ފުރަތަމަ ސަފްޙާ / ޚަބަރު / ބްލެކް އީގަލްސް އިން ބުނަނީ ތަށްޓަކީ މިފަހަރު އެމީހުންގެ އެއްޗެއް ކަމަށް
ބްލެކް އީގަލްސް އިން ބުނަނީ ތަށްޓަކީ މިފަހަރު އެމީހުންގެ އެއްޗެއް ކަމަށް
އެންމެ ފަހުން ބޭއްވި މިޔަޓް ފުޓްސަލް ފިއެސްޓާގެ ރަނަރަޕް މަގާމު ހޯދި ބްލެކް އީގަލްސް ޓީމް

ބްލެކް އީގަލްސް އިން ބުނަނީ ތަށްޓަކީ މިފަހަރު އެމީހުންގެ އެއްޗެއް ކަމަށް

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން 27 ޖުލައި 2026

އަންނަ ބުރާސްފަދި ދުވަހުގެ ރޭ ފަށާގޮތަށް ހަމަޖެހިފައިވާ މިޔަޓް ފުޓްސަލް ފިއެސްޓާއަށް ޓީމުތަކުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގުނަންޖެހޭ ޓީމުތައް ގިނަ އެވެ.

މުޅި ކ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ ޝަރަފްވެރި ފުޓްސަލް މުބާރާތް ކާމިޔާބުކުރުމުގެ ވާދަވެރިކަން މިފަހަރު އެހާވެސް ބޮޑުހެން އެބަ ހީވެ އެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރާ ނުވަ ޓީމުގެ ތެރެއިން މުބާރާތުގެ ތަށްޓާ އެންމެ ގާތް ކުރާނެ ކަމަށް ގިނަ ބަޔަކު ބުނާނެ އެއް ޓީމަކަށް ބްލެކް އީގަލްސް ޔަގީނުންވެސް ވާނެ އެވެ. އެއީ އެންމެ ފަހުން ބޭއްވި މިޔަޓް ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި އެއްކޮޅުން ވާދަކުރި ޓީމެވެ. އެ ފަހަރު ބްލެކް އީގަލްސް އަށް ތަށި އުފުލާލުމުގެ ނަސީބް ނުލިބި ދިޔައީ ފައިނަލްގައި ދިއްފުށި ފުޓްސަލް ޓީމާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ.

ބްލެކް އީގަލްސް އަކީ މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން 2018 ވަނަ އަހަރު މިޔަޓް ފުޓްސަލް މުބާރާތް ބާއްވަން ފެށި ފަހުން ކޮންމެ އަހަރަކު ވެސް މި މުބާރާތުގައި ވާދަކުރަމުން އަންނަ ޓީމެކެވެ. ފުރަތަމަ ދެ މުބާރާތަށްފަހު އައި ދެ އަހަރުގެ މެދުކެނޑުމަކަށްފަހު 2022 ވަނަ އަހަރު އޮތް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބުނު ހިސާބުން އެ ޓީމު ފަސް އެނބުރި ބަލައެއް ނުލަ އެވެ. ޖެހިގެން އައި އަހަރު އޮތް މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކޮށް އޭގެ ފަހުން އޮތް މުބާރާތް ބްލެކް އީގަލްސް އިން ނިންމާލީ އަނެއްކާވެސް ފިޔަވަޅެއް ކުރިއަށް ޖެހިލައިފަ އެވެ.

"މިފަހަރު މި ނުކުންނަނީ ސީދާ ތަށްޓަށް. އިރާދަކުރެއްވިއްޔާ މިއީ އަހަރެމެންގެ ފަހަރު." މުބާރާތާ މެދު އޮތް އުންމީދު ފާޅު ކުރަމުން "ފަހުމިނެޓް" އަށް ދިން އިންޓަވިއުއެއްގައި ބްލެޖް އީގަލްސް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އޮފިޝަލަކު ބުނެފައިވެ އެވެ.   

