ކްލަބް މޯލްޑިވްސް ސީޒަނުގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ އެސްޓީއޯ ރިކްރިއޭޝަން ކްލަބް (އެސްޓީއޯ) އިން ހޯދައިފި އެވެ.
އެސްޓީއޯ ފައިނަލުގެ ޖާގައެއް ހޯދީ ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗުގައި 3-1 އިން ކްލަބް އެޗްޑީސީ ބަލިކޮށްގެންނެވެ.
ސެމީގައި ވާދަކުރި މި ދެޓީމުގައި ވެސް ތިބީ ފުޓްސަލްގެ ތަރިންނެވެ. އެހެންވެ މެޗުގައި ފެނުނީ ވެސް ވަރަށް ވާދަވެރި އަދި ފޯރިގަދަ ކުޅުމެކެވެ.
ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި މެޗުގެ ލީޑު ނެގީ އެޗްޑީސީންނެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. އެކަމަކު އެ ލީޑުގައި އެޗްޑީސީ އަށް މިނެޓެއްހާއިރު ވެސް ނޯވެވުނެވެ. ޖެހިގެން އައި މިނެޓުގައި އެސްޓީއޯ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ހުނަރުވެރި ފުޓްސަލް ތަރި އަލީ ހައިޝަމް (ޗުންޕު) އެވެ.
އެސްޓީއޯ އިން މެޗުގައި ލީޑު ނެގީ 21 ވަނަ މިނެޓުގައި އަލީ ހުމޭޒު ޖެހި ގޯލުންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި އެސްޓީއޯ އަށް މޮޅު ކަށަވަރުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސަރޯޝް މަޝާދީ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެޗްޑީސީގެ ގިނަ ހަމަލާތަކެއް ހިފެއްހެޓި އެސްޓީއޯގެ ގޯލްކީޕަރު މުހައްމަދު ޒުހަލް އެވެ.
އެސްޓީއޯ ވަނީ މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި ވެސް ކުޅެފަ އެވެ. އެކަމަކު އާރުއާރްސީއާ ވާދަކޮށް ފައިނަލުގައި ބަލިވީ އެވެ.
މިފަހަރުގެ މުބާރާތުން ކެޓުމާ އެކު މުބާރާތް ކާމިޔާބުކުރަން އެޗްޑީސީ އަށް މިވަނީ އިތުރު އިންތިޒާރެއް ކުރަންޖެހިފަ އެވެ. އެޗްޑީސީ އަކީ މިއަހަރުގެ މުބާރާތަށް އެންމެ ތައްޔާރުވި އެއް ޓީމެވެ.
މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި ވާދަކުރާނީ އެމްޓީސީސީ އާއި ޗެމްޕިއަން އާރްއާރްސީ އެވެ. މި މެޗު ފަށާނީ މިރޭ 20:30 ގަ އެވެ.