މިއަދު ފަށާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މުޅިން އަލަށް ބައިވެރިވާ ކަމިން އަޕް ޓީމުގެ އަމާޒަކީ ކުރިން ރަށު ފެންވަރުގައި ބާއްވަމުން އައި ފުޓްބޯޅަ މުބާރާތްތަކުގައި އެ ޓީމު ހޯދާފައިވާ ރަން ކާމިޔާބީތައް ފުޓްސަލްގައިވެސް ހޯދުން ކަމަށް އެ ޓީމުން ބުނެފި އެވެ.
ހަމައެކަނި ރަށަށް ހުޅުވާލައިގެން މި މަހުގެ 25 ގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި ކަމިން އަޕް ކުޅެންޖެހޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފް ޔުނައިޓެޑާ ދެކޮޅަށެވެ. މުބާރާތް ހަމަޖެހިފައިވާ ގޮތުން ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު އެންމެ ރަގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ވާދަކުރާނީ ސެމީ ފައިނަލްގަ އެވެ.
އެއް ސަރަހައްދަކަށް ނިސްބަތްވާ ޒުވާން ކުދިންތަކެއް އެކުވެގެން ކުޅިވަރު ހަރަކާތްތަކުގައި ތަމްސީލްކުރުމަށް އުފެއްދި ކަމިން އަޕް އިން ވަނީ ކުރިން ރަށުގައި ބާއްވަމުން އައި ފުޓްބޯޅަ މުބާރާތްތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އެ ޓީމް ވަނީ ރަށުގައި ކުރިން ބާއްވަމުން އައި ފުޓްބޯޅަ މުބާރާތް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ.
ރަށުގައި ކުރިން ގަވާއިދުން ބާއްވަމުން އައި ފުޓްބޯޅަ މުބާރާތްތައް ހުއްޓުމަކަށް އައުން ވީ ކަމިން އަޕްގެ ކުޅިވަރުގެ ހަރަކާތްތަކަށްވެސް ހުއްޓުމެއް ގެނުވި ކަމަކަށެވެ. އެއާއެކު އަހަރުތަކެއް ވަންދެން ކަމިން އަޕްގެ އަޑު ފަނޑުވެފައި އޮތުމަށްފަހު އެ ޓީމަށް ނިސްބަތްވާ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު ފުޓްބޯޅައިގައި ނުކުތް ފޯރީގައި ފުޓްސަލްގެ ތެރެއަށްވެސް ނުކުންނަން ކަމިން އަޕުން ނިންމީ އެވެ.
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އަލުން ކަމިން އަޕްގެ ހަރަކާތްތައް އެ ފަށަނީ ވެސް ފިސާރި ވަރުގަދަކޮށެވެ. ކައުންސިލް ފުޓްސަލް ފިއެސްޓާގައި ކަމިން އަޕްއިން ބައިވެރިކުރާ ޓީމުގެ ކެޕްޓަނަކަށް ހުރީ ނަރުދޫގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ހުސައިން ހަލީމެވެ. އޭގެ އިތުރުން މި މުބާރާތުގައި އެހެން ޓީމުތަކަށް ވަރުގަދަ ފައިޓެއް ދިނުމަށްޓަކައި ރާއްޖޭގެ ފުޓްސަލްގައި މިހާރު އެންމެ ނަން ހިނގާ އެކަކު ކަމަށްވާ މުހައްމަދު އިސާމް (ޝަންޓޭ) ގެ އިތުރުން ފުޓްސަލްގައި އެންމެ ކާމިޔާބު އެއް ރަށް ކަމަށްވާ ތިމަރަފުށި ފުޓްސަލް ޓީމްގެ ކެޕްޓަންކަން ކޮށްފައިވާ ތަޖުތިބާކާރު ކުޅުންތެރިޔާ އިބްރާހިމް ސިނާހް ވެސް ވަނީ ޓީމުގައި ހިމަނައިފަ އެވެ.
"އަޅުގަނޑުމެން މި މުބާރާތަށް ވަރަށް ކުރިއްސުރެ ތައްޔާރުވާން ފަށައިފިން. ރަގަޅު ކުޅުންތެރިން ހޯދައި މުބާރާތުގައި ރަގަޅު ވާދައެއް ކުރެވޭ ވަރުގެ ޓީމެއް އެކުލަވާލަން ގިނަ މަސައްކަތްތަކެއް ވާނީ ކޮށްފަ. އަޅުގަނޑުމެންގެ ބޭނުމަކީ ފުޓްބޯޅައިގައި ކަމިން އަޕުން ހޯދި ކާމިޔާބީ ފުޓްސަލްގައިވެސް ހޯދުން." ކަމިން އަޕް އިން މުބާރާތުން ވެފައިވާ ތައްޔާރީތަކާ ގުޅޭގޮތުން "ފަހުމިނެޓް" އާ މައުލޫމާތު ހިއްސާކުރަމުން އެ ޓީމުގެ މެނޭޖަރު އިބްރާހިމް ޝިފާޒް ބުނެފައިވެ އެވެ.
ކަމިން އަޕްގެ ކޯޗެއްގެ ގޮތުގައި ޓީމަށް އިރުޝާދު ދޭން ހުރީވެސް ނަރުދޫ ފުޓްސަލް ޓީމް އެކި މުބާރާތްތަކުގައި ތަމްސީލްކޮށް ގިނަ ތަޖުރިބާތަކެއް ކުޅުންތެރިއެއްގެ ގޮތުގައި ހޯދާފައިވާ އަބްދުލް މުހައިމިން މޫސާ އެވެ. މުބާރާތުގައި ކަމިން އަޕުން މިރޭ މިރޭ ލެއިޓް ވުލްފްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 08:45 ގަ އެވެ. މުބާރާތުގެ މެޗުތަކުގެ ލައިވް ސްކޯ އާއި މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓުން ގެނެސްދޭނެ އެވެ.