ފުރަތަމަ ސަފްޙާ / ޚަބަރު / ކ. އަތޮޅުގައި ބާއްވާ އެންމެ ކުލަގަދަ ފުޓްސަލް އީދުގެ މެޗުތައް އަތުރާލައިފި
ކ. އަތޮޅުގައި ބާއްވާ އެންމެ ކުލަގަދަ ފުޓްސަލް އީދުގެ މެޗުތައް އަތުރާލައިފި
މިޔަޓް ސްޕޯޓްސް ފިއެސްޓާގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މިޔަޓް

ކ. އަތޮޅުގައި ބާއްވާ އެންމެ ކުލަގަދަ ފުޓްސަލް އީދުގެ މެޗުތައް އަތުރާލައިފި

ފަހުމިނެޓް
ފަހުމިނެޓް
19 ގަޑިއިރު ކުރިން 20 ޖުލައި 2026

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން ކ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ "މިޔަޓް ސްޕޯޓްސް ފިއެސްޓާ 2026" ގެ ގުރު ނެގުމުގެ ރަސްމިއްޔާތު ރޭ ކުރިއަށް ގެންގޮސްފި އެވެ. 

މިޔަޓް ސްޕޯޓްސް ފިއެސްޓާގެ ގުރު ނެގުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ރޭ މޫކައި ހޮޓެލްގަ އެވެ. މިޔަޓް ސްޕޯޓްސް ފިއެސްޓާ ތުލުސްދޫގައި ކުރިއަށްދާނީ ޖުލައި 30 އިން އޮގަސްޓް 13 ގެ ނިޔަލަށެވެ.

މިފަހަރުގެ ސްޕޯޓްސް ފިއެސްޓާގައި ދެ މުބާރާތެއް ކުޅޭނެ އެވެ. އެއީ ފިރިހެން ޓީމުތަކަށް ހާއްސަކޮށްގެން ބާއްވާ ފުޓްސަލް ޗެލެންޖާއި ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ ފެމިނާ ފުޓްސަލް މުބާރާތެވެ. 

ފިރިހެން ފުޓްސަލްގައި 9 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. 

ފިރިހެން ފުޓްސަލްގެ ގްރޫޕް އޭގައި ހިމެނެނީ ދިއްފުށީ އެފްޓީ އާއި އެޕޮކަލިޕްސް ސްޕޯޓްސް ކްލަބާއި، ވެލިއަންޓް ސްޕޯޓްސް ކްލަބުގެ އިތުރުން އެކްސް ބޯއީޒް އަދި އެޕޮކަލިޕްސް އެފްސީ އެވެ. 

މިޔަޓް ފުޓްސަލް ފިއެސްޓާގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޯރިގަދަ މި ކުޅިވަރު އިވެންޓް ތުލުސްދޫގައި ފަށާނީ ޖުލައި 30 ގައި. ފޮޓޯ: މިޔަޓް
މިޔަޓް ފުޓްސަލް ފިއެސްޓާގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޯރިގަދަ މި ކުޅިވަރު އިވެންޓް ތުލުސްދޫގައި ފަށާނީ ޖުލައި 30 ގައި. ފޮޓޯ: މިޔަޓް

ގްރޫޕް ބީގައި ހިމެނެނީ ބްލެކް އީގަލްސް އާއި މަލްޓި އެކްސް ކަންމަތި އެފްސީ އާއި މަލްޓި އެކްސް ކަންމަތި ނިއު ޖެނެރޭޝަންގެ އިތުރުން އެފްސީ ކުޑަ ވިލިނގިލި އެވެ. 

ފުޓްސަލް ފިއެސްޓާގެ މެޗުތައް ކުޅޭނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖުލައި 30 ވަނަ ދުވަހު ކުޅޭނީ ދިއްފުށި އެފްޓީ އާއި އެޕޮކަލިޕްސް ސްޕޯޓްސް ކްލަބެވެ. ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އޮގަސްޓް 9 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހު އެވެ. 

ފިރިހެން ފުޓްސަލްގައި ވާދަކުރާ 9 ޓީމުގެ ތެރެއިން ތިން ޓީމަކީ ރަށުން ބޭރު ޓީމުތަކެވެ. އެއީ ދިއްފުށި އެފްޓީގެ އިތުރުން ގާފަރަށް ނިސްބަތްވާ އެކްސް ބޯއީޒް އާއި ކުޑަ ވިލިނގިލި ރިސޯޓެވެ. 

