އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ތުލުސްދޫގައި ފަށާ މިޔަޓް ފުޓްސަލް ފިއެސްޓާގައި މިފަހަރު ބައިވެރިވާ ޓީމުތަކުގެ ތެރެއިން މުބާރާތުގެ ތަށްޓާ އެންމެ ރަށްޓެހި ޓީމަކީ ދިއްފުށި ފުޓްސަލް ޓީމެވެ.
ތުލުސްދޫއާ އެންމެ އަވަށްޓެރި ދިއްފުށީގެ ފުޓްސަލް ޓީމް މިހާތަނަށް މި މުބާރާތުގައި ދެ ފަހަރު ވާދަކޮށްފައިވާއިރު އެ ދެފަހަރުވެސް އެ ޓީމު ވަނީ ތަށި ހޯދައިފަ އެވެ. އެއީ މިފަހަރުގެ މުބާރާތުގެ ހޮޓް ފޭވަރިޓެވެ.
މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކޮށްގެން މިޔަޓް ފުޓްސަލް ފިއެސްޓާގެ ނަމުގައި 2018 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް އެންމެ ފަހުން ބޭއްވި ދެ އަހަރު ވެސް ޗެމްޕިއަންކަން ހޯދައިފައިވާ ދިއްފުށި ފުޓްސަލް ޓީމުގެ މިފަހަރުގެ އަމާޒަކީ ތިންވަނަ ފަހަރަށް ތަށި ހޯދައި މުބާރާތުގެ ތާރީހުގައި ފަނޑު ނުވާނެ އަކުރަކުން އެ ޓީމުގެ ނަން ލިޔުމެވެ. އެކަމަކު އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަން އެމީހުންނަށް އެނގެ އެވެ. އެއާއެކު މިފަހަރުގެ މުބާރާތަށް އެ ޓީމު އެކުލަވާލައިފައިވަނީ އެ އަމާޒަށް ވާސިލްވާން ބޭނުންވާނެ ހުރިހާ ހިސާބެއް ޖަހައިގެންނެވެ.
މިދިޔަ ދެ އަހަރު ވެސް ދިއްފުށި ޓީމު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ރަށަށް އުފަން ކުޅުންތެރިންގެ މައްޗަށެވެ. މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނެތަސް ރަށުވަންތަ ޓީމެއް ނެރެފި ނަމަ ކާމިޔާބު ހޯދިދާނެކަން އެންމެ ރަނގަޅަށް ސާބިތުކޮށްދިނީ ދިއްފުށިންނެވެ. މުބާރާތުގެ ތަށި ހޯދި ދެ އަހަރުވެސް އެ ޓީމު ފައިނަލްގައި ވާދަކޮށްފައިވަނީ ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ތަކެއް ހިމެނުނު ޓީމުތަކާ އެވެ.
ދިއްފުށި ޓީމުގެ ހުރިހާ ކަމެއް ބަލަހައްޓަމުން އަންނަ އެ ރަށު ކައުންސިލުން މިފަހަރުވެސް އަމާޒު ހިފައިގެން ތިބީ އެކަން ތަކުރާރުކުރާށެވެ. އެކަމަކު އަނިޔާއާއި އެހެން ބައެއް ސަބަބުތަކާ ހުރެ ކުރިން ޓީމުގައި މުހިންމު ދައުރެއް އަދާކުރި ބައެއް ކުޅުންތިންނަށް މިފަހަރު ކުޅެވެން ނެތުމާއި، އަދި މިއީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް މުބާރާތުގެ ތަށި ހޯދަން ނުކުންނަ ފަހަރު ކަމަށްވުމާއެކު ދިއްފުށި ފުޓްސަލް ޓީމުން ވަނީ ރަށުން ދެ ކުޅުންތެރިއަކު މިފަހަރުގެ ޓީމުގައި ހިމަނައިފަ އެވެ.

