ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބައިނަލްއަގްވާމީ ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާނުކޮށްފި އެވެ.
މެސީ ބައިނަލްއަގްވާމީ ފުޓްބޯޅައިން ރިޓަޔާކުރިކަން ހާމަކުރީ މިއަދު އާންމުކުރި ބަޔާނެއްގަ އެވެ. މެސީ ބުނިގޮތުގައި މިއީ ހިތަށް "ތަދުވި" ނިންމުމެއް ނަމަވެސް ރިޓަޔާކުރަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނުމުގައި ކެޕްޓަންކަން ކުރި އުމުރުން 39 އަހަރުގެ މެސީ ވަނީ އެ ގައުމަށް ކުޅެދިން 207 މެޗުން 125 ގޯލު ޖަހައިދީފައެވެ. އާޖެންޓީނާގެ ތާރީހުގައި މެސީ އަކީ އެގައުމަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.
ބަޔާނުގައި މެސީ ބުނީ ގައުމީ ޓީމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދީފައިވާނެ ކަމަށާއި، މިހާރު އިތުރަށް "ދޭނެ އެއްޗެއް ނެތް" ކަމަށެވެ. އަދި ވަގުތު ކުޑަތަންވަމުންދާއިރު ބާބުތައް ނިމެމުންދާ ކަމަށާއި، މިއީ އޭނާގެ ހިތަށް ވަރަށް އަސަރުކުރުވި ނިންމުމެއް ކަމަށް މެސީ ބުންޏެވެ.
އަހަރެން ހުރިހާ އެއްޗެއް ދީފިން. ބާކީ ދޭނެ އެއްޗެއް ނެތް. އަހަރެންގެ ފަހަތުން ޒުވާން މޮޅެތި ކުޅުންތެރިން އައިސް އެބަތިބި. އެކުޅުންތެރިންނަށް ޖާގަ ދިނުން ހައްގު
އޮގަސްޓް މަހުގެ ކުރީކޮޅު ބައްޕަ މަރުވުމުން މެސީ ވަނީ ފުޓްބޯޅައިގެ މުސްތަގުބަލާމެދު ވިސްނަމުންދާ ކަމަށް ބުނެފައެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް 8 ފަހަރު ހޯދި މެސީ ބުނި ގޮތުގައި އޭނާ ރިޓަޔާކުރުމުގެ މެސެޖު ލިޔުނީ ޖުލައި 21 ގައެވެ. އެއީ މި ހޫނު މޫސުމުގެ ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން އަތުން އާޖެންޓީނާ ބަލިވިތާ ދެ ދުވަސް ފަހުންނެވެ.
ބައްޕަ އަށް ކަންތައް ވީގޮތުން (މަރުވުމުން)، މި ނިންމުން ކޮންމެހެންވެސް ނިންމަން ޖެހުނު
ގައުމީ ޓީމުން ރިޓަޔާކުރިޔަސް ކްލަބް ފެންވަރުގައި މެސީގެ ކެރިއަރު ކުރިއަށްދާނީ މޭޖާ ލީގު ސޮކާގެ އިންޓަ މަޔާމީގަ އެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް 2028 ވަނަ އަހަރުގެ ނިޔަލަށް ދެމިއޮންނާނެއެވެ.
މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅެދިނީ 2005 ވަނަ އަހަރު ހަންގޭރީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 63 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް މެޗަށް ނުކުތްތާ މިނެޓެއްވެސް ނުވަނީސް، ހަންގޭރީގެ ފުލްބެކް ވިލްމޯސް ވަންޗެކްގައި އަތުން ޖެހުމުގެ ސަބަބުން އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. ބައިނަލްއަގްވާމީ ކެރިއަރު މިފަދަ އުނދަގޫ ގޮތަކަށް ފެށުނު ނަމަވެސް، މެސީ ވަނީ ތާރީޚު ދެކެފައިވާ އެންމެ މޮޅު އެއް ކުޅުންތެރިޔާއަށްވެ، އާޖެންޓީނާއަށް ވޯލްޑް ކަޕަކާއި ދެ ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބުކޮށްދީފަ އެވެ.

އޭނާއަކީ 21 ގޯލާއެކު ވޯލްޑް ކަޕް ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެއީ 22 ގޯލު ޖަހާފައިވާ ފްރާންސްގެ ކިލިއަން އެމްބާޕޭގެ ފަހަތުންނެވެ. އަދި ބައިނަލްއަގްވާމީ މެޗުތަކުގައި 125 ގޯލާއެކު މެސީ އަކީ ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެއީ 146 ގޯލު ޖަހާފައިވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހަތުންނެވެ.
މެސީ ވަނީ މީގެ ކުރިން 2016 ވަނަ އަހަރުވެސް ގައުމީ ޓީމުން ރިޓަޔާކުރުމަށްފަހު އެ ނިންމުން ބަދަލުކޮށްފައެވެ. އެއީ ކޮޕާ އެމެރިކާ ފައިނަލްގައި ޗިލީ އަތުން ބަލިވި މެޗުގައި މެސީ އަތުން ޕެނަލްޓީ ނާކާމިޔާބުވެ، ނުވަ އަހަރު ތެރޭ އާޖެންޓީނާ ބޮޑު ހަތަރު ފައިނަލުން ބަލިވުމާ ގުޅިގެންނެވެ.
މި ހޫނު މޫސުމުގެ ވޯލްޑް ކަޕްގައި މެސީ ވަނީ 8 ގޯލު ޖަހައި، ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. މިއާއެކު ވޯލްޑް ކަޕްގައި އޭނާ ތަނަވަސްކޮށްދިން ފުރުސަތުތަކުގެ އަދަދު 12 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 10 ފުރުސަތަކީ ނޮކައުޓް ބުރުތަކުގައި ތަނަވަސްކޮށްދިން ފުރުސަތުތަކެވެ. ރެކޯޑުތަކަށް ބަލާއިރު އެހެން އެއްވެސް ކުޅުންތެރިއަކަށް ޖުމްލަ 8 ފުރުސަތަށްވުރެ އިތުރަށް ތަނަވަސްކޮށްދެވިފައެއް ނުވެއެވެ.
ސަޕޯޓަރުންނާ މުޚާތަބުކޮށް މެސީ ބުނީ ވޭތުވެދިޔަ 20 އަހަރު ދިން ލޯބިއަށް ޝުކުރު އަދާކުރާ ކަމަށާއި ދަނޑުމަތިން ސަޕޯޓަރުންގެ އަޑު އިވޭ މިންވަރު ވަރަށް ބޮޑަށް މަތިން ހަނދާންވާނެ ކަމަށެވެ. އަދި މިހާރު އޭނާއަކީވެސް ސަޕޯޓަރުންގެ ތެރެއިން މީހެއް ކަމަށާއި، އަބަދުވެސް ސަޕޯޓުކުރުމުގައި ދަނޑުން ބޭރުގައި ހުންނާނެ ކަމަށް މެސީ ބުންޏެވެ.