ފުރަތަމަ ސަފްޙާ / ޚަބަރު / ތުލުސްދޫގައި ތަށި ބަހައްޓަން އެޕޮކަލިޕްސް އިން ނެރެނީ ވަރުގަދަ ދެ ޓީމް
ތުލުސްދޫގައި ތަށި ބަހައްޓަން އެޕޮކަލިޕްސް އިން ނެރެނީ ވަރުގަދަ ދެ ޓީމް
ވައި ކަޕްގެ ޗެމްޕިއަންކަން ހޯދި އެޕޮކަލިޕްސްގެ މެންބަރުން އަދި މެނޭޖްމަންޓް. މިހާރު އެޕޮކަލިޕްސްގެ ދެ ޓީމު އޮވޭ. ފޮޓޯ: އެޕޮކަލިޕްސް

ތުލުސްދޫގައި ތަށި ބަހައްޓަން އެޕޮކަލިޕްސް އިން ނެރެނީ ވަރުގަދަ ދެ ޓީމް

ފަހުމިނެޓް
ފަހުމިނެޓް
9 ގަޑިއިރު ކުރިން 26 ޖުލައި 2026

އަންނަ ބުރާސްފަތި ދުވަހު ފަށާ މިޔަޓް ފުޓްސަލް ފިއެސްޓާއަށް އެންމެ ފަރިތަ އެއް ނަމަކީ އެޕޮކަލިޕްސް އެވެ. ދެހާހެއްހާ މީހުންގެ އާބާދީއެއް އޮތް ތުލުސްދޫއަށް ނިސްބަތްވާ މި ޓީމު ވަނީ މިހާތަނަށް މިޔަޓުން ބޭއްވި ފަސް މުބާރާތުގައިވެސް ބައިވެރިވެފަ އެވެ.

އެޕޮކަލިޕްސްގެ ހިޔާވަހި ކަމުގެ ދަށުން އެ މުބާރާތްތަކުގައި އިތުރު ޓީމުތައް ވެސް އެކި ނަންނަމުގައި އެ ޓީމުން އައީ ބައިވެރިކުރަމުންނެވެ. މިފަހަރު ތަފާތަކީ އެޕޮކަލިޕްސްގެ ކުޑައިގެ ދަށުން މި މުބާރާތަށް ނުކުންނަ ދެ ޓީމުވެސް ބޭނުން ކުރާ މައިގަނޑު ނަން އެއްގޮތްވުމެވެ. 

އެޕޮކަލިޕްސް ސްޕޯޓްސް ކްލަބާއި، އެޕޮކަލިޕްސް ފުޓްބޯލް ކްލަބް މިފަހަރުގެ މުބާރާތުގައި ފެންނާނި ވެސް އެއް ގްރޫޕަކުންނެވެ. މުބާރާތް އެންމެ ފަހުން ބޭއްވި ދެ އަހަރުވެސް ތަށި ހޯދި ދިއްފުށި ފުޓްސަލް ޓީމާއި، މިފަހަރުގެ މުބާރާތަށް އެންމެ ވަރުގަދަ އެއް ސްކޮޑާއެކު ނުކުންނަ ގާފަރު އެކްސް ބޯއީޒް ހިމެނޭ ގްރޫޕް އޭ ގައި އެޕޮކަލިޕްސްގެ ދެ ޓީމު އޮތް އިރު މި ގްރޫޕްގައި ދެން އޮތީ ތުލުސްދޫގެ އެންމެ ހަގު އެއް ކްލަބް ކަމަށްވާ ވޭލިއަންޓް ސްޕޯޓްސް ކްލަބެވެ.

އެޕޮކަލިޕްސްގެ މެނޭޖަރު އަހްމަދު ޝާމިލް "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައިވަނީ މިފަހަރުގެ މުބާރާތުގައި އެޕޮކަލިޕްސް ލައްވާލި އެންމެ ވަރުގަދަ ގްރޫޕްގައި ކަމަށް ވިޔަސް މުބާރާތް ކާމިޔާބުކުރެވޭނެ ކަމާ މެދު އުންމީދު ބޮޑު ކަމަށެވެ.

