ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ފައިނަލްގައި ކުޅެ ބަލިވެފައިވީ ނަމަވެސް ޓީމުގެ އަޒުމަކަށް ބަދަލެއް ނާންނަކަމަށާއި މިފަހަރުގެވެސް އަމާޒަކީ އެންމެ ދަށްވެގެން ފައިނަލްގައި ކުޅުން ކަމަށް ބްލެކް ކޯނާ އިން ބުނެފި އެވެ.
ނަރުދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެންގެން ބާއްވާ ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި ބްލެކް ކޯނާއިން އެންމެ ފުރަތަމަ ވާދަކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ. އެފަހަރު ފިއުރިއަސް ނަމަކަށް ކިޔާ ޓީމެއް އަތުން ފައިނަލްގައި ބަލިވެފައިވަނިކޮށް ޖެހިގެން އައި އަހަރުގެ މުބާރާތުގެ ފައިނަލުން ބްލެކް ކޯނާ ޖާގަ ހޯދީ ސެމީ ފައިނަލްގައި ފިއުރިއަސް ބަލިކުރުމަށްފަހު އެވެ. އެކަމަކު ފައިނަލްގައި ލެއިޓް ވުލްފްއާ ވާދަކޮށް އެފަހަރުވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބާ އެވެ.
އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ތަޖުރިބާއަށް ބަލައި ބްލެކް ކޯނާ އިން މިފަހަރުގެ މުބާރާތަށް ތައްޔާރުވާން ފެށީ ރަގަޅު ޕްލޭނަކާ އެކު އެވެ. ޓީމުގެ ސްކޮޑް އެހެން ހުރިހާ އަހަރަކަށްވުރެ ވަރުގަދަ ކުރަން ރާއްޖޭގެ ނަން މަޝްހޫރު ދެ ކުޅުންތެރިއަކު ގެންނަން އެ ޓީމުން މަސައްކަތްކުރި އެވެ. އެކަމަކު މިހާރު މާލޭގައި ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅެމުން އަންނަ އެ ދެ ކުޅުންތެރިންނަށް ރިލީޒް ލިބޭ ގޮތް ނުވުމުން ދެން އެ ޓީމުން މިފަހަރުވެސް ގެންނަން ނިންމީ މިދިޔަ ފަހަރުގެ މުބާރާތުގައިވެސް ބްލެކް ކޯނާއަށް ކުޅުނު ކ.ގުރައިދޫގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު މާއިލް އާއި ނާއިޝް އާދަމެވެ.
ގާތްގަނޑަކަށް 700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ށ. ނަރުދޫ ގެ އެންމެން ދަންނަ ކަޅު ކަންމައްޗަށް ނިސްބަތްވާ ގޮތަށް އެ ސަރަހައްދުގައި ދިރިއުޅެމުން އައި ޒުވާނުންގެ ބަޔަކު އެކުވެގެން އުފެއްދި މި ޓީމު ފުރަތަމަ ބައިވެރިވަމުން އައީ ރަށުގައި ބާއްވަމުން އައި ވާދެމުން ކަހަލަ މުބާރާތްތަކުގަ އެވެ. ކަޅު ކަންމަތި ނަމުގައި 2010 ވަނަ އަހަރު ޓީމު އުފައްދައި ވަރަށް އާދައިގެ ގޮތަކަށް ކުޅިވަރުގެ ތެރޭގައި ހަރަކާތްތެރިވަމުން އައި ނަމަވެސް އެ ޓީމުގެ އުންމީދުތައް އައީ އަހަރުން އަހަރަށް މައްޗަށް ޖައްސަމުންނެވެ. އެ ބަދަލުތަކާއެކު ކަޅު ކަންމަތި ބަދަލުވީ ބްލެކް ކޯނާ އަށެވެ.
މިހާރު އެއީ ރަށުގެ ގިނަ ބައެއްގެ ރުހުން ހޯދާފައިވާ ވަރުގަދަ ޓީމެކެވެ. މިހާރު އެ ޓީމުގެ ފަހަތުގައި އޮތް ސަޕޯޓަރުންގެ ޓީމު ބޮޑެވެ.
"އަހަރެމެންގެ އެންމެ ބޮޑު އެއް ހިތްވަރަކީ ސަޕޯޓަރުންގެ ރަގަޅު ޓީމެއް އޮތުން. ސަޕޯޓާސް ޖޯޒީ އެންމެ ގިނައިން ވިއްކި އެއް ޓީމަކަށް ވާނެ ބްލެކް ކޯނާ." މުބާރާތަށް ބްލެކް ކޯނާއިން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން "ފަހުމިނެޓް" އަށް މައުލޫމާތު ދެމުން އެ ޓީމުގެ މެނޭޖަރު ހުސައިން ޔާސިރު ބުނެފައިވެ އެވެ.
އަންނަ ބުދަ ދުވަހު ފަށާ ނަރުދޫ ކައުންސިލް ފުޓްސަލް ފިއެސްޓާއަށް ތައްޔާރުވުމަށް ބްލެކް ކޯނާއިން ފަރިތަކުރުންތައް ފަށާފައިވާއިރު އެ ޓީމަށް އެތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ތެޜޭގައި އޮތް އެއްބައިވަންތަކަމެވެ. ޓީމުގެ މެނޭޖަރު ޔާސިރު މައުލޫމާތު ދިން ގޮތުގައި އެންމެ ފަހުން ބޭއްވި ފުޓްސަލް މުބާރާތުގައި އެޓީމަށް ކުޅުނު ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަލަށް މިފަހަރުގެ މުބާރާތަށް ނެރޭ ޓީމުގައިވެސް އެބަ ތިއްބެވެ. މިފަހަރު ބްލެކް ކޯނާގެ ކޯޗަކަށް ހުރި އަހްމަދު ފިރާސް އަކީވެސް އެޓީމު އުފެއްދީއްސުރެ ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމަށް ކުޅެމުން އައިސް ކޯޗިންގ އަށް ހާއްސަވި ޓީމް މެންބަރެކެވެ.