ބުދަ ދުވަހު ފަށާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ އެންމެ ފަހުގެ ޗެމްޕިއަން ލެއިޓް ވުލްފް ޔުނައިޓެޑުން ތަށި ދިފާއުކުރަން ނުކުންނައިރު އެ ޓީމުގެ ސްކޮޑްގައި 2025 ވަނަ އަހަރު ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖެގެ ށ. އަތޮޅު މުބާރާތުގެ ކިންގްގެ މަގާމު ހޯދި އަހްމަދު ޝަނީ ހިމަނައިފި އެވެ.
ލެއިޓް ވުލްފްއިން ވަނީ ށ. ނަރުދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވަމުން އައި ފުޓްބޯޅަ އަދި ފަހުން ފުޓްސަލް މުބާރާތް މިހާތަނަށް ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. މިއީ އަދި މިހާތަނަށް ރަށުގައި އުފެދުނު އެއްވެސް ޓީމަކަށް ހޯދިފައި ނެޔް ކާމިޔާބެކެވެ.
ހަމައެކަނި ނަރުދޫއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތަށް މިފަހަރު ލެއިޓް ވުލްފުއިން ނެރޭ ޓީމަކީ އެންމެ ފަހުން ބޭއްވި މުބާރާތުގެ ތަށި އުފުލާލި ޓީމުހާ ވަރުގަދަ ޓީމެއް ކަމަށާއި، މި ޓީމުގައި ށ. އަތޮޅުގެ ފުޓްސަލް ކިންގް ހިމެނުމަކީ ތަށި ދިފާއުކުރަން ނުކުންނައިރު ޓީމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ޓީމުގެ މެނޭޖަރު އަލީ އިރުޝާދު "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައި ވެއެވެ.
"މިދިޔަ ފަހަރަށްވުރެ ގައިމުވެސް މިފަހަރުގެ ޓީމު ބައްޔެއް ނުވާނެ. މި ޓީމުގައި ގިނައިން މި ތިބީ ލެއިޓަށް ވަފާތެރި އަދި ލެއިޓްގެ ތަޖްރިބާ ހުރި ކުޅުންތެރިން. ދެން އަނެއްކާ އަޅުގަނޑުމެން މިފަހަރު މި ގެނައީ ށ. އަތޮޅުގެ ކިންގް. އެހެންވީމާ މި ޓީމާއެކު މުބާރާތުގެ ތަށި ދިފާއުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް." އިރުޝާދު ބުނެފައިވެ އެވެ.
ސްކޫލް ދައުރުން ފެށިގެން ވަރަށް އެކުގައި އުޅެމުން އައި ކުދިންކޮޅެއް ސްކޫލް ނިންމުމަށް ފަހު 2013 ވަނަ އަހަރު އުފަންކުރި ލެއިޓް ވުލްފް ރަށުގައި ބާއްވަމުން އައި ފުޓްބޯޅަ މުބާރާތުގައި ބައިވެރިވި ފުރަތަމަ އަހަރުވެސް ފައިނަލްގައި ވަނީ ވާދަކޮށްފަ އެވެ. އެފަހަރު ފައިނަލުން ބަލިވި ނަމަވެސް ޖެހިގެން އައި ދެ އަހަރު ލެއިޓް ވުލްފުން ވަނީ މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ލެއިޓް ވުލްފްގެ އެންމެ ޅަފަތުއްސުރެ ފެށިގެން ހޯދަމުން އައި ކާމިޔާބީތަކާއެކު ނަރުދޫގެ ގިނަ ބަޔަކަށް އެންމެ ފަރިތަ އެއް ނަމަކަށް ވެފައި އޮތީ ވެސް ލެއިޓް ވުލްފެވެ.
"ވަރަށް ގިނަ ސަޕޯޓަރުން ތިބޭނެ ލެއިޓް ވުލްފްގެ. އެކި އުމުރު ފުރައިގެ ސަޕޯޓަރުން ތިބޭނެ. އަޅުގަނޑުމެން ވާނެ ސަޕޯޓަރުންނަށް ޖޯޒީ ވިއްކިއިރު ޖޯޒީ ގަންނަން ދަތިތަކެއް ހުރި ސަޕޯޓަރުންނަށް ޖޯޒީ ހިލޭ ވެސް ދީފަ." މެނޭޖަރު އިރުޝާދު ބުނެފައިވެ އެވެ.
އިރުޝާދު ބުނިގޮތުގައި މިފަހަރު މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމެއްވެސް ފެންނަނީ ވަރަށް ހަމަހަމަކޮށް ކަމަށާއި މިފަހަރަރުގެ މުބާރާތް އެހެން ހުރިހާ އަހަރަކަށްވުރެ ވާދަވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ.