ފުޓްސަލްގައި ތުލުސްދޫގެ ފަހުރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ މިޔަޓް ފުޓްސަލް ފިއެސްޓާ ފެށެން ކުޑަތަންވަމުން އަންނައިރު މިއީ މިހާތަނަށް ތުލުސްދޫގައި ބާއްވާ އެންމެ ވާދަވެރި ފުޓްސަލް މުބާރާތަށް ވާނެ ކަމަށް މިހާރުވެސް ވަނީ ބެލެވެން ފަށައިފަ އެވެ. ގިނަ ޓީމުތަކުގެ އުންމީދުތައް ހުރީ ސީދާ ތައްޓާ ހަމައިގަ އެވެ. އެއިން ކޮންމެ ޓީމަކުންވެސް އަންނަނީ އެހެން ހުރިހާ ފަހަރަކަށްވުރެ ވަރުގަދައަށް މިފަހަރުގެ މުބާރާތަށް ތައްޔާރުވަމުންނެވެ.
އޭގެ ތެރެއިންވެސް އެންމެ ކުރީގައި އުޅޭ އެއް ޓީމަކީ މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ މަލްޓި އެކްސް ކަންމަތި އެފްސީ އެވެ. މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ އިން މިޔަޓް ފުޓްސަލް ފިއެސްޓާގެ ނަމުގައި މި މުބާރާތް 2018 ވަނަ އަހަރު ބާއްވަން ފެށި ފަހުން ކަންމަތި އެފްސީއިން އަންނަނީ މުބާރާތުގައި ގަވާއިދުން ވާދަކުރަމުންނެވެ. ފުރަތަމަ ދެ މުބާރާތް ކަންމަތި އެފްސީއިން ކާމިޔާބުކޮށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރަން އިންތިޒާރުގައި ތިއްބައި އައި ކޮވިޑް 19 ގެ އާލަމީ ވަބާއާއެކު މުބާރާތް ސޮއްސާލީ ތިން އަހަރު ފަހަތަށެވެ.
އެ އައި ހުސްކަމާއެކު ކަންމަތި އެފްސީ އަށް އައީ ހީވެސް ނުކުރާވަރުގެ ބޮޑު ލޮޅުމެކެވެ. އަލުން މުބާރާތް ބާއްވަން ފެށި އަހަރު މުބާރާތުގެ ގްރޫޕް ސްޓޭޖުން ވެސް ކަންމަތި އެފްސީއަށް ސަލާމަތް ނުވެވުނެވެ. އެކަމަކު އޭގެ ފަހުން އަލުން ޓީމު ރުކުރުވާލައި ޖެހިގެން އައި 2023 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލުން ކަންމަތި އެފްސީ ޖާގަ ހޯދި އެވެ. އެކަމަކު އެންމެ ފަހުން ބޭއްވި ދެ މުބާރާތުން ވެސް ޗެމްޕިއަންކަން ހޯދި ދިއްފުށި ފުޓްސަލް ޓީމުން ކަންމަތި އެފްސީގެ ތިން ތަރީގެ އުންމީދު ފުރިހަމަ ވިޔަކަ ނުދިނެވެ.
ޖެހިގެން އައި 2024 ވަނަ އަހަރުވެސް ކަންމަތި އެފްސީއަށް ޖެހުނީ ހަމަ އެ ދަތުރެވެ. އެފަހަރުވެސް އެ ޓީމުގެ އުންމީދުތައް ކަފުން ކުރީ ދިއްފުށި ފުޓްސަލް ޓީމުންނެވެ.
"މިފަހަރު އަޅުގަނޑުމެން މި ނުކުންނަނީ ކުރީގެ ތަޖުރިބާއަށް ބަލައި ވަރަށް ގިނަ ކަންކަން ބަދަލުކޮށްގެން. މިފަހަރު މި ނުކުންނަނީ އިރާދަކުރެއްވިއްޔާ ތިން ތަރި ޖަހާލަން." މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން "ފަހުމިނެޓް" އަށް މައުލޫމާތު ދެމުން ކަންމަތި އެފްސީގެ އޮފިޝަލެއް ކަމަށްވާ ހުސައިން އާލިމް ބުނެފައިވެ އެވެ.
މިފަހަރު ގާތްގަނޑަކަށް މުޅި ޓީމުހެން އޮންނާނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ. ވަރަށް ދުރާލާ މިފަހަރު ކުޅުންތެރިން ހޯދައިފިން. އަދި ކުޅުންތެރިން ހޯދިއިރު ވަރަށް ބޮޑަށް ބެލިން ޓީމަށް އެންމެ ފައިދާވާނެ ގޮތަށް އެކަން ކުރެވޭތޯ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށާ މިޔަޓް ފުޓްސަލް ފިއެސްޓާގައި ވާދަކުރާ ނުވަ ޓީމުގެ ތެރެއިން ތަރިންގެ ބުރަދަން އެންމެ މަތި ވާނެ ކަމަށް ބެލެވޭ އެއް ޓީމަކީ ވެސް ކަންމަތި އެފްސީ އެވެ. މިއަހަރުގެ ކުރީކޮޅު ތައިލެންޑްގައި އޮތް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ގައުމީ ޓީމުގައި ހިމެނުނު އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) އާއި އަހްމަދު ހަމީދު (އަންމަޑޭ) ގެ އިތުރުން އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި ހުސައިން ސުހައިލް (ސޮކޭ) ގެ ނަމުން އެކަނި ފުއްދާލިއަސް މި ޓީމުގައި ހުންނާނެ ފެންވަރު ވަޒަން ކޮށްލަން އެނގޭނެ އެވެ. އެފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމުން ޖެހި ޖުމްލަ ގޯލްގެ 30 އިންސައްތަ ހިއްސާކޮށްފައިވަނީ މި ހަތަރު ކުޅުންތެރިންނެވެ.
ވަރުގަދަ ސްކޮޑަކާއެކު މިފަހަރުގެ މުބާރާތަށް ކަންމަތިން ނުކުތަސް މިއީ އުނދަގޫ ފަހަރަކަށް ވާނެކަން އެ ޓީމަށް ރަނގަޅަށް އެނގެ އެވެ. އެކަމަކު މުބާރާތުގެ ތަށި ތިންވަނަ ފަހަރަށް ހޯދާ ފުރަތަމަ ޓީމަށް ވާން އެ ޓީމުގެ ކުޅުންތެރިންނާއި، އަދި މެނޭޖްމަންޓްގައި ތިބި އެންމެންގެ ހިތުގައި ކަނޑައަޅައިގެން ތިބި އަޒުމަކީ މިފަހަރުގެ މުބާރާތުގައި އެ ޓީމުން ދާން ބޭނުންވާ ހިސާބަށް ވާސިލްވާން ލިބޭނެ ބޮޑު ހިތްވަރެއް ކަމަށް އާލިމް ބުނެފައިވެ އެވެ.
https://fahuminet.com/tournaments/myat-futsal-fiesta-2026
މިފަހަރުގެ މުބާރާތަށް ކަންމަތި އެފްސީއިން ނުކުންނައިރު އެންމެ ބޮޑު ސަމާލުކަމެއް ދީފައި އޮތް އަނެއް ކަމަކީ ޓީމަށް އިރުޝާދު ދޭން ކަމުގެ ވައްޓަފާޅި ހުރި މީހަކު ހަމަޖެއްސުމެވެ.
"ކުރިން އަހަރެމެން ހަދާ ގޮތަކީ ޓީމުގެ ތެރެއިން ކޮންމެވެސް މީހަކު ޖަހަނީ ކޯޗަކަށް. ދެން ދަނޑުމަތީގަ ކުޅުންތެރިންނަށް ވީ ކަމެއް ކުރަނީ. މެޗުގަ ގެންނަން ޖެހޭ ބަދަލުތަކާ މި ކަންކަން އެންމެ ރަގަޅަށް ކުރިއަށް ނުގެންދެވުމުގެ ސަބަބުން މެޗު ގެއްލިފައިވެސް އެބަ ހުރި. އެހެންވެ މިފަހަރު މި ނުކުންނަނީ. ކޯޗިންގެ ލައިސަންސް އޮތް މީހަކާއެކު." އާލިމް ބުނެފައިވެ އެވެ.
މިޔަޓް ފުޓްސަލް ފިއެސްޓާ 2026 ގައި ކަންމަތި އެފްސީއިން ވާދަކުރާނީ ގްރޫޕް ބީ ގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ކަންމަތި ނިއު ޖެނެރޭޝަނާއި، މި މުބާރާތް އެއް ފަހަރު ކާމިޔާބުކޮށްފައިވާ ބްލެކް އީގަލްސްގެ އިތުރުން ކުޑަ ވިލިގިލި ފުޓްބޯލް ކްލަބެވެ.