ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ކަމިން އަޕުން ހޯދައިފި އެވެ.
މުބާރާތުގައި މުޅިން އަލަށް ވާދަކުރި ކަމިން އަޕުން ނަރުދޫގެ ފުޓްސަލްގެ ރަސްކަން މި އަތުލީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި އިއްތިހާދު އެފްސީއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.
ކަމިން އަޕަކީ މީގެ ކުރިން ނަރުދޫގައި ބާއްވަމުން އައި ފުޓްބޯޅަ މުބާރާތްތަކުގައި އެންމެ ބޮޑަށް ވިދަމުން އައި އެއް ޓީމެވެ. ފުޓްބޯޅަ މުބާރާތްތައް ބޭއްވުން މަޑުޖެހުމާއެކު އެ ޓީމުގެ ހަރަކާތްތައްވެސް ހުއްޓިފައި އަހަރު ތަކެއް އޮތުމަށްފަހު އަލުން އާ ހިތްވަރަކާއެކު މިފަހަރުގެ މުބާރާތަށް އެ ނުކުތީ ފުޓްބޯޅައިގައި ކަމިން އަޕުން ހޯދި ކާމިޔާބީ ފުޓްސަލްގައި ތަކުރާރުކުރުމުގެ އަޒުމާއިއެކު އެވެ.
މުބާރާތުގައި މުޅިން އަލަށް ވާދަކުރި އިއްތިހާދު އެފްސީއާ ދެކޮޅަށް ކަމިން އަޕުން އިއްޔެ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ 2-2 އިން އެއްވަރުވި އިރު މި މެޗުގައި ކަމިން އަޕުން ދެ ފަހަރު ލީޑް ނެގި އެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ފަށައިގެން ފަސް ވަނަ މިނެޓްގެ ތެރޭގއި ކާމިޔާބުކުރީ ކަމިން އަޕަށް ކުޅުނު ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރި މުހައްމަދު އިސާމް (ޝަންޓޭ) އެވެ.

މެޗުގެ ފުރަތަމަ ހާފް އެއް ލަނޑުގެ ލީޑެއްގައި އޮވެގެން ކަމިން އަޕުން ނިންމާލި ނަމަވެސް މެޗުގެ ފަހު ހާފު ފަށައިގެން ހިނދުކޮޅެއްވެސް ނުވަނީސް އިއްތިހާދު އެފްސީގެ ހުސައިން ނަޒްމީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. އެކަމަކު އޭގެ ދެ މިނެޓް ފަހުން ކަމިން އަޕްގެ ވިޝާން އާރިފް (ވިއްކޮ) ލަނޑެއް ޖަހައި އެ ޓީމަށް އަލުން ލީޑް ނަގައިދިނެވެ.
އެ ލަނޑާއެކު ކަމިން އަޕުން ވަނީ ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއްވެސް އުފައްދައިފަ އެވެ. އިއްތިހާދަށް ކަމިން އަޕްގެ ގޯލަށް ބޯޅައެއް ފޮނުވާލެވޭ ގޮތްވީ މަދު ފަހަރަކު އެވެ. އެއާއެކު ކަމިން އަޕް ކުރީގައި އޮވެގެން މެޗު ނިމޭނެ ކަމަށް ހީކޮށްގެން ތިއްބާ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކުއްލިއަކަށް އިއްތިހާދުން ތަނަވަސްކުރި ފުރުސަތެއްގައި އެ ޓީމުގެ ހުސައިން ނިހާލް ލަނޑެއް ޖަހައި އަލުން ނަތީޖާ ހަމަހަމަކުރި އެވެ. އޭގެ ފަހުން ވެސް މެޗުން މޮޅުވާން ރަނގަޅު ފުރުސަތެއް ކަމިން އަޕްގެ ޝަންޓޭއަށް ލިބުނެވެ. އެކަމަކު ޝަންޓޭ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ކަމިން އަޕުން ފޮނުވާލި ހަ ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބުކުރި އިރު އިއްތިހާދު އެފްސީއަށް ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީ އެވެ.

ޖުމްލަ ހަ ޓީމަކުން ވާދަކުރި ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކަމިން އަޕަށް ކުޅުނު ޝަންޓޭ އެވެ.
މުބާރާތުގައި ކުޅުނު އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް އިއްތިހާދު އެފްސީގެ ހުސައިން ނަޒްމީއަށް ލިބުނު އިރު އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ލިބުނީ އާރްއެސްއޭ ނެކްސްޓް ޖެންގެ ހުސައިން މާހިލްއަށެވެ.
https://fahuminet.com/tournaments/narudhoo-council-futsal-fiesta-2026
އެންމެ މޮޅު ކޯޗުގެ މަގާމު ކަމިން އަޕްގެ އަބްދުލް މުހައިމިން މޫސާ ހޯދިއިރު ޓޮޕް ސްކޯރާގެ މަގާމު ފަސް ކުޅުންތެރިޔަކު ހޯދި އެވެ. އެ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކަމިން އަޕްގެ ޝަންޓޭ އާއި ވިއްކޮ އަދި ހުސައިން ވިޔާމްގެ އިތުރުން ލެއިޓް ވުލްފްގެ އަހްމަދު ސާނީ އާއި އާރްއެސްއޭގެ މާހިލް އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކަމިން އަޕްގެ އިބްރާހިމް ސިނާހާއި، ވިޔާމްގެ އިތުރުން އިއްތިހާދުގެ ހުސައިން ޝަމާލާއި، ހުސައިން ނިހާލް އަދި ދަ ބެންޗުގެ އަބްދުﷲ އާހިލް އެވެ.