ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު ތިން މެޗު މިއަދު ކުޅެން ތައްޔާރުވަމުން އަންނަ އިރު މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދުމުގެ ވާދަވެރިކަން މިވަނީ ބޮޑުވެފަ އެވެ. މުބާރާތަށް ޓީމުތަކުން މިފަހަރު ވަރަށް ބޮޑަށް ތައްޔާރުވެފައިވުމާއެކު މިކަން މިގޮތަށް ހިނގާފާނެ ކަމަށް މުބާރާތް ފެށުމުގެ ކުރިންވެސް އޮތީ ލަފާކުރެވިފަ އެވެ.
ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނަ މި މުބާރާތުގެ ލީގު އުސޫލުން ކުޅެމުން އަންނަ ބުރުގައި ކޮންމެ ޓީމަކުންވެސް މިހާތަނަށް ހަތަރު މެޗު ކުޅެފައިވާ އިރު މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހަމައެކަނި ކަށަވަރުވެފައިވަނީ 10 ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި އޮތް ކަމިން އަޕަށާއި 7 ޕޮއިންޓާއެކު ދެވަނައިގައި އޮތް އިއްތިހާދު އެފްސީއަށެވެ. މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ބްލެކް ކޯނާއަށް ސެމީ ފައިނަލްގެ ޖާގަ މުޅިން ބަންދުވެފައިވާއިރު ބާކީ އޮތް ތިން ޓީމަށް ސެމީގެ ޖާގައެއް ލިބޭކަން ކަށަވަރުވާނީ މިއަދާއި މިރޭ ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ބައެއް ޓީމުތަކަށް ސެމީއިން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އޮތް އިރު ބައެއް ޓީމުތަކަށް އޮތީ އެހެން މެޗުތަކުގެ ނަތީޖާއަށް އިންތިޒާރުކުރުމެވެ.
ސެމީ ފައިނަލްގެ ބާކީ އޮތް ދެ ޖާގަ އަށް ވާދަކުރާ ތިން ޓީމުގެ ތެރެއިން އެންމެ ފުރުސަތު ބޮޑީ އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފް ޔުނައިޓެޑަށެވެ. ޓޭބަލްގެ ތިންވަނައިގައި ހަ ޕޮއިންޓާއެކު އޮތް ލެއިޓް ވުލްފްއިން ޓޭބަލްގެ ހަތަރު ވަނައިގައި ފަސް ޕޮއިންޓާއެކު އޮތް ދަ ބެންޗާ ދެކޮޅަށް މިއަދު ހަވީރު ކުޅޭ މެޗު އެއްވަރުވި ކަމުގައިވިޔަސް ލެއިޓަށް ސެމީގެ ޖާގަ ކަށަވަރުވާނެ އެވެ. ދަ ބެންޗަށް އަމިއްލަ ބާރުގައި ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރެވެން އޮތީ މި މެޗުގައި ލެއިޓް ވުލްފް ބަލިކޮށްގެންނެވެ. މިއަދު ހަވީރު ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް މިރޭ ބްލެކް ކޯނާ އާއި އާރްއެސްއޭ ނެކްސްޓް ޖެން ކުޅޭ މެޗް ބްލެކް ކޯނާއިން ކާމިޔާބުކޮށްފި ނަމަ ލެއިޓް ވުލްފާއި، ދަ ބެންޗަށް ސެމީގެ ޖާގަ ކަށަވަރުވާނެ އެވެ.
https://fahuminet.com/tournaments/narudhoo-council-futsal-fiesta-2026
މި މުބާރާތުގައި އެންމެ ހައިރާންކުރުވަނިވި ނަތީޖާތައް ނެރެމުން އަންނަ އާރްއެސްއޭ ނެކްސްޓް ޖެންއަށްވެސް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ އަމިއްލަ ބާރުގައި ކަށަވަރުކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެންމެ ޕޮއިންޓަކާއެކު ޓޭބަލްގެ ފުލުގައި އޮތް ބްލެކް ކޯނާއާ ދެކޮޅަށް މިރޭ ކުޅޭ މެޗު އެ ޓީމުން ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް ސެމީ ފައިނަލްގެ ޖާގަ ޔަގީން ވާނެ އެވެ. މެޗު އެއްވަރުވިޔަސް އާރްއެސްއޭއަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބުމުގެ ހަނި ފުރުސަތެއް އެބައޮތެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ދަ ބެންޗުގެ މައްޗަށް ލެއިޓުން ކުރި ހޯދައިފި ނަމަ މިރޭ ބްލެކް ކޯނާ އާއި އާރްއެސްއޭ ވާދަކުރާ މެޗު އެއްވަރުވިއަސް އާރްއެސްއޭއަށް ސެމީއިން ފުރުސަތު ލިބޭނެ އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ވުރާސްފަތި ދުވަހުގެ ރެ އެވެ.