ލިއޮނެލް މެސީ، ސްޕެއިންގެ ފަސް ވަނަ ޑިވިޝަނުގެ ކްލަބެއް ގަނެ، ފުޓްބޯޅައިގެ ވިޔަފާރީގެ ތެރެއަށް ވަދެއްޖެ އެވެ.
މެސީ ގަތީ، ސްޕެއިންގެ ފަސް ވަނަ ގިންތީގައި ކުޅެމުން އަންނަ ކެޓަލޫނިއާގެ ކްލަބެއް ކަމަށްވާ ކޯނެޔާގެ 100 އިންސައްތަ ހިއްސާ އެވެ. މިއާއެކު މިހާރު އެ ކްލަބަކީ މެސީގެ އަމިއްލަ ކްލަބެކެވެ.
ބާސެލޯނާއާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައިވާ އުމުރުން 38 އަހަރުގެ މެސީ މިހާރު ކުޅެމުންދަނީ އެމެރިކާގެ މޭޖަރ ލީގު ސޮކާގެ އިންޓަ މަޔާމީއަށެވެ.
ސްޕެއިނުގެ ފަސް ވަނަ ޑިވިޝަނުގައި ވާދަކުރާ ކޯނެޔާ ކްލަބުން ހާމަކުރި ގޮތުގައި، 8 ފަހަރު ބެލޮންޑިއޯ ހާސިލުކޮށްފައިވާ މެސީ ވަނީ އެ ކްލަބް ގަތުމުގެ އިޖުރާއާތުތައް ރަސްމީކޮށް ފުރިހަމަކޮށްފައެވެ. އެ ކްލަބުން އިތުރަށް ބުނެފައިވަނީ، މި ނިންމުމަކީ މެސީއާއި ބާސެލޯނާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަވެ، ކެޓަލޫނިއާގެ ކުޅިވަރު ކުރިއެރުވުމަށާއި އެ ސަރަހައްދުގެ ހުނަރުވެރި ކުޅުންތެރިން ބިނާކުރުމަށް އޭނާ ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށެވެ.
މެސީ އާޖެންޓީނާ ދޫކޮށް ސްޕެއިނަށް ބަދަލުވީ އުމުރުން 13 އަހަރުގައެވެ. އަދި ބާސެލޯނާގެ ސީނިއާ ޓީމަށް އޭނާ ފުރަތަމަ ކުޅެދީފައިވަނީ އުމުރުން 17 އަހަރުގައި، 2004 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. 2021 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވުމުގެ ކުރިން، މެސީ ވަނީ ބާސެލޯނާއަށް ކުޅެދިން 778 މެޗުގައި އެ ކްލަބުގެ ރެކޯޑް އަދަދެއް ކަމަށްވާ 672 ލަނޑު ޖަހައިދީފައެވެ. މެސީ އިންޓަ މަޔާމީއާ ގުޅުނީ 2023 ވަނަ އަހަރު އެވެ.
މެސީގެ ޒަމާންވީ ވާދަވެރިޔާ، އަދި މިހާރު ސައުދީ ޕްރޯ ލީގުގެ އަލް-ނަސްރަށް ކުޅެމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯވެސް ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ސްޕެއިނުގެ އަލްމޭރިއާ ކްލަބުގެ 25 އިންސައްތަ ހިއްސާ ގަނެފައެވެ.
ކޯނެޔާގެ ދަނޑަކީ 1،500 މީހުންގެ ޖާގައިގެ ދަނޑެކެވެ. މިއީ އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ އާއި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ޖޯޑީ އަލްބާ ފަދަ މަޝްހޫރު ކުޅުންތެރިން ފުޓްބޯޅައިގެ ތެރެއަށް ތައާރަފުވި ކްލަބެވެ.
މެސީ އެ ކްލަބުގެ އޯނަރަށް ވުމާއެކު ކޯނެޔާއިން އާއްމުކުރި ބަޔާނުގައި ބުނީ، މިއީ އެ ކްލަބުގެ ތާރީހުގައި ފެށީ އާ ބާބެއް ކަމަށެވެ. މެސީ އެ ކްލަބް ގަތުމާއެކު، ކުޅިވަރުގެ ގޮތުންނާއި އިދާރީގޮތުން ކްލަބަށް ކުރިއެރުން ލިބި ކްލަބުގެ ބިންގާ ވަރުގަދަވެގެންދާނެކަމަށް ކްލަބުން ބުނެފައިވެ އެވެ.
ކްލަބުގެ އަމާޒަކީ ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ކުރާ އިންވެސްޓްމަންޓުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުންކަން އެ ކްލަބުން ވަނީ ހާމަކޮށްފަ އެވެ.