އެޕޮކަލިޕްސްގެ ދެ ޓީމު ބައިވެރިވި ކަމުގައި ވިޔަސް އެއީ ހަމަ ދާދި އެއް ފެންވަރުގެ ދެ ޓީމު. އަޅުގަނޑުމެން މަސައްކަތްކޮށްފައިވާނީ ދެ ޓީމުގައިވެސް މޮޅު ކުޅުންތެރިން ހިމަނައިގެން ދެ ޓީމަކީ ވެސް ފައިނަލަށް ވާދަކުރެވޭނެ ފެންވަރުގެ ދެ ޓީމަށް ހަދަން.

މުޅި ކ. އަތޮޅަށް ހުޅުވާލައިގެން މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން ބާއްވާ މިޔަޓް ފުޓްސަލް ފިއެސްޓާގެ ޗެންޕިއަންކަން އެންމެ ފަހުން ހޯދި ތުލުސްދޫއަށް ނިސްބަތްވާ ޓީމަކީ އެޕޮކަލިޕްސް އެވެ.

ރަށު ފެންވަރުގައި ބާއްވާ އެކި ކަހަލަ ކުޅިވަރު މުބާރާތްތަކުން ރަށުގެ ޒުވާން ކުދިންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން 2007 ވަނަ އަހަރު އުފަންކުރި އެޕޮކަލިޕްސް އިން 2022 ވަނަ އަހަރު މިޔަޓް ފުޓްސަލް މުބާރާތުގެ ތަށި އުފުލާލިއިރު އެ ޓީމު ވަނީ ތުލުސްދޫގައި ބާއްވަމުން އައި ގިނަ ކުޅިވަރު މުބާރާތްތަކަކުން ރަން ވަނަތަކެއް ހޯދައިފަ އެވެ. މިޔަޓް ފުޓްސަލް މުބާރާތުގެ ތަށި އުފުލުމުގެ ކުރިން 2019 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވާއިރު އެންމެ ފަހުން ބޭއްވި މިޔަޓް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގައި ވެސް އެޕޮކަލިޕްސް ވަނީ ކުޅެފަ އެވެ.

އެޕޮކަލިޕްސްގެ މެނޭޖަރު ޝާމިލް ފާހަގަކުރި ގޮތުގައި ކުރިން ޓީމުގައި ގިނަ އަދަދެއްގެ ރަށު ކުޅުންތެރިން ހިމެނުނު ނަމަވެސް މުބާރާތަށް ރަށުން ކުޅުންތެރިން ލިބުމުގައި ދަތިތަކެއް ހުރުމާއެކު ކ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިން މިފަހަރުގެ ޓީމުގައި ގިނަ ވާނެ އެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވާ އެޕޮކަލިޕްސް ސްޕޯޓްސް ކްލަބްގެ ޓީމުގައި މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ކިންގްގެ މަގާމު ހޯދި އަހްމަދު އަފްލާޒް އާއި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޓީމުގައި ހިމެނުނު ހުސައިން ޝަރީފް (އޮންލީ) ގެ އިތުރުން ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ހިމަނައިފައިވެ އެވެ.    

ޝާމިލް ބުނި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން އެއް ނަމެއްގައި އޮތް ކްލަބަކަށްވެފައި ޓީމު ވުޖޫދަށް އައި ފަހުން ބޮޑެތި ކާމިޔާބީތަކެއް އެ ޓީމުން ހޯދާފައިވުމާއެކު ސަޕޯޓަރުންގެ ބޭސްއެއް އެބައޮތް ކަމަށާއި، އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

https://www.fahuminet.com/tournaments/myat-futsal-fiesta-2026

"ސަޕޯޓަރުންގެ ފޯރި އިތުރުކުރަން ސަޕޯޓާސް ޖާޒީ ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން މި އަންނަނީ. ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް މި ބަލަނީ. ހާއްސަކޮށް ރަށުން ބޭރު ޓީމުތަކާއެކު ކުޅޭއިރު އަޅުގަނޑުމެންނަށް މުޅި ތުލުސްދޫގެ ސަޕޯޓް ލިބޭނެ." ޝާމިލް ބުނެފައިވެ އެވެ.

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings