޮންމެ ފަހަރަކު މެޗަށް އަރާއިރު ދަނޑު މަތިން މި ފެންނަނީ ހުސް ފުޓްސަލް ކިންގުން. އެހެންވީމަ އަހަރެމެންވެސް މިފަހަރު ބޭނުންވީ މި މުބާރާތަކީ ވަރުގަދަ މުބާރާތަކަށް ވީމަ އަހަރެމެންގެ ވިސްނުންވެސް ބަދަލުކުރަން." މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން "ފަހުމިނެޓް" އަށް މައުލޫމާތު ދެމުން ކަންމަތި ނިއު ޖެނެރޭޝަންގެ މެނޭޖަރު އަހްމަދު އަޔާން ބުނެފައިވެ އެވެ.
މީގެކުރިން ކަންމަތި ނިއު ޖެނެރޭޝަނުން ވާދަކުރި މުބާރާތްތަކުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިން ހިމަނާފައި ނުވިޔަސް މިފަހަރު އެ ޓީމުގައި ރަން ތަރިންގެ ލިސްޓުން ޖާގަ ހޯދާފައިވާ ކުޅުންތެރިންވެސް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ގައުމީ ޓީމުގައި ހިމެނުނު ގޯލްކީޕަރު އިބްރާހީމް ނާޖިހް އެވެ. ނާޖިހު ވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފަހްރުވެރި ތަށި މިއަހަރު ނައިވާދޫއަށް ހޯދައިދިނުމުގައި ބޮޑު ހިއްސާއެއް އަދާކޮށްފަ އެވެ.
ނާޖިހުއާއެކު ކަންމަތި ނިއު ޖެނެރޭޝަންގެ ދިފާއީ ފާރު ވަރުގަދަ ކުރިއިރު ރާއްޖޭގެ ފުޓްސަލްއަށް ފަރިތަ އިތުރު ކުޅުންތެރިން ހިމަނައިގެން އެ ޓީމުން ވަނީ ހަމަލާ އުފެއްދުމުގެ ބާރުވެސް ވަރުގަދަކޮށްފަ އެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ފުވައްމުލަކު ޓީމުން ވިދާލި މޫސާ އަޒީމާއި، އެންމެ ފަހުން ނިމުނު ކްލަބް މޯލްޑިވްސް ކަޕްގައި އެމްޕީއެލްއަށް މުހިންމު ގޯލްތަކެއް ކާމިޔާބުކޮށްދިން އިބްރާހީމް އަތީގުގެ އިތުރުން ހަމަ އެ މުބާރާތުގައި ވާދަކުރި ކްލަބް އިމިގްރޭޝަންއަށް ކުޅުނު ކައިސަން ބިން ހިސާން ވެސް ކަންމަތި ނިއު ޖެނެރޭޝަން ޓީމުގައި ވަނީ ހިމަނައިފަ އެވެ.
https://fahuminet.com/tournaments/myat-futsal-fiesta-2026
ކުރިން އަހަރެމެން ބައިވެރިވަމުން އައީ ތަޖުރިބާ ހޯދަން. އެކަމަކު މިފަހަރު އަހަރެމެންގެ ޓާގެޓަކީ އެހެން ޓީމުތަކަށް ވަރުގަދަ ފައިޓެއް ދިނުން. އިރާދަކުރެއްވިއްޔާ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭނެ ކަމުގެ އުންމީދު މިފަހަރު އެބަ އޮތް.
"ކަންމަތި ނިއު ޖެނެރޭޝަންއޭ ބުނީމަ މިހާރު ވެސް މީހުން ދެކޭނީ ވަރަށް އާދައިގެ ޓީމެއްގެ ގޮތަށް. އަހަރެމެން މިފަހަރު މި ނުކުންނަނީ އެކަން ބަދަލުކުރަން." އަޔާން އިތުރަށް ބުނެފައިވެ އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިފަހަރުގެ މިޔަޓް ފުޓްސަލް ފިއެސްޓާގައި ކަންމަތި ނިއު ޖެނެރޭޝަން ވާދަކުރާނީ ގްރޫޕް ބީ ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ކަންމަތި އެފްސީ އާއި ބްލެކް އީގަލްސްގެ އިތުރުން އެފްސީ ކުޑަ ވިލިގިއްޔެވެ.