ފެމިނާ ފުޓްސަލްގައި ހަތަރު ޓީމަކުން ވާދަކުރާނެ އެވެ. އެއީ ކަންމަތި ލޭޑީޒް އާއި ދިއްފުށި ވިމެންސް އެފްޓީގެ އިތުރުން މާފުށި ކައުންސިލް ޓީމު އަދި ހިންމަފުށި ވިމެންސް އެފްޓީ އެވެ. 

ފެމިނާ ފުޓްސަލް ކުޅޭނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށް ފަހު އެންމެ ކުރި ހޯދާ ދެ ޓީމު ފައިނަލް ކުޅޭ ގޮތަށެވެ. ފެމިނާ ފުޓްސަލްގެ ހުރިހާ މެޗަކާއި ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އޮގަސްޓް 7 ވަނަ ދުވަހު އެވެ.  

ފުޓްސަލް ފިއެސްޓާގެ މިދިޔަ އަހަރުގެ މުބާރާތުގައި 12 ޓީމަކުން ވާދަކުރިއިރު، ޗެމްޕިއަންކަން ހޯދީ ދިއްފުށި އެފްޓީ އެވެ. އެޓީމާ ދެކޮޅަށް ފައިނަލުގައި ނުކުތީ ތުލުސްދޫ އަށް ނިސްބަތްވާ ބްލެކް އީގަލްސް އެވެ. 

މިޔަޓް ފުޓްސަލް ފިއެސްޓާގެ އެންމެ ކާމިޔާބު ދެ ޓީމަކީ ކަންމަތި އާއި ދިއްފުށީ އެފްޓީ އެވެ. މިއިން ކޮންމެ ޓީމަކުން ވެސް ވަނީ ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. 

މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 75،000 ރުފިޔާ ކަނޑައަޅާފައިވާއިރު ދެ ވަނަ ޓީމަށް ކަނޑައަޅާފައިވަނީ 35،000 ރުފިޔާ އެވެ. 

ތުލުސްދޫގެ ކުޅިވަރު އަދި އިޖުތިމާއީ ހަރަކާތްތައް ހިންގުމަށާއި އަތޮޅު ފެންވަރުގެ މުބާރާތްތައް އިންތިޒާމުކުރުމުގެ މަގްސަދުގައި މިޔަޓް އުފެއްދީ 2016 ވަނަ އަހަރު އެވެ. އަދި މިޔަޓް ފުޓްސަލްގެ ނަމުގައި އެ ޖަމިއްޔާއިން މުބާރާތްތައް ބާއްވަން ފެށީ 2018 ވަނަ އަހަރު އެވެ. 

މިހާތަނަށް އައިއިރު މިޔަޓް ސްޕޯޓްސް ފިއެސްޓާ ވެގެންގޮސްފައިވަނީ އަތޮޅުތެރޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް ކުޅިވަރު އިވެންޓަށެވެ. 

ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މިޔަޓުން ވަނީ އިޖުތިމާއީ މުހިއްމު އެކި ހަރަކާތްތައް ކުރިއަށްގެންގޮސްފަ އެވެ. މިގޮތުން، ކޮންމެ ރޯދަ މަހަކު ދީނީ ދަރުސް ބޭއްވުމާއި، ބަލިހާލަތުގައި އާންމު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މިޔަޓް ފުޓްސަލް ފިއެސްޓާ މުޅި ކ. އަތޮޅާއި ގްރޭޓާ މާލޭ ސަރަހައްދަށް އަމާޒުކޮށްގެން ބޭއްވުން ހިމެނެ އެވެ. 

މިފަހަރުގެ މިޔަޓް ފުޓްސަލް ފިއެސްޓާ އަށް ތައްޔާރުވުމުގެ ގޮތުން މިޔަޓުން މިހާރު ވަނީ ހާއްސަ ރަން އެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މިގޮތުން "މިޔަޓް ޔުނިޓީ ރަން" ގެ ނަމުގައި ބާއްވާ މި ހަރަކާތް ތުލުސްދޫގައި އޮންނާނީ ޖުލައި 31 ވަނަ ދުވަހު އެވެ. 

https://www.fahuminet.com/tournaments/myat-futsal-fiesta-2026

މިޔަޓް ފުޓްސަލް ފިއެސްޓާގެ މިފަހަރުގެ ޕަބްލިކް ރިލޭޝަން ޕާޓްނަރަކީ ފަހުމިނެޓް އެވެ. މި ނޫހުގެ ފަރާތުން މުޅި ފިއެސްޓާގެ އެންމެ ފަހުގެ މައުލޫމާތުތައް ގެނެސްދިނުމުގެ އިތުރުން މުބާރާތުގެ މެޗުތަކުގެ ލައިވްސްކޯ ވެސް ގެނެސްދޭނެ އެވެ. 




ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Predict
Settings