ކްލަބް މޯލްޑިވްސް ކްލަސިކްގެ ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ކްރިމިނަލް ކޯޓުގެ އިތުރުން ކްލަބް ބިނާރާ އަދި ކްލަބް އޭވިއޭޝަން ސެކިއުރިޓީން ސެމީ ފައިނަލުގެ ޖާގަތައް ހޯދައިފި އެވެ.
ކްލަސިކްގެ ކުއާޓާ ފައިނަލް ހަތަރު މެޗު ރޭ ކުޅުނުއިރު، ތިން މެޗުގައި ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފުރިހަމަ ވަގުތުގައި މޮޅެއް ލިބުނު ހަމައެކަނި ޓީމަކީ 2-7 އިން މެޑްޓީޓީ ބަލިކުރި ކްލަބް ބިނާރާ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ހުޅުމާލެ ހޮސްޕިޓަލާއި ބީސީސީ ވާދަކުރި މެޗު އެއްވަރުވީ 3-3 އިންނެވެ. ޕެނަލްޓީގައި ބީސީސީ ކުރި ހޯދީ 4-2 އިންނެވެ.
ކްރިމިނަލް ކޯޓާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ވާދަކުރި މެޗު އެއްވަރުވީ 1-1 އިންނެވެ. ޕެނަލްޓީގައި ކްރިމިނަލް ކޯޓު ކުރި ހޯދީ 3-4 އިންނެވެ.
ވަރުގަދަ ޓީމަކާ އެކު މުބާރާތަށް ނުކުތް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޓީމުން އޭވިއޭޝަން ސެކިއުރިޓީއާ ވާދަކުރި މެޗު އެއްވަރުވީ 3-3 އިންނެވެ. ޕެނަލްޓީގައި އޭވިއޭޝަން ސެކިއުރިޓީ އަށް ކުރި ލިބުނީ 5-4 އިންނެވެ.
ބީސީސީން ހުޅުމާލެ ހޮސްޕިޓަލް ކޮޅަށް ތިން ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު މިކްޔާލް މުއީނު އާއި އަބްދުއްރަހްމާން ސާމީ އަބްދުއްރަހީމްގެ އިތުރުން އަބްދުﷲ ލޫތު އިބްރާހީމް އެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ތިން ގޯލުގެ ތެރެއިން އަހުމަދު ފައްޔާޒް ފައިސަލް ދެ ގޯލު ޖެހިއިރު އަނެއް ގޯލު ކާމިޔާބުކޮށްދިނީ ހަސަން ނާއިފް އެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ހުޅުމާލެ ހޮސްޕިޓަލުގެ އިބްރާހީމް ސޯލިހާއި އަހުމަދު ފައްޔާޒް ޖެހި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބީސީސީގެ ލޫތު އެވެ.

ކްރިމިނަލް ކޯޓު ކުޅުނު މެޗުގައި އެޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ހައްސާން އަހުމަދު އެވެ. ވިޒިޓް މޯލްޑިވްސްގެ ގޯލު ޖަހައިދިނީ އިސްމާއީލް ރާއިދު ރިޔާޒް އެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ވިޒިޓް މޯލްޑިވްސްގެ އަބްދުއްޝަކޫރު އަބްދުއްސައްތާރު އާއި އަހުމަދު ސާއިމް ޖެހި ޕެނަލްޓީތައް ވައްދައެއްނުލެވުނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކްރިމިނަލް ކޯޓުގެ މުހައްމަދު ހައްސާން އެވެ.
ކްލަބް ބިނާރާއިން ފަސޭހަކަމާ އެކު މެޑްޓީޓީ ބަލިކުރި މެޗުގައި، އެޓީމުން ޖެހި ހަތް ގޯލުގެ ތެރެއިން އިސްމާއީލް އަޒުހާން ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަޒުހާންގެ އިތުރުން ގޯލުތައް ކާމިޔާބުކޮށްދިނީ، ޖަޒްލާން ޖައުފަރު އާއި އަހުމަދު ރުވާއުގެ އިތުރުން މުހައްމަދު މިންވާލް އަދި މުހައްމަދު ޝަފްރާޒް އެވެ. މެޑްޓީޓީގެ ދެ ގޯލު ވެސް ޖަހައިދިނީ އިރުފާން އާދަމް ނަސީރު އެވެ.
ވާދަވެރި ކުޅުމެއް ފެނުނު ކުއާޓާ ފައިނަލް ފަހު މެޗުގައި ޔޫތު މިނިސްޓްރީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ އާލިމް އަބްދުލްގައްޔޫމެވެ. އަނެއް ގޯލު ޖެހީ މުހައްމަދު ސާޖިދު އެވެ. އޭވިއޭޝަން ސެކިއުރިޓީގެ ތިން ގޯލުގެ ތެރެއިން އިބްރާހީމް ޒިޔާން ދެ ގޯލު ޖެހިއިރު އަނެއް ގޯލު ޖަހައިދިނީ ތައުމީން ނޫހު އެވެ.
https://fahuminet.com/tournaments/cmc-classic-2026
މި މެޗު އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ޔޫތު މިނިސްޓްރީ އަށް ވައްދާނުލެވުނީ ސާޖިދު ޖެހި ޕެނަލްޓީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭވިއޭޝަން ސެކިއުރިޓީ ޓީމުގެ އިބްރާހީމް ޒިޔާން އެވެ.
ކްލަބް މޯލްޑިވްސް ކްލަސިކްގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ ޖުލައި 15 ވަނަ ދުވަހުގެ ރެ އެވެ.
ކްލަބް މޯލްޑިވްސް ސީޒަނުގައި މިއަހަރު ހަތް މުބާރާތް ކުޅެ އެވެ. މިއަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.