ފުރަތަމަ ސަފްޙާ / ޚަބަރު / މެސީގެ ލޯ ކަރުނައިން ފުރުނުއިރު އަނެއްކާވެސް އެ ލިޔުނީ އާދަޔާހިލާފު ސޮފްހާއެއް
މެސީގެ ލޯ ކަރުނައިން ފުރުނުއިރު އަނެއްކާވެސް އެ ލިޔުނީ އާދަޔާހިލާފު ސޮފްހާއެއް

މެސީގެ ލޯ ކަރުނައިން ފުރުނުއިރު އަނެއްކާވެސް އެ ލިޔުނީ އާދަޔާހިލާފު ސޮފްހާއެއް

ފަހުމިނެޓް
ފަހުމިނެޓް
12 ގަޑިއިރު ކުރިން 8 ޖުލައި 2026

ވޯލްޑް ކަޕްގެ ގަދަ 16 ގައި ރޭ މިސްރުގެ މައްޗަށް 2-3 އިން އާޖެންޓީނާ ކުރި ހޯދި މެޗަށް ފަހަ އެ ޓީމުގެ ތަރި ލިއޮނަލް މެސީ ގެ ލޯ ކަރުނައިން ފުރުނު މަންޒަރު ޓީވީ ކެމެރާ ތަކަށް ރީތިކޮށް އެރި އެވެ. އެ އުފާވެރި ކަމުގެ ކަރުނައިގެ ފަހަތުގައި ވަނީ މެޗުން މޮޅުވާން މެސީ އާއި އާޖެންޓީނާ ކުރި ހިތްވަރާއި މަސައްކަތެވެ. އެ އާދަޔާ ހިލާފު މޮޅު އެ ޓީމަށް ލިބުނު ގޮތެވެ.

އެކަމަކު އޭގެ 20 މިނެޓް ކުރިން ޓީވީ ސްކްރީންތަކުން ދެއްކީ މެސީގެ މުޅިން ތަފާތު މޫނެކެވެ. އޮއްސިފައި ހުރި މެސީގެ މޫނެވެ. އޭރު 0-2 އިން ކުރީގައި އޮތީ މިސްރެވެ. އެ ވަގުތު މެސީގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓުނު ނަމަވެސް އެ ވާނީ ގަދަ 16 ގައި ސްޕެއިން އަތުން ޕޯޗުގަލް ބަލިވުމާއެކު މުބާރާތާ ވަކިވާން ޖެހުމުން ކްރިސްޓިއާނޯ ރޮނާލްޑް ގެ ލޮލުން ހިލުނު ފަދަ ކަރުނަ ތިއްކަކަށެވެ.

އެކަމަކު ނުގުޑާ ފަދަ ވަރުގަދަ އަޒުމެއްގައި ތިބި އާޖެންޓީނާގެ ކުޅުންތެރިން ގަބޫލުކުރީ އެމީހުންނަށް އެހެން ނުހެދޭނެ ކަމެވެ. އެއާއެކު އެންމެ 14 މިނެޓް ތެރޭގައި ތިން ގޯލްޖަހައި ވޯލްޑް ކަޕްގެ ތާރީހުގައިވެސް މެޗެއްގައި ފެނުނު އެންމެ އާދަޔާހިލާފު އެބުރި އައުން އެމީހުން އެ ގެނައީ އެވެ.

މެސީގެ އުމުރުން 39 އަހަރު ފުރިފައިވުމާއެކު ގިނައިން ދަނޑު މަތީގައި އޭނާ ފެންނަނީ ހިނގާލާފައި ކަހަލަ ގޮތަކަށް އުޅޭ ތަނެވެ. އެކަމަކު އެއާއެކު ވެސް އަދިވެސް ފަނޑު ނުވެ އޮތް އަނެއް ކަމަކީ އޭނާގެ ފަރާތުން ފެންނަމުން އައި ފުޓްބޯޅައިގެ ޖާދޫ އެވެ.

މެސީ ދަނޑު މަތީގައި ހުންނައިރު މިހާރު އެންމެ ބޮޑަށް ބަލަނީ ރަނގަޅު ވަގުތުގައި މޫވް ނަގާށެވެ.  މެސީ ހުންނަނީ އޭނާގެ ފުރުސަތު އަންނާނެ ވަގުތަކަށް ކެތްތެރިކަމާއެކު މަޑުކޮށްގެން ކަހަލަ އެވެ. އެންމެ ބޮޑަށް އޭނާގެ ހަކަތަ ބޭނުންކުރަން ޖެހޭ ވަގުތު އެންނަންދެން އޭނާ ސަމާލުވަނީ ވަރުބަލި ނުވެ ހުންނާށެވެ.  މެސީގެ ހަލުއިކަމަށް ބަދަލުއައިސްފި ކަމަށް ބުނެވިދާނެ އެވެ. އެކަމަކު އޭނާގެ ސިކުނޑީގެ ތޫނުފިލިކަމަށް ކުޑަވެސް ބަދަލެއް އައިތަނެއް ނުފެނެ އެވެ.

އެކަން އޭނާ އަނެއްކާވެސް ސާބިތުކޮށްދިނީ ރޭ މިސްރާ ދެކޮޅަށް ކުޅުނު އާދަޔާ ހިލާފު މެޗުގަ އެވެ. މިސްރު އަތުން ބަލިވެ މުބާރާތުގެ އެންމެ ހައިރާންކުރުވަނިވި ނަތީޖާގެ ޝިކާރައަށް އާޖެންޓީނާ ނުވެ ސަލާމަތްވީ މެސީގެ ބޮޑު ހިއްސާއަކާ އެކު އެވެ.

ރޭގެ މެޗުގެ ނަތީޖާ 0-1 ގައި އޮއްވައި އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކުރަން ލިބުނު ޕެނަލްޓީ މެސީ ފޮނުވާލުމުން މިސްރުގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.  މިއީ ވޯލްޑް ކަޕްގައި މެސީ އަތުން ނާކާމިޔާބުވި ހަތަރުވަނަ ޕެނަލްޓީ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓެޖުގައި އާޖެންޓީނާއިން އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މެސީ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.  އެއާއެކު މެސީ ވެފައިވަނީ ވޯލްޑް ކަޕްގައި މެޗުގެ ތެރެއިން ޖެހިޖެހިގެން ދެ ޕެނަލްޓީ މިސްކޮށްލި ހަމައެނި ކުޅުންތެރިޔާއަށެވެ.

އެކަމަކު އެވާހަކަ ނޫސްތަކުގެ ފަލަ ސުރުހީއަށް ނޭރީ އަނެއްކާވެސް އޭނާގެ ފަރާތުން ރޭ ފެނުނު އާދަޔާ ހިލާފު ޖާދޫގެ ސަބަބުންނެވެ. މެޗު ނިމެން 11 މިނެޓަށް ވެފައި އޮއްވައި އާޖެންޓީނާގެ ކްރިސްޓިއާނޯ ރޮމޭރޯ ބޮލުން ޖަހައި މިސްރުގެ ގޯލަށް ވައްދާލި ބޯޅައަކީ މެސީ ނަގައިދިން ހުރަހެކެވެ. އަދި އޭގެ ހަތަރު މިނެޓާ ފަހުން ވާތު ފައިން މިސްރުގެ ގޯލަށް އަމާޒުކޮށް މެސީ ފޮނުވާލި ބާރު ބޯޅަ ކީޕަރަށްވެސް އަތު ނުވެ ގޮސް ތަތްވީ ގޯލްގެ ދާގަނޑުގަ އެވެ. އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އެ ޓީމުގެ ތިންވަނަ ގޯލް ޖަހައި މިސްރު ކުޅުންތެރިންގެ ހިތް ހަލާކު ކޮށްލީ އިތުރު ވަގުތުގަ އެވެ.

ރޭގެ މެޗުގައި ޖެހި ގޯލާއެކު މެސީ ވަނީ އޭނާގެ އަތުގައި މިހާރުވެސް އޮތް ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯޑް ވަރުގަދަކޮށް 21 އަށް މަތިކޮށްފަ އެވެ. މީގެ އިތުރުން އޭނާ ހިމެނިފައިވަނީ ޖެހިޖެހިގެން ވޯލްޑް ކަޕްގެ ހަ ނޮކައުޓް މެޗުގައި ގޯލްޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

ކޮމެންޓްސް

Matches
6
Ongoing
1
Upcoming
Predict
Settings