ފުރަތަމަ ސަފްޙާ / ޚަބަރު / ކްލަބް ބިނާރާއިން ކްލަސިކް މުބާރާތް ކާމިޔާބުކޮށްފި
ކްލަބް ބިނާރާއިން ކްލަސިކް މުބާރާތް ކާމިޔާބުކޮށްފި

ކްލަބް ބިނާރާއިން ކްލަސިކް މުބާރާތް ކާމިޔާބުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
16 ގަޑިއިރު ކުރިން 18 ޖުލައި 2026

ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ކްލަބް މޯލްޑިވްސް ކަޕް ކްލަސިކްގެ ޗެމްޕިއަންކަން ކްލަބް ބިނާރާއިން ހޯދައިފި އެވެ.

މިދިޔަ އަހަރު ބޭއްވި ކްލަސިކް މުބާރާތުގ ފައިނަލްގައިވެސް ވާދަކުރި ބިނާރާއިން މިފަހަރުގެ މުބާރާތުގެ ތަށި މި ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 3-3 އިން އެއްވަރުވުމާއެކު ޕެނަލްޓީ ޖަހައިގެން 1-3 އިން މޮޅުވެގެންނެވެ.

ޖުމްލަ 19 ޓީމަކުން ވާދަކުރި މި މުބާރާތުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލީޑް ނެގީ ޔައިޝް މުސްތަފާގެ ގޯލަކުން ކްރިމިނަލް ކޯޓުންނެވެ. އެކަމަކު އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ބިނާރާގެ ތަރި އަހްމަދު ރުވާއު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން އިރު ފަހު ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ބިނާރާގެ  އިސްމާއިލް އަޒްހާން ގޯލެއް ޖަހައި އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނެވެ.

ރޭގެ މެޗުގައި ކްރިމިނަލް ކޯޓަށް އެންމެ ބޮޑު މައްސަލައަކާ ކުރިމަތިވީ 1-2 އިން އެ ޓީމު ފަހަތުގައި އޮއްވައި އެޓީމުގެ ތަރި ޔައިޝްއަށާއި ގޯލްކީޕަރަށް ރަތް ކާޑު ދެއްކުމެވެ. އެކަމަކު އެ އުނދަގޫ ހާލަތާއެކުވެސް ކްރިމިނަލް ކޯޓުގެ  މުހައްމަދު ހައްސާން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އެއަށްފަހު އަނެއްކާވެސް ދެން ފެނުނީ ބިނާރާގެ އަބްދުﷲޑ ނާހިލް ލަނޑެއް ޖަހައި ބިނާރާއަށް ދެވަނަ ފަހަރަށް ލީޑް ހޯދައިދިން ތަނެވެ. އެކަމަކު ކްރިމިނަލް ކޯޓަށް ދެވަނަ ގޯލް ކާމިޔާބުކޮށްދިން މުހައްމަދު ހައްސާން އަނެއްކާވެސް ގޯލެއް ޖަހައި ބިނާރާ ސިއްސުވާލި އެވެ.

ރޭގެ މެޗު އެއްވަރުވެގެން ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ބިނާރާއިން ޖެހި ތިން ޕެނަލްޓީ ކާމިޔާބުކޮށްފައިވާ އިރު ކްރިމިނަލް ކޯޓުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ހަމައެކަނި ކާމިޔާބުކުރެވުނީ މެޗުގައި އެޓީމަށް ދެ ގޯލް ކާމިޔާބުކުރި ހައްސާން ޖެހި ޕެނަލްޓީ އެކަންޏެވެ.

މިފަހަރުގެ މުބާރާތުގެ ފެއާ ޕްލޭ  ކުޅުންތެރިޔަކަށް ބީސީސީގެ އަބްދުﷲ ލޫތު އިބްރާހިމް ހޮވުނު އިރު ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ބީސީސީ އެވެ. މުބާރާތުގައި ދެ ކުޅުންތެރިއަކު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވެ އެވެ. އެއީ 10 ގޯލް މި މުބާރާތުގައި ޖެހި ކްލަބް ބިނާރާގެ އަހްމަދު ރުވާއު އާއި ޔައިޝް މުސްތަފާ އެވެ.

މުނާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކްރިމިނަލް ލޯޓްގެ ޔައިޝް އާއި ބިނާރާގެ ރުވާއުގެ އިތުރުން އެ ޓީމުގެ މުހައްމަދު މިންވާލް އަދި ގޯލްކީޕަރު މުހައްމަދު ރައުޝަންގެ އިތުރުން ކްލަބް އެވްސެކްގެ އިބްރާހިމް ޒިޔާން އެވެ.

ކްލަސިކް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ކްރިމިނަލް ކޯޓްގެ ޔައިޝް ހޯދި އިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބިނާރާގެ ކޯޗް މުހައްމަދު އިހްސާން އެވެ.

    

ކޮމެންޓްސް

Matches
9
Ongoing
Upcoming
Predict
Settings