ކްލަބް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކްލަބް މޯލްޑިވްސް ކަޕް ކްލަސިކްގެ ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ.
ޖުމްލަ 19 ޓީމަކުން ވާދަކުރި މި މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައިވެސް ވާދަކުރި ކްލަބް ބިނާރާ އާއި އެ މުބާރާތުގެ ސެމީ ފައިނަލްގައި ކުޅުނު ކްރިމިނަލް ކޯޓެވެ.
މިރޭ ކުޅޭ ފައިނަލްގައި ބައްދަލުކުރާ ކްލަބް ބިނާރާއި ކްރިމިނަލް ކޯޓު މި މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. ކްލަބް ބިނާރާއިން މި މުބާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން މުބާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ ދެ މެޗު އެއްވަރުކޮށްފައިވެ އެވެ.
މުބާރާތުގެ ފައިނަލުން ކްލަބް ބިނާރާ އާއި ކްރިމިނަލް ކޯޓުވެސް ޖާގަ ހޯދައިފައިވަނީ ސެމީ ފައިނަލްގައި އިދިކޮޅުން ވާދަކުރި ޓީމު ކޮޅަށް ހަތް ލަނޑު ޖަހައިގެން މޮޅުވެގެންނެވެ. ސެމީ ފައިނަލްގައި ކްލަބް ބިނާރާއިން 4-7 އިން ކްކަބް އޭވިއޭޝަން ސެކިއުރިޓީ ބަލިކުރި އިރު ކްރިމިނަލް ކޯޓުން ސެމީ ފައިނަލްގައި ބީސީސީގެ މައްޗަށް ކުރި ހޯދީ 2-7 އިންނެވެ.
https://fahuminet.com/tournaments/cmc-classic-2026
މި މުބާރާތުގައި މިހާތަނަށް ބިނާރާއިން 24 ގޯލް ކާމިޔާބުކޮށްފައިވާއިރު ކްރިމިނަލް ކޯޓުން ވަނީ މި މުބާރާތުގައި މިހާތަނަށް 25 ގޯލް ކާމިޔާބުކޮށްފަ އެވެ. ދެ ޓީމުގެ ގޯލްޖެހުމުގެ ރެކޯޑް ދާދި ހަމަހަމަކޮށް ފެންނަން އޮތް ނަމަވެސް ޑިފެންސިވް ރެކޯޑަށް ބަލާއިރު ވަރުގަދަކޮށް ފެންނަނީ ކްރިމިނަލް ކޯޓެވެ. މިފަހަރުގެ މުބާރާތުގައި ބިނާރާ ކޮޅަށް 10 ގޯލް ވަދެފައިވާއިރު ކްރިމިނަލް ކޯޓް ކޮޅަށް ވަދެފައިވަނީ އެންމެ ހަތަރު ގޯލެވެ.
ކްލަބް މޯލްޑިވްސް އިން 2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެމީ ފައިނަލްގަ އެވެ. އެ މެޗު ބިނާރާއިން ކާމިޔާބުކޮށްފައިވަނީ 3-9 އިންނެވެ.
މި ދެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނަކީ ކްލަބް ބިނާރާގެ އަހްމަދު ރުވާއު އާއި ކްރިމިނަލް ކޯޓްގެ ޔައިޝް މުސްތަފާ އެވެ. ނުވަ ގޯލް ޖަހައިގެން ލަނޑު ލިސްޓުގެ އެއްވަނައިގައި ޔައިޝް އޮތް އިރު ރުވާއު ވަނީ މިހާތަނަށް މި މުބާރާތުގައި އަށް ގޯލް ޖަހައިފަ އެވެ.
ކްލަބް ބިނާރާ އާއި ކްރިމިނަލް ކޯޓް ވާދަކުރާ ފައިނަލް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.