މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ބަލިވި ކަސްޓަމްސް ރިކްރިއޭޝަން ކްލަނަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ނުލިބުނު ނަމަވެސް ފަހުން ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު މުބާރާތް ނިންމާލައިފި އެވެ.
ގްރޫޕް ބީގެ ފަހު މެޗްތަކަށް ރޭ ޓީމުތަކުން ނުކުތްއިރުވެސް އެމްއޭސީއެލަށް އޮތީ ކުއާޓާ ފައިނަލްގެ ޖާގަ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. އެކަމަކު ރޭ އެ ޓީމުން ކަސްޓަމްސް ރިކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ޔުނައިޓެޑް ބީއެމްއެލުން ފެނަކަ ރިކްރިއޭޝަން ކްލަބް ބަލިކުރުމާ ގުޅިގެން އެމްއޭސީއެލަށް ގްރޫޕްގެ އެއްވަނަ ވަނީ ގެއްލިފަ އެވެ.
ގްރޫޕް ބީގެ ފަހު މެޗުގައި ރޭ އެމްއޭސީއެލްއާ ވާދަކުރަން ކަސްޓަމްސް ނުކުތްއިރު އެ ޓީމަށް ކުއާޓާގެ ޖާގައެއް ކަށަވަރުކުރަން އޮތް ހަމައެކަނި ފުރުސަތަކީ އެމްއޭސީއެލް ބޮޑު ތަފާތަކުން ބަލިކުރުމެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބީއެމްއެލް އަތުން 0-8 އިން ބަލިވި ކަސްޓަމްސް އިން ވަނީ އެޓީމު ކުޅުނު ދެވަނަ މެޗުގައި ނަތީޖާ ރަގަޅުކޮށް ފެނަކަ ބަލިކޮށްފަ އެވެ. މުބާރާތުން ރޭ ކަސްޓަމްސް ކަޓައިގެންދިޔައީ ޕޮއިންޓްގެ ގޮތުން އެމްއޭސީއެލްއާ އެއްވަރުވި ނަމަވެސް ގޯލްގެ ތަފާތުން ކުރި ނުލިބުމުންނެވެ.
އެމްއޭސީއެލްއާއި ކަސްޓަމްސް ރޭ ބައްދަލުކުރި މެޗު 4-5 އިން ކަސްޓަމްސް ކާމިޔާބުކުރި އިރު ކަސްޓަމްސްއަށް ރޭގެ މެޗުގައި ގޯލްތައް ޖަހައިދިނީ މުހައްމަދު ނާބިތާއި، މުހައްމަދު އަކްމަލް އަދި ސައްމާމް ސަމީރުގެ އިތުރުން ޔައިޝް ޖަމީލާއި، އަހްމަދު އަބްދުﷲ އުމަރެވެ. ރޭގެ މެޗުގައި އެމްއޭސީއެލްއިން ޖެހި ހަޔަތު ގޯލްގެ ތެރެއިން ދެ ގޯލް އަހްމަދު ހުސާމް ޖެހިއިރު އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އަހްމަދު ވިޝާހާއި، އަޒްޔާން އިބްރާހިމް އެވެ.
ގްރޫޕް ބީގައި ބީއެމްއެލް އާއި ފެނަކަ ވާދަކުރި މެޗު 3-8 އިން ބީއެމްއެލް ކާމިޔާބުކުރި އިރު އެޓީމުގެ އަލީ އުޒައިރާއި، އަބްދުﷲ، މި އިން ކޮންމެ ކުޅުންތެރިޔަކު ވަނީ ރޭ ދެ ގޯލް ކާމިޔާބުކޮށްފަ އެވެ. ބީއެމްއެލަށް ރޭގެ މެޗުގައި އިތުރު ގޯލްތައް ކާމިޔާބުކޮށްދިނީ ކެޕްޓަން އިޝާން އިބްރާހިމް (ސައްޓު) އާއި، އުނައިސް ޒުބައިރުގެ އިތުރުން އިބްރާހިމް ހަމްދާނެވދެ. ރޭގެ މެޗުގައި ފެނަކައަށް ގޯލްތައް ކާމިޔާބުކޮށްދިނީ މުހައްމަދު ވަހީދާއި، މުހައްމަދު އަރީޝްގެ އިތުރުން އަހްމަދު ސަހުމް އެވެ.
ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވަނީ އެމްޕީއެލް އެވެ. ޕޮއިންޓްގެ ގޮތުން އެ ގްރޫޕްގައި ހިމެނޭ ސްޓެލްކޯ ރިކްރިއޭޝަން ކްލަބާ އެއްވަރުވި ނަމަވެސް ގޯލްގެ ތަފާތުން އެ ޓީމަށް ވުރެ ކުރި ލިބުނީ ރޭ ގްރޫޕްގެ ފަހު މެޗުގައި 3-7 އިން ޕޮލިސް ކްލަބް ބަލިކުރުމުންނެވެ. ރޭގެ މެޗުގައި އެމްޕީއެލުން ޖެހި ހަތް ލަނޑުގެ ތެރެއިން ދެ ލަނޑު އެ ޓީމުގެ ހަސަން ޔޫން ކާމިޔާބުކުރި އިރު އެ ޓީމުގެ އަނެއް ފަސް ލަނޑު ކާމިޔާބުކޮށްދީފައިވަނީ އިބްރާހިމް ވަހީދު ހަސަނާއި، މުހައްމަދު ސަހާއު އަދި އަލީ ޝަމާލުގެ އިތުރުން ނަޝާހް އަހްމަދާއި، އިބްރާހިމް އަތީގެވެ. ޕޮލިސް ކްލަބުން ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ޝީހާން އަބްދުލްހަމީދާއި، އަހްމަދު ލޫތުގެ އިތުރުން ތޯއިފް އަބްދުލްމަޖީދެވެ.
https://fahuminet.com/tournaments/club-maldives-cup-2026
ގްރޫޕް އޭގައި ރޭ ކްލަބް ޓީޓީއެސް އާއި ސްޓެލްކޯ ރިކްރިއޭޝަން ކްލަބް ވާދަކުރި މެޗު 5-8 އިން ސްޓެލްކޯ އިން ކާމިޔާބުކުރި އިރު މި މެޗުގައި އެޓީމުގެ ތަރި އިބްރާހިމް ރިމާހް (ރިމޭ) ވަނީ ހެޓްރިކް ހަދައިފަ އެވެ. މީގެ އިތުރުން ސްޓެލްކޯގެ މުހައްމަދު ވިލްފް ދެ ގޯލް ކާމިޔާބުކުރި އިރު އެޓީމުގެ ޝުއައިދު ސައީދާއި، އަހްމަދު ނައުފަލްގެ އިތުރުން މުހައްމަދު ޝުހާން ވެސް ވަނީ ރޭގެ މެޗުގައި ގޯލް ޖަހައިފަ އެވެ. ރޭގެ މެޗުން މޮޅުވެގެން ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އޮތް ޓީޓީއެސްއިން މެޗުގައި ޖެހި ފަސް ގޯލްގެ ތެރެއިން ދެ ގޯލް އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސައްޖާދު ކާމިޔާބުކުރިއިރު އިތުރު ގޯލްތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން އަފްސަލް އާއި އަހްމަދު މާއިންގެ އިތުރުން ޔޫނުސް ރައްޔާނެވެ.
ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ އޮންނާނީ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު ހަތަރު މެޗެވެ.