މިއަދު ހަވީރު ފަށާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ 2026 ގެ ފުރަތަމަ މެޗަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވަރުގަދަ ސްކޮޑެއް އޮތުން ކަމަށް ދަ ބެންޗުން ބުނެފި އެވެ.
ށ. ނަރުދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން މި މަހުގެ 25 ގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ފުޓްސަލް ފިއެސްޓާގެ ފުރަތަމަ މެޗުގައި ދަ ބެންޗުން މިއަދު ހަވީރު ނުކުންނާނީ އެންމެ ފަހުން ބޭއްވި ދެ މުބާރާތުގައި ވެސް ފައިނަލްގައި ވާދަކޮށްފައިވާ ބްލެކް ކޯނާ އާ އެވެ. މިއީ މި މުބާރާތުގައި ދަ ބެންޗުން ބައިވެރިވާ ދެވަނަ ފަހަރެވެ. އެންމެ ފަހުން ބޭއްވި ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލްގައި ވާދަކޮށްފައިވާ ދަ ބެންޗްގެ މެނޭޖަރު ހަސަން އާމިރު "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައިވަނީ މިދިޔަ ފަހަރުގެ ތަޖުރިބާއަށް ބަލައި މިފަހަރުގެ މުބާރާތަށް ޓީމުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.
"މިފަހަރުގެ މުބާރާތަށް ތައްޔާރުވި އިރު އަޅުގަނޑުމެން އެންމެ ބޮޑަށް ބަލާފައިވާނީ ޓީމުގެ ސްކޮޑް ވަރުގަދަ ކުރަން. ރަށުގަ ތިބި ކުޅުންތެރިންގެ ތެރެއިންވެސް ރަގަޅު ފެންވަރުގެ ކުޅުންތެރިން އަޅުގަނޑުމެން ވާނެ މިފަހަރުގެ ޓީމުގަ ހިމަނާފަ. އަދި ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައިވެސް ރާއްޖޭގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިއަކު އަޅުގަނޑުމެން މިފަހަރުގެ ޓީމުގަ ހިމެނިން." އާމިރު ބުނެފައިވެ އެވެ.
މުބާރާތުގެ ގަވައިދު ބުނާ ގޮތުން ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު ދެ ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު އޮތުމާއެކު ދަ ބެންޗުން ވަނީ ޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވި ގދ. ވާދޫ ޓީމުގައި ހިމެނުނު އަބްދުﷲ އާހިލް އަލީ އާއި ފުވައްމުލަކު ޓީމަށް ކުޅުނު މުސާ އަޒީމް ހަސަން ޓީމުގައި ހިމަނައިފަ އެވެ.
"އަޅުގަނޑުމެންނަށް މިފަހަރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުރަތަމަ އަރާ ކުޅުންތެރިން ރިޕްލޭސް ކުރެވޭނެ ވަރުގެ ކުޅުންތެރިން ބެންޗުގައިވެސް ތިބުން. ގޯލްކީޕަރަށް އެކަނި ބެލިޔަސް ރަގަޅު ދެ ކީޕަރުން މި ޓީމުގައި ތިބޭނެ." އާމިރު ބުނެފައިވެ އެވެ.
އާމިރު ފާހަގަކުރި ގޮތރުގައި މުބާރާތަށް ވަރުގަދަ ސްކޮޑަކާއެކު ނުކުންނަން ޓީމު ތައްޔާރުވެފައި އޮތް ނަމަވެސް ކުޅުންތެރިން ހަމަވުން ކަސްވުމާއި، އަދި ޕްރެކްޓިސް ކުރަން ދަނޑު ލިބުމުގައި ދިމާވި ދަތިތަކާއި ހުރެ އެންމެ އެދެވޭ ގޮތަށް މުބާރާތަށް ތައްޔާރުވުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ނެތުމަކީ ޓީމަށް އޮތް ކަންބޮޑުވުމެއް ކަމަށާއްި، އެކަމަކު އެކަން އެހެން އޮތް ކަމުގައިވިޔަސް މުބާރާތުގައި ރަގަޅު ނަތީޖާއެއް ނެރެވޭނެ ކަމާ މެދު ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށެވެ.
"އަޅުގަނޑުމެން ވިސްނާނީ ފަހަރަކު މެޗަކަށް. އެކަމަކު އަޅުގަނޑުމެންގެވެސް ޓާގެޓަކީ މުބާރާތުގެ ތަށި ހޯދުން." އާމިރު އިތުރަށް ބުނެފައިވެ އެވެ.
ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި ދަ ބެންޗާއި، ބްލެކް ކޯނާ މިއަދު ހަވީރު ބައްދަލުކުރާ މެޗު ފަށާ ގޮތަށް ހަމަޖެހިފައިވަނީ 04:45 ގައެވެ. މެޗުގެ ލައިވް ސްކޯއާއި މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދެވޭނެ އެވެ.