މިފަހަރުގެ ވޯލްޑް ކަޕްގައި ވެސް މޮރޮކޯ ބަލިކުރުމަށް ފަހު، ގަދަފަދަ ފްރާންސް ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
އެމެރިކާގެ ބޮސްޓޮން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މިރޭ ފްރާންސުން މޮރޮކޯ ބަލިކުރީ 0-2 އިންނެވެ.
ފްރާންސް ވަނީ 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގައި ވެސް މޮރޮކޯ ބަލިކޮށްފަ އެވެ. އެފަހަރުގެ ސެމީ ފައިނަލުގައި މޮރޮކޯއާ ވާދަކޮށް ފްރާންސް މޮޅުވީ ހަމަ 0-2 އިންނެވެ.
މި ނަތީޖާއާ އެކު ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގައި މޮރޮކޯ މިވަނީ ފްރާންސް އަތުން ކަޓައިފަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. އެކަމަކު މި ހާފުގައި ޕެނަލްޓީއަކުން ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ފްރާންސްގެ ކިލިއަން އެމްބާޕޭ އަށް ލިބުނެވެ. އެކަމަކު ތިރިން މަޑުމަޑުން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ މޮރޮކޯގެ ގޯލްކީޕަރު ޔޫސުފް ބޯނޯ ވަނީ މަތަކޮށްފަ އެވެ.
އެމްބާޕޭގެ މި ގޯލަކީ މުބާރާތުގައި އޭނާ ޖެހި 8 ވަނަ ގޯލެވެ. މި އަދަދަށް ދެން ގޯލު ޖަހާފައިވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ.
ފްރާންސުން ނަތީޖާ ނެރުނީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު 60 ވަނަ މިނެޓުގައި ޖެހީ އެމްބާޕޭ އެވެ. އެމްބާޕޭ އަށް ލިބުނު ބޯޅަ ފޮނުވާލީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. އޭގެ އިރުކޮޅެއް ފަހުން 66 ވަނަ މިނެޓުގައި ފްރާންސްގެ ދެ ވަނަ ގޯލު ޖަހައިދިނީ އުސްމާން ޑެމްބެލޭ އެވެ. އެމްބާޕޭ ދިން ބޯޅަ ހިފައިގެން ގޮސް ޑެމްބެލޭ ވައްދާލީ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.
މިފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ ދެ ވަނަ މެޗުގައި ވާދަކުރާނީ ސްޕެއިން އާއި ބެލްޖިއަމެވެ. މި މެޗު ފަށާނީ މިރޭ މެންދަމު 12 ޖަހާއިރު އެވެ.