ފުރަތަމަ ސަފްޙާ / ޚަބަރު / އެކްސް ބޯއީޒް: ގާފަރު ތަމްސީލްކުރަން އެ ނުކުންނަނީ ހުސް ތަރިންނާއެކު
އެކްސް ބޯއީޒް: ގާފަރު ތަމްސީލްކުރަން އެ ނުކުންނަނީ ހުސް ތަރިންނާއެކު
ގާފަރު ކައުންސިލް ކަޕް ކާމިޔާބުކުރި އެކްސް ބޯއީޒްގެ ޓީމު ތައްޓާ އެކު. އެރަށުގެ އެންމެ ކާމިޔާބު ޓީމު މިފަހަރު މިޔަޓް ފުޓްސަލްގައި ވާދަކުރާނެ. ފޮޓޯ: އެކްސް ބޯއީޒް

އެކްސް ބޯއީޒް: ގާފަރު ތަމްސީލްކުރަން އެ ނުކުންނަނީ ހުސް ތަރިންނާއެކު

ފަހުމިނެޓް
ފަހުމިނެޓް
12 ގަޑިއިރު ކުރިން 22 ޖުލައި 2026

މި މަހުގެ 30 ވަނަ ދުވަހު ކ. ތުލުސްދޫގައި ފަށާ މިޔަޓް ފުޓްސްލް ފިއެސްޓާގައި ތުލުސްދޫ ނޫން އެހެން ރަށްރަށުންވެސް ޓީމުތައް ބައިވެރިވެފައިވާއިރު އޭގެ ތެރެއިން އެއް ރަށަކީ ފުޓްސަލްގައި ކ. އަތޮޅުން އެންމެ ފާހަގަކޮށްލެވޭ އެއް ރަށް ކަމަށްވާ ގާފަރެވެ.

ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތުގައި ކުޅުނު ކ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދި ގާފަރުން މި މުބާރާތުގައި މީގެ ކުރިން ދެ ފަހަރު ވާދަކޮށްފައި އޮތް ނަމަވެސް މިފަހަރު މުބާރާތުގައި ބައިވެރިވަނީ އެ ރަށުގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ އެކްސް ބޯއީޒް އެވެ.

ސްކޫލް ދައުރުގައި އެއްކޮށް އުޅުނު ޒުވާން ކުދިންތަކެއް، ރަށުގައި ކުރިން ބާއްވަމުން އައި ސިކްސްއަސައިޑް ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވުމުގެ ޝައުގުވެރިކަން އޮވެގެން 2003 ވަނަ އަހަރު އުފެއްދި މި ޓީމަކީ ގާފަރުގައި ބާއްވަމުން އަންނަ ފުޓްސަލް ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. މި ޓީމުން ގާފަރުގައި މިހާތަނަށް ބޭއްވި ނުވަ ފުޓްސަލް މުބާރާތުގެ ތަށި ހޯދާފައިވާއިރު މިއީ ރަށުން ބޭރުގައި ބާއްވާ ފުޓްސަލް މުބާރާތެއްގައި އެކްސް ބޯއީޒްއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

"މިފަހަރުގެ މުބާރާތުގަ މި ބައިވެރިވީ ރަށުގެ ނަމުގަ ޓީމެއް ބައިވެރި ނުވާތީ ރަށް ތަމްސީލް ކުރަން ބޭނުން ވެގެން." މިޔަޓް ފުޓްސަލް ފިއެސްޓާގައި ބައިވެރިވާން ނިންމި ސަބަބާ ގުޅޭ ގޮތުން "ފަހުމިނެޓް"އާ ވާހަކަދައްކަމުން އެކްސް ބޯއިޒްގެ މެނޭޖަރު މުހައްމަދު ރިޝްވާން ބުނެފައިވެ އެވެ.

މިހާރު ދެން ރަށުގަ ބާއްވާ މުބާރާތްތަކުން ވަރަށް ގިނަ ކާމިޔާބީ ތައް ހުރީ ލިބިފަ. އެހެންވެ ދެން ބޭނުން ވަނީ މިހާރު މިހުރި ލެވަލްއިން އެހެން ލެވަލް އަކަށް ޖެހިލަން.

ތުލުސްދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ހަ ވަނަ ފުޓްސަލް މުބާރާތުގައި އެކްސް ބޯއީޒްއިން މިފަހަރު މުޅިން އަލަށް ބައިވެރިވި ނަމަވެސް އެ ޓީމުގެ އަމާޒަކީ މުބާރާތުން ބޮޑު ކާމިޔާބެއް ހޯދުމެވެ. އެކަމަށްޓަކައި އެކްސް ބޯއިޒް އިން ވަނީ  ގާފަރުގެ އިތުރުން ކ. އަތޮޅަށް ނިސްބަތްވާ ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްސަލް ކުޅުންތެރިންތަކެއް ހިމަނައިފަ އެވެ.