ކ. އަތޮޅުގައި ބާއްވަމުން އަންނަ އެންމެ ފުރިހަމަ އެއް ފުޓްސަލް މުބާރާތުގެ ތަށި ތިންވަނަ ފަހަރަށް ހޯދަން ދިއްފުށިން މިފަހަރުގެ ޓީމުގައި ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައި ހިމަނާފައިވަނީ، ފުޓްސަލްއަށް ލޯބިކުރާ ހުރިހާ ދިވެހިން ދަންނާނެ އަލީ ހާފިޒް (ހާއްޕެ) އާއި މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލަށް ކްލަބް އެޗްޑީސީ ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މުހައްމަދު ސާދު ނިޒާރެވެ.
ދިއްފުށި ފުޓްސަލް ޓީމުގައި ހިމެނޭ ރަށަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރޭގައިވެސް ފުޓްބޯޅައާއި ފުޓްސަލްގައި ނަން ހިނގާ ކުޅުންތެރިން އެބަ ތިއްބެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސްއަށް 100 ގޯލް ކާމިޔާބުކޮށްދީފައިވާ އަހްމަދު ރިޒްވާން (ރިޒޭ) އެވެ.
މިފަހަރުގެ މުބާރާތަށް ދިއްފުށި ފުޓްސަލް ޓީމު ނުކުންނައިރު އެ ޓީމަށް އޮތް އެންމެ ބޮޑު ޔަގީން ކަމެއް ލިބެނީ އެ ޓީމު މުބާރާތުގައި ބައިވެރިވި ދެ އަހަރުވެސް ހޯދި ކާމިޔާބީއިންނާއި، ރަށުގެ ރައްޔިތުން ޓީމަށް ދޭ ތަރުހީބުންނެވެ.
"ރަށުގެ ރައްޔިތުންގެ ފަރާތުން ޓީމަށް ވަރަށް ރަނގަޅު ތަރުހީބެއް އަންނަނީ ލިބެމުން. މި ރަށަކީ ތުލުސްދޫއާ ވަރަށް ކައިރީގަ އޮންނަ ރަށަކަށް ވީމަ ޓީމު މެޗު ކުޅޭ ދުވަސްދުވަހު ގާތްގަނޑަކަށް ތިން ސަތޭކައެއްހާ ސަޕޯޓަރުން ޓީމަށް ތަރުހީބު ދޭން ދާނެ. އެއީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. މިފަހަރުވެސް އަޅުގަނޑުމެންގެ ޓީމަށް ލިބޭނެ އެންމެ ބޮޑު އެޑްވާންޓޭޖަކަށް ވާނީ ސަޕޯޓަރުންގެ ތަރުހީބު." ދިއްފުށި ފުޓްސަލް ޓީމުގެ ތައްޔާރީތަކާ ގުޅޭގޮތުން އެ ޓީމުގެ މެނޭޖަރު އަދި ދިއްފުށި ކައުންސިލްގައިވެސް ހިމެނިވަޑައިގަންނަވާ ހަސަން ޝައްފާން "ފަހުމިނެޓް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެ އެވެ.
https://fahuminet.com/tournaments/myat-futsal-fiesta-2026
ޖުމްލަ ނުވަ ޓީމަކުން ވާދަކުރާ މިފަހަރުގެ މުބާރާތުގައި ދިއްފުށި ފުޓްސަލް ޓީމު ހިމެނެނީ ގްރޫޕް އޭ ގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ގާފަރަށް ނިސްބަތްވާ އެކްސް ބޯއިޒް އާއި ވޭލިއަންޓް ސްޕޯޓްސް ކްލަބާގެ އިތުރުން އެޕޮކަލިޕްސް ފުޓްބޯލް ކްލަބާއި އަދި އަޕޮކަލިޕްސް ސްޕޯޓްސް ކްލަބެވެ.
މުބާރާތުގައި ދިއްފުށި ފުޓްސަލް ޓީމުން ކުޅޭ ފުރަތަމަ މެޗުގއި މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ނުކުންނާނީ އެޕޮކަލިޕްސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.