ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަޕޯޓަރުންގެ މެދުގައި މީގެ 15 ވަރަކަށް އަހަރު ކުރިން ފެށިގެން ހިނގަމުން އަންނަ ބަހުސް މި ވޯލްޑް ކަޕްގައި ވަކިން ހޫނުވެއްޖެހެން އެބަ ހީވެ އެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި މި ދެ ކުޅުންތެރިންގެ ސަޕޯޓަރުންގެ ތެރެއިން އެންމެ ފުރަތަމަ ބަހުސް ހޫނުކޮށްލީ މެސީގެ ސަޕޯޓަރުންނެވެ. ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި އަލްޖީރިއާކޮޅަށް އޭރު އުމުރުން 38 އަހަރުގެ މެސީ ހެޓްރިކް ހެދުމާއެކު މެސީގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ފިސާރި ފޯރި އަރުވާލި އެވެ.
އޭރު ރޮނާލްޑޯގެ ސަޕޯޓަރުން އިންތިޒާރުކުރަމުން އައީ ޖެހިގެން އައި ރޭ އޮތް ޕޯޗުގަލްގެ ފުރަތަމަ މެޗަށެވެ. ޕޯޗުގަލްއާ އަޅާ ބަލާއިރު ފެންވަރުގެ ގޮތުން ދަށް ޓީމެއް ކަމަށްވާ ކޮންގޯއާ ވާދަކުރާތީ ރޮނާލްޑޯގެ ސަޕޯޓަރުން ތިބީ މެސީގެ ފަރާތުން ފެނުނު ކަހަލަ ޖާދޫއެއް ރޮނާލްޑޯގެ ފަރާތުންވެސް ފެންނާނެ ކަމަށް އުންމީދުކޮށްގެންނެވެ. އެކަމަކު ކަންވީ ހީކުރި ގޮތާ ދިމާ އިދިކޮޅަށެވެ. އެ މެޗުގައި ރޮނާލްޑޯއަށް ގޯލެއް ކާމިޔާބު ނުކުރެވުނުތާ ޕޯޗުގަލަށް މޮޅެއްވެސް ނުހޯދުނެވެ. މެސީގެ ސަޕޯޓަރުންނަށް ޖަވާބުދޭން ތައްޔާރުވެގެނމް ތިބި ރޮނާލްޑޯގެ ސަޕޯޓަރުންނަށް ކުރިމަތިލާން ޖެހުނީ މެސީގެ ސަޕޯޓަރުންގެ މަލާމާތާއި ފުރައްސާރައާއެވެ.
އެއާއެކު އިހްސާސްކުރަންޖެހުނު މޮޅިވެރިކަމުގައި ރޮނާލްޑޯގެ ސަޕޯޓަރުން ތިއްބާ އަނެއްކާވެސް ގަދަކޮށްލީ މެސީގެ ސަޕޯޓަރުންގެ އަޑެވެ. އާޖެންޓީނާއިން މި މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި އޮސްޓްރިއާ ކޮޅަށް މެސީ ދެ ގޯލް ވައްދާލި އެވެ. އަދި، ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް މެސީއަށް ލިބުނެވެ. އެއާއެކު މެސީގެ ސަޕޯޓަރުން ރޮނާލްޑޯގެ ސަޕޯޓަރުންނަށް ހިރިވެސް ނުލެވޭ ވަރުކޮށްލި އެވެ.
ރޮނާލްޑޯގެ ސަޕޯޓަރުން ހިތާ ހިތުން އޭރު ދުއާކުރަމުން ދިޔައީ ވޯލްޑް ކަޕްގައި މުޅިން އަލަށް ވާދަކުރި އުޒްބަކިސްތާނާ ދެކޮޅަށް ޕޯޗުގަލުން ކުޅެން އޮތް މެޗުގައި ރޮނާލްޑޯއަށް ކާމިޔާބު ލިބުމަށެވެ. މިފަހަރު ރޮނާލްޑޯގެ ސަޕޯޓަރުންގެ ނަސީބު އަތުގަ ހިފި އެވެ. އުޒްބަކިސްތާނު ކޮޅަށް ޕޯޗުގަލުން ވައްދާލި ފަސް ގޯލްގެ ތެރެއިން ދެ ގޯލް ރޮނާލްޑޯ ކާމިޔާބުކުރުމާއެކު ރޮނާލްޑޯގެ ސަޕޯޓަރުންގެ ހިތަށް ތަސައްލީއެއް ލިބުނެވެ. ހަ ވޯލްޑް ކަޕްގައި ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހެދި ހަމައެކަނި ކުޅުންތެރިޔާއަށް ރޮނާލްޑޯ ވުމާއެކު އޭނާގެ ސަޕޯޓަރުން ގިރުވާން ކޮޅަށް ޖަހާލުމަށްފަހު މެސީގެ ސަޕޯޓަރުންނަށް ދައްކާލަން ރަގަޅު ދަނޑިވަޅެއް ލިބުނެވެ. ބަހުސް އަނެއްކާވެސް އިތުރަށް ހުނުވި އެވެ.
ކުރިއަށް މިއޮތީ އަނެއްކާވެސް މި ބަހުސް ހޫނުވެގެންދާނެ 24 ގަޑިއިރެވެ. މިރޭ ފަތިހު 04:30 ގައި ޕޯޗުގަލުން ކޮލަމްބިއާ އާ ދެކޮޅަށް ނުކުންނައިރު މާދަމާ ހެނދުނު 7 ޖަހާއިރު އާޖެންޓީނާ ނުކުންނާނީ ޖޯޑަން އާ ދެކޮޅަށެވެ.
ގްރޫޕްގެ އެއްވަނަ ހޯދަން ކޮލަމްބިއާ ބަލިކުރުން ނޫން ގޮތެއް މިރޭ ޕޯޗުގަލަކަށް ނެތެވެ. އާޖެންޓީނާ އަށް އޮތީ ގްރޫޕްގެ އެއްވަނަ ކަށަވަރުވެފަ އެވެ. އެކަމަކު އެންމެ ޝައުގުވެރި އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ހުރިހާ އެއްޗެއް ޔަގީންވެފައި އޮތަސް މެސީ މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ކަމެވެ. ރޮނާލްޑޯއަށް ޔަގީނުންވެސް ޗޮއިސް އެއް ނެތެވެ. ރޮނާލްޑޯގެ ކުރިމަތީގައި އޮތް އިމްތިހާނު މިރޭ މާ ވަރުގަދަ އެވެ. ރޮނާލްޑޯގެ ސަޕޯޓަރުންގެ ރިހޭ ފައި މައްޗަށް މިރޭ ފޮއި ވެއްޓޭނީތޯ ނޫނީ މެސީގެ ސަޕޯޓަރުންގެ ކުރިމަތީގައި އިސް އުފުލާލެވޭނެ ވަރުގެ ކުޅުމެއް މިރޭ ރޮނާލްޑޯގެ ފަރާތުން ފެނިދާނެތޯ ބަލަން އިންތިޒާރުގައި ތިބެމާ ހިނގާށެވެ.