މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް 2026 ގެ ކުއާޓާ ފައިނަލްގެ ހުރިހާ މެޗުތަކެއް މިރޭ ކުޅޭނެ އެވެ.
ކްލަބް މޯލްޑިވްސް އިން 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި މުބާރާތުގެ ކުއާޓާ ފައިނަލްގައި މިރޭ 08:15 ގައި ކުޅޭގޮތަށް ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ވާދަކުރާނީ ހުޅުމާލެ ހޮސްޕިޓަލާއި، ކްލަބް ބީސީސީ އެވެ. ހުޅުމާލެ ހޮސްޕިޓަލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައިވަނީ ގްރޫޕް ސްޓޭޖްގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގައިވެސް ވާދަކުރި ކްލަބް ބީސީސީ ކުއާޓާ ފައިނަލުން ޖާގަ ހޯދީ މުބާރާތުގައި އެ ޓީމު މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ގްރޫޕް ޑީގެ ދެވަނަ ހޯދައިގެންނެވެ.
މިރޭ 08:15 ގައި ކުޅޭ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރާނީ މިދިޔަ އަހަރު ބޭއްވި ކްލަސިކް މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރި ކްރިމިނަލް ކޯޓާއި، މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ވިޒިޓް މޯލްޑިވްސް އެވެ. މިފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ކްރިމިނަލް ކޯޓް ޖާގަ ހޯދާފައިވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ވިޒިޓް މޯލްޑިވްސް އިން ކުއާޓާ ފައިނަލުން ޖާގަ ހޯދީ އެ ޓީމު މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް ގްރޫޕް ސީގެ ދެވަނަ ހޯދައިގެންނެވެ.
ޖުމްލަ 19 ޓީމަކުން ވާދަކުރި މި މުބާރާތުގައި މިރޭ 10 ޖަހާއިރު ކުޅޭ ކުއާޓާ ފައިނަލް ދެ މެޗުގެ ތެރެއިން އެއް މެޗުގައި ވާދަކުރާނީ މިދިޔަ އަހަރު އޮތް މުބާރާތުގެ ފައިނަލްގައި ވާދަކުރި ކްލަބް ބިނާރާ އާއި މެޑްޓީޓީ އެވެ. ކްލަބް ބިނާރާ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކުރީ ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މެޑްޓީޓީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
https://www.fahuminet.com/tournaments/cmc-classic-2026
މިރޭ 10 ޖަހާއިރު ކުޅޭ ކުއާޓާ ފައިނަލްގެ އަނެއް މެޗުގައި ބައްދަލުކުރާނީ ޔޫތު މިނިސްޓްރީގެ ޓީމާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (ކްލަބް އެވްސެކް)ގެ ޓީމެވެ. ޔޫތު މިނިސްޓްރީގެ ޓީމު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކުރީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕް ޑީގެ އެއްވަނަ ހޯދައިގެންނެވެ. ކްލަބް އެވްސެކް މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވުނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.