ބްލެކް އީގަލްސްގެ އެ އަމާޒަށް ވާސިލްވާން އެ ޓީމުން ލައްކަ މަސައްކަތްވެސް ވަނީ ކޮށްފަ އެވެ. މިޔަޓް ފުޓްސަލް މުބާރާތަކީ ވަރަށް ގިނަ ޓީމުތަކަކުން ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިންނާއެކު ނުކުންނަ މުބާރާތަކަށް ވުމާއެކު  ބްލެކް އީގަލްސްއިން ވަނީ އެކަމަށް ހުށިޔާރުވެ ތަށްޓަށް ވާދަކުރާ ފުޓްސަލް ޓީމެއްގައި ހިމަނަން ކޮންމެ ޓީމަކުން ވެސް ބޭނުންވާނެ ވަރުގެ މޮޅު ކުޅުންތެރިންތަކެއް ހިމަނައިފަ އެވެ.

ބްލެކް އީގަލްސްއިން މިފަހަރެގެ މުބާރާތަށް ނެރޭ ޓީމުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނަކީ މިއަހަރުގެ ޖެނުއަރީ މަހު އޮތް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޓީމުގައި ހިމެނުނު އަލީ ހައިޝަމް (ޗުމްޕު) އާއި،  މިވަގުތު އެންމެ ރަގަޅު ފޯމުގައި ހުރި މުހައްމަދު އިސާމް (ޝަންޓޭ) އެވެ. އެންމެ ފަހުން ނިމުނު ކްލަބް މޯލްޑިވްސް ކަޕްގައި ކްލަބް އެމްޓީސީއަށް ކުޅުނު ޝަންޓޭ ވަނީ އެ މުބާރާތުގައި 12 ގޯލް ކާމިޔާބުކޮށް ޓޮޕް ސްކޯރާގެ މަގާމު ހޯދައިފަ އެވެ.

ޗުމްޕު އާއި ޝަންޓޭގެ އިތުރުން 2025 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ކާށިދޫއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަބްދުﷲ ސުޒޭރާއި، އަދި ފުޓްސަލްގައި ށ. އަތޮޅުން އެންމެ ފާހަގަކޮށްލެވޭ އެއް ރަށް ކަމަށްވާ  ކަނޑިތީމުގައި މިވަގުތު ހުރި އެންމެ ނުރައްކާތެރި ކުޅުންތެރިޔާ އިބްރާހިމް ނަދާދު (ކުޑައްޓޭ) ވެސް ވަނީ ބްލެކް އީގަލްސް ޓީމުގައި ހިމަނައިފަ އެވެ.  

https://fahuminet.com/tournaments/myat-futsal-fiesta-2026

ތުލުސްދޫގެ ޒުވާނުންގެ ތެރޭގައި ތިބި ކުޅިވަރަށް ލޯބިކުރާ ބަތަކު އެކުވެގެން ހިންގަމުން އަންނަ ބްލެކް އީގަލްސް އިން ވަނީ ފުޓްސަލްގެ އިތުރުން އެހެން ކުޅިވަރުތަކުގައިވެސް ރަށު ފެންވަރުގައާއި އަދި ރަށުން ބޭރުގައި ބާއްވާ އެކި އެކި މުބާރާތްތަކުގައި ބައިވެރިވެ ރަންވަނަ ތަކެއްވެސް ހޯދައިފަ އެވެ.

ބްލެކް އީގަލްސް އިން މުބާރާތުގެ ތަށްޓަށް އަމާޒު ހިފައިގެން މިފަހަރުގެ މުބާރާތަށް ނުކުންނައިރު އެ ޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ ތުލުސްދޫގެ ގިނަ ރައްޔިތުން އެ ޓީމުގެ ފަހަތުގައި ތިބުމެވެ. އެ ޓީމުން ފާހަގަކުރާ ގޮތުގައި މިހާތަނަށް ބްލެޖް އީގަލްސްއިން ހޯދި ގިނަ ކާމިޔާބީތަކަކީ ކްލަބްގެ މެންބަރުންގެ ބުރަ މަސައްކަތާއި، ސަޕޯޓަރުންގެ ހިތްވަރުން ހޯދުނު ކާމިޔާބީތަކެވެ.

މިފަހަރުގެ މިޔަޓް ފުޓްސަލް ފިއެސްޓާގައި ބްލެކް އީގަލްސް ވާދަކުރާނީ ގްރޫޕް ބީގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ކަންމަތި ފުޓްބޯލް ކްލަބާއި، އަދި ކަންމަތި ނިއު ޖެނެރޭޝަންގެ އިތުރުން ކުޑަ ވިލިގިލި ފުޓްބޯލް ކްލަބެވެ.

ކޮމެންޓްސް

Matches
3
Ongoing
3
Upcoming
Predict
Settings