ފުރަތަމަ ސަފްޙާ / ޚަބަރު / ނަރުދޫ ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލް މެޗުތައް މިއަދާއި މިރޭ
ނަރުދޫ ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލް މެޗުތައް މިއަދާއި މިރޭ
ފުރަތަމަ ސެމީގައި ކަމިން އަޕްއާ ދެކޮޅަށް ނުކުންނަ ބެންޗް ޓީމުގެ ބައެއް ކުޅުންތެރިން. ވާދަވެރި ދެ ސެމީ ފައިނަލް މިއަދު ކުޅޭނެ. ފޮޓޯ: ނަރުދޫ ކައުންސިލް

ނަރުދޫ ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލް މެޗުތައް މިއަދާއި މިރޭ

ފަހުމިނެޓް
ފަހުމިނެޓް
17 ގަޑިއިރު ކުރިން 23 ޖުލައި 2026

ވާދަވެރި ގިނަ މެޗުތަކެއް ފެނުނު ލީގު ބުރަކަށް ފަހު ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތަކުން ތައްޔާރުވެއްޖެ އެވެ.

ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނަ މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް އޮންނާނީ މިއަދު ހަވީރާއި މިރެ އެވެ.

މިއަދު ހަވީރު 4:45 ގައި ފަށާ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކަމިން އަޕާއި، ދަ ބެންޗް ވާދަކުރާއިރު މިރޭ 8:45 ގައި ފަށާ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރާނީ ލެއިޓް ވުލްފް ޔުނައިޓެޑާއި، އިއްތިހާދު އެފްސީ އެވެ.

މިއަދު ހަވީރު ކުޅޭ ސެމީ ފައިނަލްގައި ވާދަކުރާ ދެ ޓީމުގެ ތެރެއިން  ކަމިން އަޕް ސެމީ ފައިނަލަށް އައީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ 11 ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި އޮވެގެންނެވެ. މި މުބާރާތުގައި މިހާތަނަށް ކަމިން އަޕުން ކުޅުނު ފަސް މެޗުގައި 18 ގޯލް ޖަހާފައިވާ އިރު އެ ޓީމު ކޮޅަށް އަށް ގޯލް ވަނީ ވަދެފަ އެވެ. މި މުބާރާތުގައި ކަމިން އަޕުން ކުޅުނު ފުރަތަމަ ތިން މެޗު ކާމިޔާބުކޮށްފައިވާއިރު އެ ޓީމު އެއްވަރުވެފައިވާ ދެ މެޗަކީ ސެމީގެ ޖާގަ ކަށަވަރުވި ފަހުން ކުޅެފައިވާ ދެ މެޗެވެ.

ކަމިން އަޕާ ވާދަކުރާ ދަ ބެންޗު ސެމީ ފައިނަލަށް އައީ ހަތަރު ވަނަ ޓީމުގެ ގޮތުގަ އެވެ. ޖުމްލަ ހަ ޕޮއިންޓާއެކު ދަ ބެންޗުން ސެމީގެ ޖާގަ ކަށަވަރުކުރި އިރު އެ ޓީމަށް ކާމިޔާބުކުރެވުނީ މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗު އެކަންޏެވެ. ބާކީ އޮތް ހަތަރު މެޗުގެ ތެރެއިން ތިން މެޗު އެއްވަރުވި އިރު ދަ ބެންޗަށް އެންމެ ބޮޑަށް ދިމާވި އެއް މައްސަލައެއް ކަމަށް ފާހަގަކުރެވުނީ އެ ހުރިހާ މެޗެއްގައި ލީޑު ނެގުމަށްފަހު އެ ލީޑް ހިފަހައްޓައި ނުލެވުމެވެ. މި މުބާރާތުގައި ދަ ބެންޗުން މިހާތަނަށް ޖުމްލަ 11 ގޯލް ޖަހާފައިވާއިރު އެ ޓީމު ކޮޅަށް 13 ގޯލް ވަދެފައިވެ އެވެ.

މުބާރާތުގައި މި ދެ ޓީމު މީގެ ކުރިން ވާދަކޮށްފައި އޮތް މެޗު 0-5 އިން ކާމިޔާބުކޮށްފައިވަނީ ކަމިން އަޕުންނެވެ.

ލީގު ބުރުގައި ލެއިޓް ވުލްފްއާ ދެކޮޅަށް ކުޅުނު މެޗުގައި އިއްތިހާދު އެފްސީގެ ބައެއް ކުޅުންތެރިން. ސެމީގައި ދެޓީމުގެ ވާދަވެރިކަން މިރޭ ފެންނާނެ. ފޮޓޯ: ނަރުދޫ ކައުންސިލް
ލީގު ބުރުގައި ލެއިޓް ވުލްފްއާ ދެކޮޅަށް ކުޅުނު މެޗުގައި އިއްތިހާދު އެފްސީގެ ބައެއް ކުޅުންތެރިން. ސެމީގައި ދެޓީމުގެ ވާދަވެރިކަން މިރޭ ފެންނާނެ. ފޮޓޯ: ނަރުދޫ ކައުންސިލް

މިރޭ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރާ  ލެއިޓް ވުލްފަކީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށް ވިޔަސް އެ ޓީމަށް މިފަހަރުގެ މުބާރާތުގައި ޗެމްޕިއަނެއްގެ ފަރާތުން ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރި ވަރުގެ ކުޅުމެއް އަދި ފެނިފައެއް ނުވެ އެވެ. ލެއިޓުން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވަނީ ހަތް ޕޮއިންޓާއެކު ތިން ވަނަ ޓީމުގެ ގޮތުގަ އެވެ.  މުބާރާތުގައި އެ ޓީމުން 17 ގޯލް ކާމިޔާބުކުރި ނަމަވެސް ބައިކޮޅަށް ވަން ގޯލްގެ އަދަދު ވަނީ 15 އަށް އަރައިފަ އެވެ. އެ ޓީމަށް މިފަހަރުގެ މުބާރާތުގައި އަނިޔާގެ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.

މިރޭގެ މެޗުގައި ލެއިޓާ ދެކޮޅަށް ނުކުންނަ އިއްތިހާދު އެފްސީ އަކީ މުޅިން އަލަށް މި މުބާރާތުގައި ވާދަކުރާ ޓީމެކެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ އެ ޓީމުން ކަށަވަރު ކުރީ އަށް ޕޮއިންޓާއެކު ދެވަނަ ޓީމުގެ ގޮތުގަ އެވެ.  ސެމީ ފައިނަލްގައި ވާދަކުރާ އަނެއް ތިން ޓީމާ ތަފާތުކޮށް އިއްތިހާދުން ޖަހާފައިވާ ގޯލްގެ އަދަދާއި ބައިކޮޅަށް ވަދެފައިވާ ގޯލްގެ އަދަދު ވެސް މަދެވެ. މުބާރާތުގައި އިއްތިހާދުން ކުޅުނު ފަސް މެޗުގައި ކާމިޔާބުކޮށްފައިވަނީ އެންމެ އަށް ގޯލެވެ. ބައިކޮޅަށް ހަތް ގޯލް ވަނީ ވަދެފަ އެވެ.

https://www.fahuminet.com/tournaments/narudhoo-council-futsal-fiesta-2026

މި މުބާރާތުގެ ލީގު އުސޫލުން ކުޅުނު ބުރުގައި އިއްތިހާދާއި، ލެއިޓް ވުލްފް ބައްދަލުކުރި މެޗު 1-3 އިން ކާމިޔާބުކޮށްފައިވަނީ ލެއިޓް ވުލްފެވެ.   

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings