ކްލަބް މޯލްޑިވްސް ކަޕް ގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ރޭ ނިމުނު އިރު އެންމެ ވާދަވެރި އެއް ގްރޫޕް ކަމަށްވާ ގްރޫޕް ޑީގައި ހިމެނޭ ވެމްކޯ ކަޓައި އާތްއާރްސީ އާއި ކްލަބް އެޗްޑީސީއަށް ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުވެއްޖެ އެވެ.
ގްރޫޕް ޑީގައި ރޭ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުގައި ވާދަކުރީ އެޗްޑީސީ އާއި ވެމްކޯ އެވެ. މި މެޗު 2-6 އިން ވެމްކޯ ކާމިޔާބުކޮށް އެޗްޑީސީ އަދި އާރްއާތްސީސީ އާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ގޯލްގެ ތަފާތުން ވެމްކޯ އަށް ވަނީ ކުއާޓާ ފައިނަލްގެ ފުރުސަތު ގެއްލިފަ އެވެ.
ވެމްކޯ އާއި އެޗްޑީސީ ރޭ ވާދަކުރި މެޗުގައި ވެމްކޯ އިން ޖެހި ހަ ގޯލްގެ ތެރެއިން ތިން ގޯލް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ޖެހި އިރު އިބްރާހިމް މައިސާން ވަނީ ދެ ގޯލް ޖަހައިފަ އެވެ. މީގެ އިތުރުން ވެމްކޯގެ އަހްމަދު ބައްސާމް ވެސް ވަނީ ރޭ ގޯލެއް ޖަހައިފަ އެވެ. ރޭގެ މެޗުގައި އެޗްޑީސީ ގެ ދެ ގޯލް ކާމިޔާބުކޮށްދިނީ ޔާމިން މުހައްމަދު (ޔާންޓެ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
ގްރޫޕް ޑީ އިން އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކުރީ އާރްއާރްސީ އެވެ. އާރްއާރްސީއިން ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ކްލަބާ އިމިގްރޭޝަންއާ ވާދަކޮށް މެޗު ކާމިޔާބުކުރީ 3-13 އިންނެވެ. މި މެޗުގައި އާރްއާރްސީގެ ޝަނާން ރަޝީދު ހަތަރު ގޯލް ކާމިޔާބު ކުރި އިރު އެ ޓީމުގެ އަހްމަދު ރިޒްވާން (ރިޒޭ) އާއި އިސްމާއިލް މުނީޒްގެ އިތުރުން އާދަމް ނާސިހް ދެ ގޯލް ވަނީ ޖަހައިފަ އެވެ. ރޭގެ މެޗުގައި އާރްއާރްސީއަށް އިތުރު ގޯލްތައް ޖަހައިދިނީ ޒައިން ޒަފަރާއި، އިބްރާހިމް މުބީން އަދި އަބްދުﷲ މިދުހަތެވެ. ކްލަބް އިމިގްރޭޝަނަށް ރޭގެ މެޗުގައި ގޯލްތައް ކާމިޔާބުކޮށްދިނީ އަހްމަދު އައިހަމް އާއި އިބްރާހިމް އަނޫފްގެ އިތުރުން އެ ޓީމަށް ކުޅެމުން އައި ބިދޭސީ ކުޅުންތެރިޔާ ބިކްރަންޔެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް ސީ އިން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކުރީ އެސްޓީއޯ އާއި އެމްޓީސީސީ އެވެ. ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެމްޓީސީސީ އިން ކުއާޓާ ފައިނަލްގެ ޖާގަ ރޭ ހޯދާފައިވަނީ ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 0-7 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި އެމްޓީސީސީއިން ޖެހި ހަތް ގޯލްގެ ތެރެއިން ހަތަރު ގޯލް ކާމިޔާބުކޮށްފައިވަނީ މުހައްމަދު އިސާމް (ޝަންޓޭ) އެވެ. އަނެއް ތިން ގޯލް ކާމިޔާބުކޮށްދީފައިވަނީ އަޔާޒް އަހްމަދު (އަޔާ) އާއި އަލީ މީސާގުގެ އިތުރުން އެ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިޔާ ނަޓަން ސޯރެސް އެވެ.
https://fahuminet.com/tournaments/club-maldives-cup-2026
ގްރޫޕް ސީގައި އެސްޓީއޯ ރިކްރިއޭޝަން ކްލަބާއި، އެފްއެސްއެމް ވާދަކުރި މެޗު އެސްޓީއޯއިން ވެސް ކާމިޔާބުކޮށްފައިވަނީ 0-7 އިންނެވެ. މި މެޗުގައި އެސްޓީއޯގެ އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) އާއި އިސްމާއިލް އީސާ (މެސީ)ގެ އިތުރުން ހުސައިން ޝަރީފް (އޮންލީ) ދެ ގޯލް ޖެހި އިރު ހުޒައިފަތު ރަޝީދު ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތައް އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ރެ އެވެ.