އޭގެ އިތުރުން މި މުބާރާތުގެ ގަވާއިދުގައި ކ. އަތޮޅަށް ނިސްބަތް ނުވާ ދެ ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށްވެސް އޮތުމާއެކު އެކްސް ބޯއީޒް ވަނީ އެ ފުރުސަތުގެ ބޭނުން ވަރަށް ފުރިހަމައަށް ހިފައިފަ އެވެ.

ކ. އަތޮޅުން ބޭރު ދެ ކުޅުންތެރިންގެ ގޮތުގައި އެކްސް ބޯއީޒް އިން ހިމަނާފައިވަނީ ސާފު ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ދެ ކުޅުންތެރިން ކަމަށްވާ އިޝާން އިބްރާހީމް (ސައްޓު) އާއި އަލީ ޝިޔާހް (ޝިޔަޅޭ) އެވެ.

އެކްސް ބޯއީޒް ޓީމުގައި ހިމަނާފައިވާ މަޝްހޫރު ފުޓްސަލް ތަރި ސައްޓު. ފޮޓޯ: ކްލަބް މޯލްޑިވްސް
އެކްސް ބޯއީޒް ޓީމުގައި ހިމަނާފައިވާ މަޝްހޫރު ފުޓްސަލް ތަރި ސައްޓު. ފޮޓޯ: ކްލަބް މޯލްޑިވްސް

އެކްސް ބޯއީޒް ޓީމުގައި ވަނީ ގާފަރަށް އުފަން މަޝްހޫރު ފުޓްސަލް ތަރިން ހިމަނައިފަ އެވެ. އެގޮތުން އަލީ މާއިސް (މައްޓު) އާއި ސާމިން މުހައްމަދު ނަސީރުގެ އިތުރުން އިބްރާހީމް ރިމާހް (ރިމޭ) އާއި ގާފަރުގެ ގޯލްކީޕަރު ފައްޔާޒް ފަޔާޒް (ފައިއްޓެ) ފާހަގަކޮށެލެވެ އެވެ. މީގެއިތުރުން އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން އިސްމާއީލް ވަޖީހް (ވައްޖެ) ވެސް ވަނީ ޓީމުގައި ހިމަނައިފަ އެވެ. 

"މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމެއްވެސް ވަރަށް ހަމަހަމަވާނެ ކަމަށް ބެލެވެނީ. ހުރިހާ ޓީމަކުންވެސް ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން ގެންނާނެ. އެކަމަކު އަހަރެމެންގެ ޓީމުގެ ކުޅުންތެރިންނާ މެދު ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް މި ޓީމުން ބޭނުންވާ ނަތީޖާ ނެރޭނެ ކަމުގެ."  މުބާރާތާ ދޭތެރޭ އޮތް އުންމީދު ހާމަކުރަމުން ރިޝްވާން ބުނެފައިވެ އެވެ.

https://fahuminet.com/tournaments/myat-futsal-fiesta-2026

މީގެ ކުރިން ގާފަރުން މި މުބާރާތުގައި ދެ ފަހަރު ބައިވެރިވެފައިވާ އިރު އެ ޓީމަށް އެންމެ ދުރަށް ދެވިފައި އޮތީ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށެވެ. ރިޝްވާނު ފާހަގަ ކުރި ގޮތުގައި މިފަހަރު އެކްސް ބޯއީޒް އިން މުބާރާތުގައި ބައިވެރިކުރާ ޓީމު ގާފަރު ނަމުގައި ކުރިން ބައިވެރިވި ދެ ޓީމަށްވުރެވެސް ވަރުގަދަ ވާނެ އެވެ.

ޖުމްލަ ނުވަ ޓީމަކުން ވާދަކުރާ މިޔަޓް ފުޓްސަލް ފިއެސްޓާގައި އެކްސް ބޯއީޒް ވާދަކުރާނީ ގްރޫޕް އޭގައި ހިމެނޭ  ވޭލިއަންޓް ސްޕޯޓްސް ކްލަބާއި، މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ދިއްފުށި ފުޓްބޯޅަ ޓީމުގެ އިތުރުން  އެޕޮކަލިޕްސް ފުޓްބޯލް ކްލަބް އަދި އެޕޮކަލިޕްސް ސްޕޯޓްސް ކްލަބާ އެވެ.

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings