މިހާރު ހިނގަމުންދާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފް ޔުނައިޓެޑާއި، ދަ ބެންޗް ހޯދައިފި އެވެ.
މުބާރާތުގެ ސެމީ ފައިނަލުން ލެއިޓް ވުލްފާއި، ދަ ބެންޗަށް ޖާގަ ލިބުނީ މިއަދު ހަވީރު އެ ދެ ޓީމު ވާދަކުރި މެޗު 2-2 އިން އެއްވަރުވެފައި ވަނިކޮށް މިރޭ ބްލެކް ކޯނާ އާއި އާރްއެސްއޭ ނެކްސްޓް ޖެން ކުޅުނު މެޗުން އާރްއެސްއޭ އަށް މޮޅު ނުވެވުމުންނެވެ.
މިއަދު ހަވީރު ލެއިޓް ވުލްފާއި، ދަ ބެމްޗް ވާދަކުރި މެޗަށް ދެ ޓީމު ނުކުތްއިރު މެޗު އެއްވަރުކޮށްލައިގެން ވެސް ލެއިޓަށް ސެމީގެ ޖާގަ ކަށަވަރުކުރެވެން އޮތެވެ. އެކަމަކު އިތުރު އިންތިޒާރަކާ ނުލައި ދަ ބެންޗަށް ސެމީގެ ޖާގަ ކަށަވަރުވާން އޮތީ މެޗު ކާމިޔާބުކޮށްގެންނެވެ.
މިއަދުގެ މެޗު ދެ ޓީމުންވެސް ފެށީ ވަރުގަދަކޮށެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓްގެ ތެރޭގައި ލެއިޓްގެ އަހްމަދު ސާނީ ލަނޑެއް ޖަހައި ލީޑް ހޯދައިދިންތާ ހިނދުކޮޅެއްވެސް ނުވެ ދަ ބެންޗުގެ އަބްދުﷲ އާހިލް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. އަދި މެޗުގެ ފަހު ހާފުގެ ކުރީކޮޅު ދަ ބެންޗުގެ ހަސަން ފައިރޫޒް ލަނޑެއް ޖަހައި އެ ޓީމަށް ލީޑް ނަގައިދިނެވެ. ލެއިޓަށް މި މެޗު އެއްވަރުކޮށްދިން ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިސްމާއީލް ޝާފިއު އެވެ.
މުބާރާތުގައި މިރޭ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވެފައި އޮތް ދެ ޓީމު ކަމަށްވާ ކަމިން އަޕާއި، އިއްތިހާދު އެފްސީ އެވެ. މި މެޗު 1-1 އިން އެއްވަރުވި އިރު މެޗުގައި އިއްތިހާދަށް ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހްމަދު ޝަމާލެވެ. މުބާރާތުގައި މެޗަކުން ބަލި ނުވެ އޮތުމުގެ ރެކޯޑް ކަމިން އަޕަށް ދަމަހައްޓައިދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފަހު މިނެޓްގައި ހުސައިން ވިޔާމެވެ.
މިރޭ ކުޅުނު ދެ މެޗުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މުބާރާތުގެ ސަޕްރައިޒިން ޓީމުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރި އާރްއެސްއޭ ނެކްސްޓް ޖެންއާއި ސެމީގެ ފުރުސަތު މެޗަށް ނުކުތްއިރު ވެސް ގެއްލިފައި އޮތް ބްލެކް ކޯނާ ވާދަކުރި މެޗަށެވެ.
https://fahuminet.com/tournaments/narudhoo-council-futsal-fiesta-2026
މެޗުން މޮޅުވެގެން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރެވެން އޮތް އާރްއެސްއޭ މިރޭ ކުޅުނު މެޗުން ބްލެކް ކޯނާ އަތުން ބަލިވީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި އެ ޓީމުން ލީޑުވެސް ނަގައިފައި ވަނިކޮށެވެ. މެޗުން އާރްއެސްއޭ ބަލިވީ 1-2 އިންނެވެ. މެޗުގައި އާރްއެސްއޭއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމުގެ ތަރި ހުސައިން އާހިލް ކާމިޔާބު ކުރިއިރު ބްލެކް ކޯނާއިން ޖެހި ދެ ގޯލް ކާމިޔާބުކޮށްދީފައިވަނީ ލުފްޝާން މޫސާ އާއި ނާއިޝް އާދަމެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކަމިން އަޕާއި ދަ ބެންޗް ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ އިއްތިހާދު އެފްސީ އާއި ލެއިޓް ވުލްފެވެ.