ކްލަބް މޯލްޑިވްސް ސީޒަނުގެ އެންމެ ޝަރަފްވެރި ތަށި، ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން މިއަހަރު ވެސް ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ހޯދައިފި އެވެ.
އާރްއާރްސީން ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކުރީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި 3-2 އިން އެސްޓީއޯ ބަލިކޮށްގެންނެވެ.
މުބާރާތުގެ މިދިޔަ އަހަރުގެ ފައިނަލުގައި ވެސް އާރްއާރްސީން ވަނީ ފައިނަލުގައި އެސްޓީއޯ ބަލިކޮށްފަ އެވެ.
މިރޭގެ މެޗުގައި ވާދަވެރި ކުޅުމެއް ފެނުނުއިރު، ފުރަތަމަ ގޯލު ޖެހީ އާރްއާރްސީންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ އިސްމާއީލް މުނީޒް އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން އެސްޓީއޯގެ ހުސައިން ޝަރީފް (އޮންލީ) ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި އާރްއާރްސީ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ޝަނާން ރަޝާދު އެވެ. މެޗުގެ 32 ވަނަ މިނެޓުގައި ޝަނާނަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލީ އެއް ފަހަރުން ޖަހަ އެވެ. މިފަހަރުވެސް އާރްއާރްސީ އަށް ލީޑުގައި މާ ގިނައިރު އޮވެވޭ ގޮތެއްނުވި އެވެ. އާރްއާރްސީގެ ގޯލަށް ފަހު، ދެ މިނެޓު ތެރޭ އެސްޓީއޯ އިން އަނެއްކާވެސް ނަތީޖާ ހަމަހަމަކުރި އެވެ. ލިބުނު ޕެނަލްޓީއަކުން މެޗުގެ 32 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ އިސްމާއީލް އީސާ (މެސީ) އެވެ. މިއީ ވީޑިއޯ ސަޕޯޓްގެ އެހީގައި ރެފްރީން އެސްޓީއޯ އަށް ދިން ޕެނަލްޓީއެކެވެ.
މެޗު ޕެނަލްޓީ އަށް ދާނެކަމަށް ބެލެވިފައި ވަނިކޮށް އާރްއާރްސީން ޗެމްޕިއަންކަން ހޯދި ގޯލު ކާމިޔާބުކޮށްދިނީ މުނީޒް އެވެ. އަހުމަދު އަފްލާޒް އަރިމަތިން ނަގައިދިން ހުރަސް ހުސްކޮށް ހުރެ މުނީޒް ގޯލަށް ފޮނުވާލީ ހަމަޖެހިލާފަ އެވެ.
މުނީޒް ގޯލު ޖެހިއިރު މެޗު ނިމެން އޮތީ ތިރީހަކަށް ސިކުންތެވެ. މެޗުގެ ފަހު ސިކުންތުކޮޅުގައި އެސްޓީއޯ އިން ވަނީ ޕަވަރ ޕްލޭ ބޭނުންކޮށްގެން ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. އެކަމަކު އެކަން ކާމިޔާބެއްނުވި އެވެ.
މިއީ އާރްއާރްސީން ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ. މީގެކުރިން އެޓީމުން މި މުބާރާތް ކާމިޔާބުކުރީ މިދިޔަ އަހަރާއި 2021 ވަނަ އަހަރު އެވެ.
ފައިނަލުން ބަލި އެސްޓީއޯ އަކީ މި މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމެވެ. އެސްޓީއޯ އިން ވަނީ 2009، 2011، 2014 އަދި 2015 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފަ އެވެ.
https://fahuminet.com/tournaments/club-maldives-cup-2026
މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި 17 ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. މިދިޔަ އަހަރުތަކާ ހިލާފަށް މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ހުރިހާ މެޗެއް ވެސް ކުޅުނީ ގަޑި ހުއްޓައިގެންނެވެ. އަދި، ސެމީ ފައިނަލުން ފެށިގެން ވީޑިއޯ ސަޕޯޓުގެ އެހީ ވެސް ވަނީ ހޯދައިފަ އެވެ.
ކްލަބް މޯލްޑިވްސް ސީޒަނުގައި ހަތް މުބާރާތް ކުޅޭއިރު ބާކީ އޮތީ ސެކްޓާ ލީގެވެ. ސެކްޓާ ލީގުގެ ކުޅުން ފަށާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.