ފުރަތަމަ ސަފްޙާ / ޚަބަރު / ވޭލިއަންޓް: ކިތަންމެ ހަގަސް އުންމީދުތައް ހުރީ އުހުގައި
ވޭލިއަންޓް: ކިތަންމެ ހަގަސް އުންމީދުތައް ހުރީ އުހުގައި

ވޭލިއަންޓް: ކިތަންމެ ހަގަސް އުންމީދުތައް ހުރީ އުހުގައި

ފަހުމިނެޓް
ފަހުމިނެޓް
9 ގަޑިއިރު ކުރިން 24 ޖުލައި 2026

ކ. އަތޮޅުގައި ބާއްވާ އެންމެ ކުލަގަދަ ފުޓްސަލް އީދު އަންނަ ބުރާސްފަތި ދުވަހު ފަށާއިރު އެކި ޓީމުތަކުގެ ތައްޔާރީތައް ހުރީ އެކި ހިސާބުގަ އެވެ. ބައެއް ޓީމުތަކަކީ މި އީދަށް ފަރިތަ ޓީމުތައް ކަމަށްވިޔަސް މިފަހަރުގެ އީދުގައި މުޅިން އަލަށް ބައިވެރިވާ ޓީމުތަކެއްވެސް އެބަ ތިއްބެވެ. މިފަހަރު މި ގެނެސްދެނީ އޭގެ ތެރެއިން އެއް ޓީމު ކަމަށްވާ ވޭލިއަންޓް ސްޕޯޓްސް ކްލަބްގެ ވާހަކަ އެވެ.

މުބާރާތް ބާއްވާ ތުލުސްދޫއަށް ނިސްބަތްވާ ވޭލިއެންޓް އަލީ، މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމްކޮށްގެން މި ހަފްތާގައި ފަށާ މިޔަޓް ފުޓްސަލް ފިއެސްޓާއަށް އެކަންޏެއް ނޫނެވެ. ގާތްގަނޑަކަށް ދެ ހާސް މީހުންގެ އާބާދީއެއް އޮތް ތުލުސްދޫއަށް ވެސް ވޭލިއަންޓަކީ އަދި އާ ނަމެކެވެ. މި ޓީމު އުފަންކުރި ފަހުން އަދި ވީ އެންމެ އަހަރެއްހާ ދުވަހެވެ.

ފުޓްސަލްއަށް ޝައުގުވެރިކަން ހުންނަ ޒުވާން ކުދިންތަކެއް އެކުވެގެން ކުޅިވަރުގައި ކުރިއަށްދާން ކަނޑައެޅި އަޒުމާއެކު ވުޖޫދަށް ގެނައި ވޭލިއަންޓް ސްޕޯޓްސް ކްލަބް މިޔަޓް ފުޓްސަލް ފިއެސްޓާގައި ކުރާ މިއީ ފުރަތަމަ ތަޖުރިބާ ކަމަށްވިޔަސް މިއީ ތުލުސްދޫގައި ބާއްވާ މުބާރާތެއްގައި އެ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. އުމުރުން ހަގު މި ޓީމުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ތުލުސްދޫގެ އަމިއްލަ ފަރާތަކުން އިންތިޒާމުކޮށްގެން ބޭއްވި ވައި ކަޕްގައި ވާދަކޮށްފަ އެވެ. ޓީމަށް ނުފިރުކެވި އުޅެނިކޮށް ބައިވެރިވި މި މުބާރާތުގެ ނަތީޖާވެސް ރަނގަޅެވެ. އެފަހަރު ވޭލިއަންޓް ނިންމާލީ 8 ޓީމު ވާދަކުރި މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ.

މުބާރާތުގައި ބައިވެރިވާ ގިނަ ޓީމުތައް މަޝްހޫރު ތަރިން ހިމަނައިގެން ފުރާލިޔަސް މި ޓީމުގައި އެފަދަ ތަރިންނެއް ނެތެވެ. އެއާ ހިލާފަށް މި ޓީމުގައި ތިބީ ތަރިންނާ ވާދަކޮށް ކުރި ހޯދުމުގެ ގަދަ އަޒުމުގައި ތިބި ޒުވާން ކުޅުންތެރިންތަކެކެވެ. މި ޓީމުގައި ވަކި ހިތްޕާލައިފައި އޮތީ ފުޓްސަލްއަށް ކުޅުންތެރިންގެ ހިތުގައި އޮތް ވަރުގަދަ ލޯތްބެވެ.

މި މަހުގެ 30 އިން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މިޔަޓް ފުޓްސަލް ފިއެސްޓާގައި މުޅިން އަލަށް މިފަހަރު ވާދަކުރި ކަމުގައި ވިޔަސް ވޭލިއަންޓްގެ އުންމީދުތައް ހުރީ މަތީގަ އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ އެންމެ ދަށްވެގެން ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުން." މުބާރާތާ މެދު ކުރާ އުންމީދަކީ ކޮބައިތޯ "ފަހުމިނެޓް" އިން ސުވާލުކުރުމުން  ވޭލިއަންޓްގެ އެއް ފައުންޑާ މުހައްމަދު ނަޒާން ދިނީ ކުރަސް، ސާފު ޖަވާބެކެވެ.

މައިގަނޑު ގޮތެއްގައި މާލޭގައި ދިރިއުޅެމުން އަންނަ ތުލުސްދޫގެ ކުޅުންތެރިންގެ އިތުރުން އަތޮޅަށް ނިސްބަތްވާ ކުޅުންތެރިން ހިމެނޭ މި ޓީމުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކަށް ހުރީ މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ވާދަކުރި އެމްޕީއެލް ޓީމުގައި ހިމެނުނު ހަސަން ޔޫން އެވެ. ޔޫން ވަނީ ކްލަބް މޯލްޑިވްސް ކަޕްގެ މިފަހަރުގެ މުބާރާތުގައި އެމްޕީއެލް އަށް ތިން ގޯލް ކާމިޔާބުކޮށްދީފަ އެވެ.

ވޭލިއަންޓްގެ ފަރާތުން "ފަހުމިނެޓް" އާ ވާހަކަދެއްކި ނަޒާން ބުނިގޮތުގައި ޓީމުގެ ގިނަ ކުޅުންތެރިން މާލޭގައި ތިބި ނަމަވެސް މުބާރާތަށް ފަރިތަކުރުމުގެ ކަންކަން މާލޭގައި ކުރިއަށްގެންދާ ކަމަށާއި، ގޮންޖެހުންތަކެއް ހުއްޓަސް މުބާރާތަށް ޓީމު ނުކުންނާނީ އިތުބާރާއެކު ކަމަށެވެ.

https://fahuminet.com/tournaments/myat-futsal-fiesta-2026

ނުވަ ޓީމަކުން ވާދަކުރާ މިޔަޓް ފުޓްސަލް ފިއެސްޓާގައި ވޭލިއަންޓް ސްޕޯޓްސް ކްލަބް ހިމެނެނީ ގްރޫޕް އޭގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ގާފަރަށް ނިސްބަތްވާ އެކްސް ބޯއީޒް އާއި ދިއްފުށި ފުޓްސަލް ޓީމުގެ އިތުރުން ތުލުސްދޫގެ ދެ ޓީމު ކަމަށްވާ އެޕޮކަލިޕްސް ފުޓްބޯލް ކްލަބާއި، އެޕޮކަލިޕްސް ސްޕޯޓްސް ކްލަބެވެ. 

ވޭލިއަންޓް މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ނުކުންނާނީ  އެކްސް ބޯއީޒްއާ ދެކޮޅަށެވެ.

 

 

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings