އިންގްލެންޑްގެ ގައުމީ ޓީމުގެ ތަރި ހެރީ ކޭން 2021 ވަނަ އަހަރު މެންޗެސްޓާ ސިޓީއަށް ބަދަލުވާން ކުރި މަސައްކަތް ނާކާމިޔާބުވި ހިސާބަކީ އުމުރުން 32 އަހަރުވީ މި ކުޅުންތެރިޔާގެ ފުޓްބޯޅަ ކެރިއަރާއި ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑާ ގުޅުވާލެވޭ ހިސާބެވެ.
އުމުރުން 25 އަހަރުގެ ހާލަންޑް ސިޓީއާ ގުޅުނީ ޖެހިގެން އައި އަހަރުގެ ހޫނު މޫސުމުގަ އެވެ. އެ ސީޒަންގައި ސިޓީން އިނގިރޭސި ޕްރިމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރި އެވެ.
އޭރު ކޭން އަކީ ޓޮޓެންހަމްގެ ކެޕްޓަނެވެ. އޭނާ އެންމެ ބޭނުންވި ބަދަލު ހަގީގަތަކަށް ނުވި އިރު އޭރު އޭނާގެ އަތުގައި އެއްވެސް ބޮޑު މުބާރާތެއްގެ ތައްޓެއް ނެތެވެ. އެކަމަކު އޭގެ އަހަރުތަކެއް ފަހުން މިރޭ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މި ދެ ކުޅުންތެރިން ބައްދަލުކުރާއިރު މަންޒަރު އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.
ކޭންގެ ފުޓްބޯޅަ ކެރިއަރަށް އިންގިލާބީ ބަދަލެއް އައީ މީގެ ތިން އަހަރު ކުރިން ޖަރުމަނުގެ ބަޔާން މިޔުނިކަށް ބަދަލުވި ހިސާބުންނެވެ. އޭގެ ފަހުން އޭނާ ދެ ފަހަރު ބުންޑަސް ލީގާގެ ތަށި އުފުލާލައިފި އެވެ. އޭގެ އިތުރުން އޭނާ ވަނީ ދެފަހަރެއްގެ މަތިން ޔޫރަޕްގެ ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދައިފަ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގައިވެސް ކޭން ވަނީ މިހާތަނަށް ހަ ގޯލް ކާމިޔާބުކޮށްފަ އެވެ.
ނޯވޭގެ އުންމީދުތަކާ ގުޅިފައިވާ ހާލަންޑް ވަނީ މި ވޯލްޑް ކަޕްގައި މިހާތަނަށް ހަތް ގޯލް ކާމިޔާބުކޮށްފަ އެވެ. އިނގިރޭސި ވިލާތުގެ ލީޑްސް އަށް އުފަންވިޔަސް އުމުރުން ހަތަރު އަހަރުން ފެށިގެން ނޯވޭގައި ދިރިއުޅެމުން އައި ހާލަންޑް ކުޅޭ ފުރަތަމަ ވޯލްޑް ކަޕްގައި އޭނާގެ އުންމީދަކަށް މިރޭ ވާނީ މިރޭ ކޭންގެ ވިދުން ފަނޑުކޮށްލުމެވެ.
އިންގްލެންޑްގެ ބޮޑު އުންމީދު ގުޅިފައިވަނީ ކޭންއާ
ކޭން އާއި ހާލަންޑަކީ ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި މިވަގުތު ދުނިޔޭގައި ތިބި އެންމެ ގޯލާ ރައްޓެހި ދެ ފޯވާޑުންނެވެ. އިނގިރޭސި ގައުމީ ޓީމަށް 2015 ވަނަ އަހަރު ކޭން ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑަށް ފަހު އޭނާ ހިމެނިފައިވަނީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕް އަލުން އުފުލާލުމަށް އިންގްލެންޑުން ކުރަމުން އަންނަ އުންމީދު އެންމެ ބޮޑަށް ގުޅިފައިވާ ކުޅުންތެރިޔާއަށެވެ.
މިހާތަނަށް ގައުމީ ޓީމަށް 85 ގޯލް ކާމިޔާބުކޮށްދީފައިވާ ކޭން އަކީ އިންގްލެންޑްގެ ކޯޗު ތޯމަސް ޓުކެލްގެ ޕްލޭންގައި ވެސް ހިމެނޭ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. މި މުބާރާތުގައި އެކަނިވެސް ކޭން ވަނީ އޭނާއަކީ އިތުބާރު ހިފޭނެ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފަ އެވެ. މުބާރާތުގެ ގަދަ 32 ގައި ޑީއާރް ކޮންގޯ ބަލިކުރަން ކޭން ވައްދާލި ދެ ގޯލާއި، އެންމެ ފަހުން މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައި އެ ގައުމުގެ މައްޗަށް އިންގްލެންޑުން ކުރި ހޯދި މެޗުގައި ކޭން އަދާކުރި ދައުރު އެކަނިވެސް އެކަމުގެ ހެއްކަކަށް ފުދެ އެވެ.
ބަޔާން މިޔުނިކަށް ކޭން ބަދަލުވުމަށްފަހު ޖެހިގެން އައި ކޮންމެ ސީޒަނެއްގައި އޭނާ އައީ ހާލަންޑްގެ ގޯލްޖެހުމުގެ ހުނަރާ ގުޅޭ ގޮތުން މީހުން ދައްކަމުން އަންނަ ވާހަކަތަކަށް ހިޔަނި އަޅަމުންނެވެ. އެއާއެކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮން ޑި އޯ އެވޯޑަށް ވާދަކުރުމުގައިވެސް ހާލަންޑަށް ވުރެ ކުރި ހޯދަމުން އައީ ކޭން އެވެ.
މިރޭގެ މެޗަށް ނުކުންނައިރު ކޭންގެ ސިކުނޑީގައި އެންމެ ބޮޑަށް ހަރުލާފައި ހުންނާނެ އެއް ހަނދާނަކަށް ވާނީ މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ އަތުން ނާކާމިޔާބުވި ޕެނަލްޓީ އެވެ. އެ މެޗުން އިންގްލެންޑް 1-2 އިން ބަލިވެގެން މުބާރާތާ ވަކިވާން ޖެހުނުއިރު މިރެއަކީ ކޭންގެ ކެރިއަރުގައި ޖެހިފައި އޮތް އެ ލައްގަނޑު ފިލުވާލަން ލިބޭނެ އެންމެ ރަގަޅު ފުރުސަތެވެ.
ހާލަންޑަކީ އިންގްލެންޑަށް އޮތް އެންމެ ބޮޑު ނުރައްކާ
މިރޭގެ މުހިންމު މެޗަށް އިންގްލެންޑް ނުކުންނައިރު އެ ޓީމުގެ ސަޕޯޓަރުންނަށް އިތުރު ތައާރަފެއް ބޭނުން ނުވާނެ ނޯވޭގެ ކުޅުންތެރިޔަކަށް ހުންނާނީ ހާލަންޑެވެ. އޭނާގެ ކިބައިގައިވާ ގޯލް ޖެހުމުގެ ކުޅަދާނަކަން އެންމެ ގާތުން ދެކެފައިވާނީވެސް އިނގިރޭސި ސަޕޯޓަރުންނެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި އެކަނިވެސް ހާލަންޑް ވަނީ އެކަން ސާބިތުކޮށްދީފަ އެވެ.
މި މުބާރާތުގައި މިހާތަނަށް ހަތަރު މެޗު އޭނާ ކުޅެފައިވާއިރު އެއިން ކޮންމެ މެޗެއްގައި ނޯވޭ މޮޅުވެފައިވަނީ ހާލަންޑްގެ ގޯލަކުންނެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ނޯވޭއިން ކަށަވަރު ކުރި މެޗުގައި އެ ޓީމުން ބްރެޒިލް ކޮޅަށް ވައްދާލި ދެ ގޯލްވެސް ކާމިޔާބުކުރީ ހާލަންޑެވެ.
ކްލަބްގައި ހާލަންޑް ދައްކަމުން އަންނަ ގޯލް ޖެހުމުގެ ހުނަރު ގައުމީ ޓީމުގައި އޭނާ ދައްކަމުން އަންނަނީ ހައިރާންވާހާ ފުރިހަމައަށެވެ. ހާލަންޑް ވަނީ ގައުމީ ޓީމަށް އޭނާ އެންމެ ފަހުން ކުޅުނު 14 މެޗުގައިވެސް ގޯލް ޖަހައިފަ އެވެ. އެ 14 މެޗުގައި ޖެހި ގޯލްގެ އަދަދު 27 އަށް އަރާފައިވާއިރު ނޯވޭ އަށް މިހާތަނަށް ހާލަންޑް ކުޅުނު 51 މެޗުގައި 62 ގޯލް ވަނީ ކާމިޔާބުކޮށްފަ އެވެ.
ހާލަންޑާއި ކޭން މިހާތަނަށް ފުޓްބޯޅަ މެޗެއްގައި ބައްދަލުކޮށްފައިވަނީ ދެފަހަރު އެވެ. އެއީ 2023 ވަނަ އަހަރުގެ ކުރީކޮޅު ޗެމްޕިއަންސް ލީގުގަ އެވެ. ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި ހާލަންޑް ގޯލް ޖަހައިގެން ސިޓީ ކުރި ހޯދިއިރު ދެވަނަ ލެގުގައި ޓޮޓެންހަމް މޮޅުވީ ސިޓީ ކޮޅަށް ކޭން ވައްދާލި ހަމައެކަނި ގޯލުންނެވެ.
އިންގްލެންޑާއި ނޯވޭ ވާދަކުރާ ކުއާޓާ ފައިނަލް މެޗު ފަށާނީ މިރޭ ދަންވަރު 2 ޖަހާއިރު އެވެ.