ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި މިއަދު ހަވީރު ކަމިން އަޕާއި، އިއްތިހާދު އެފްސީ ވާދަކުރާނެ އެވެ.
މުބާރާތުގައި މުޅިން އަލަށް ބައިވެރިވި މި ދެ ޓީމަކީ މީގެ އަހަރުތަކެއް ކުރިން ނަރުދޫގައި ބާއްވަމުން އައި ފުޓްބޯޅަ މުބާރާތްތައްވެސް ޑޮމިނޭޓްކުރަމުން އައި ދެ ޓީމެވެ.
ޖުމްލަ ހަ ޓީމަކުން ބައިވެރިވި މި މުބާރާތުގެ ފައިނަލުން ދެ ޓީމަށްވެސް ޖާގަ ލިބުނީ ސެމީ ފައިނަލްގައި އެ ދެ ޓީމު ވާދަކުރި މެޗުތަކުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރުވެފައި އޮތުމާއެކު ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. ކަމިން އަޕުން ފައިނަލްގެ ޖާގަ ކަށަވަރުކުރަން ސެމީ ފައިނަލްގައި ދަ ބެންޗް ބަލިކޮށްފައިވާ އިރު، އިއްތިހާދު އެފްސީން ފައިނަލްގެ ޖާގަ ޔަގީންކުރީ އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފް ޔުނައިޓެޑް ބަލިކުރުމަށްފަހު އެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ދެ ޓީމަށް ޕެނަލްޓީ ޝޫޓްއައުޓާ ކުރިމަތިލާން ޖެހުނު ގޮތް ތަފާތެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގެ ނަތީޖާ ހަމަހަމަވެގެން ޕެނަލްޓީއާ ހަމައަށް ދިޔައީ ދަ ބެންޗުން ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައިވަނިކޮށް ފަހު ހާފުގައި ކަމިން އަޕުން ދެ ލަނޑު ޖަހައި އެއްވަރުކޮށްގެންނެވެ. އެކަމަކު އެއާ ހިލާފަށް ސެމީ ފައިނަލްގެ ދެވަނަ މެޗުގެ ނަތީޖާ 3-3 އިން އެއްވަރުވި އިރު ފުރަތަމަ ތިން ލަނޑު ވެސް ޖެހީ އިއްތިހާދު އެފްސީއިންނެވެ.
މި މަހުގެ 15 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލްގައި މިއަދު އެއްކޮޅުން ވާދަކުރާ ކަމިން އަޕަކީ މިފަހަރުގެ މުބާރާތުގައި މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމެވެ. މުބާރާތުގައި އެ ޓީމު ޖުމްލަ ހަ މެޗު ކުޅެފައިވާ އިރު އޭގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް ދެ މެޗު އެއްވަރުކޮށްފައިވެ އެވެ. މުބާރާތުގައި މިހާތަނަށް 20 ގޯލު ކަމިން އަޕުން ކާމިޔާބުކޮށްފައިވާ އިރު އެ ޓީމު ކޮޅަށް 10 ގޯލް ވަނީ ވަދެފަ އެވެ.
މުބާރާތުގެ ފައިނަލްގައި ކަމިން އަޕާ ވާދަކުރާ އިއްތިހާދު އެފްސީ ބަލިވެފައި ވަނީ ހަމައެކަނި ލެއިޓް ވުލްފާ ދެކޮޅަށް ލީގު ބުރުގައި ކުޅުނު މެޗުންނެވެ. މުބާރާތުގައި އިއްތިހާދު ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްފައިވާއިރު ދެ މެޗު އެއްވަރުވެފައިވެ އެވެ. އިއްތިހާދުގެ ޑިފެންސިވް ރެކޯޑް ކަމިން އަޕާއި އެއް ހަމައެއްގައި ހުރި ނަމަވެސް ލަނޑު ޖެހުމުގެ ކުޅަދާނަކަން ތަފާސްހިސާބަށް ބަލާއިރު ފެންނަން ހުރީ ކަމިން އަޕަށްވުރެ ދަށްކޮށެވެ. މުބާރާތުގައި މިހާތަނަށް އިއްތިހާދަށް ކާމިޔާބުކުރެވިފައިވަނީ 11 ގޯލެވެ.
ކަމިން އަޕްގެ އުންމީދުތައް ގުޅިފައި ހުރީ ޝަންޓޭއާ
މުބާރާތުގައި ކަމިން އަޕާއި، އިއްތިހާދު މީގެ ކުރިން ލީގު ބުރުގައި ވާދަކޮށްފައިވާއިރު އެ މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗުގައި އިއްތިހާދުން ފުރަތަމަ ގޯލް ޖަހައި ލީޑު ނަގައިފައިވަނިކޮށް ކަމިން އަޕަށް ނަތީޖާ ހަމަހަމަކުރެވުނީ މެޗު ނިމިނިމި އޮއްވަ އެވެ. އެކަމަކު އެ މެޗާ ހިލާފަށް މިއަދުގެ މެޗަށް ނުކުންނައިރު ކަމިން އަޕަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ލީގު ބުރުގައި އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅެވުނު އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ މުހައްމަދު އިސާމް (ޝަންޓޭ) އަށް މިއަދުގެ މެޗުގައި ކުޅެވޭގޮތް ވުމެވެ.
މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލްގައި ވާދަކުރި އެމްޓީސީސީ ޓީމުގައި ހިމެނުނު ޝަންޓޭ އެ މުބާރާތުގައި 12 ގޯލް ޖަހާފައިވާ އިރު އެ މުބާރާތުގެ ޓޮޕް ސްކޯރާ ލިސްޓްގެ އެއްވަނައިގައިވެސް މިވަގުތު އޮތީ ޝަންޓޭ އެވެ. ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މިހާތަނަށް ޝަންޓޭ ހަތަރު ގޯލް ޖަހާފައިވާއިރު މި މުބާރާތުގައި އޭނާ ކުޅުނު ތިން މެޗުގައިވެސް ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
ޝަންޓެ މި ޓީމުގައި ހުރުމަކީ އެއީ އަހަރެމެންނަށް ލިބޭ ވަރަށް ބޮޑު ޔަގީންކަމެއް. އެކަމަކު މިހެން ބުންޏަސް މިއަދުގެ މެޗު ފަސޭހައެއް ނުވާނެ. އިއްތިހާދަކީ ވެސް ވަރުގަދަ ޓީމެއް.
ކަމިން އަޕްގެ މެނޭޖަރު އިބްރާހީމް ޝިފާޒް
މިއަދުގެ މެޗަށް ނުކުންނައިރު ކަމިން އަޕުން އެންމެ ބޮޑަށް ވިސްނާނީ އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗުގަ އާއި އެންމެ ފަހުން ކުޅުނު ސެމީ ފައިނަލް މެޗުގައި ހެދުނު މިސްޓޭކްތައް މިއަދުގެ މެޗުގައި ތަކުރާރު ނުކުރުމަށް ކަމަށް މެނޭޖަރު ޝިފާޒް ފާހަގަކޮށްފައިވެ އެވެ.
މިއަދުގެ މެޗަށް ކަމިން އަޕް ނުކުންނައިރު ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ފިޓްކޮށް ކަމަށް ޝިފާޒް ބުނެފައިވެ އެވެ. ޝިފާޒު އިތުރަށް ފާހަގަކުރި ގޮތުގައި މިފަހަރުގެ މުބާރާތުގައި ކަމިން އަޕަށް ލިބިފައިވާ އެންމެ ބޮޑު އެއް ހިތްވަރަކީ ސަޕޯޓަރުންގެ ފަރާތުން ލިބެމުން އަންނަ ފުރިހަމަ ތަރުހީބު ކަމަށާއި، މިއަދުގެ މެޗުގައި ވެސް ސަޕޯޓަރުންގެ ފަރާތުން އެކަން ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ޝިފާޒް ބުންޏެވެ.
ކަމިން އަޕް ވަރުގަދަޔަސް އިއްތިހާދަށް އޮތް ޔަގީންކަން ބޮޑު
މިއަދުގެ މެޗަށް އިއްތިހާދު އެފްސީ ނުކުންނާނީ ކަމިން އަޕަކީ މުބާރާތުގައި އޮތް އެންމެ ވަރުގަދަ ޓީމުކަން ދަނެގެން އެކަމަށް ތައްޔާރުވެގެން ކަމަށް އެ ޓީމުގެ މެނޭޖަރު މުހައްމަދު އުސާމް "ފަހުމިނެޓް" އާ ވާހަކަދައްކަމުން ވަނީ ބުނެފަ އެވެ.
ކަމިން އަޕަށް ދޭންޖެހޭ ފުރިހަމަ ރެސްޕެކްޓް ދީގެން ކުޅެން އަހަރެމެން ނުކުންނާނީ. އެ ޓީމަކީ މުބާރާތުގައި އޮތް އެންމެ ވަރުގަދަ ޓީމުކަންވެސް އެނގޭ . އެކަމަކު އެއީ ބަލި ނުކުރެވޭނެ ވަރުގެ ޓީމެއް ނޫން.
އިއްތިހާދުގެ މެނޭޖަރު މުހައްމަދު އުސާމް
މިއަދުގެ މެޗަށް އިއްތިހާދު ނުކުންނައިރު ހުރިހާ ވިސްނުމެއް ހުރީ ތަށި ކާމިޔާބުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނޑުމަތީގައި ކުރަން ކަމަށާއި، އެ މަސައްކަތް ކުޅުންތެރިން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އުސާމް ބުނެފައިވެ އެވެ.
"މުބާރާތުގެ ފައިނަލަށް އައިއިރު ޓީމުގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު ޓީމުގެ ކުޅުންތެރިންނާ ދޭތެރޭ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް. އެ ކުޅުންތެރިން ނަތީޖާ ނެރޭނެ." އުސާމް ބުނެފައިވެ އެވެ.
https://fahuminet.com/tournaments/narudhoo-council-futsal-fiesta-2026
އުސާމް އިތުރަށް ފާހަގަކުރި ގޮތުގައި ކުދިކުދި އަނިޔާގެ މައްސަލަތައް ހުރި ނަމަވެސް އެއްވެސް ކުޅުންތެރިޔަކަށް ނުކުޅެވޭ ވަރުގެ އަނިޔާއެއް ކުރިމަތިވެފައެއް ނުވެ އެވެ.
ނަރުދޫ ފުޓްސަލް ދަނޑުގައި ކަމިން އަޕާއި، އިއްތިހާދު ވާދަކުރާ ފައިނަލް މެޗު ފަށާނީ މިއަދު ހަވީރު 4:45 ގަ އެވެ.