ފުރަތަމަ ސަފްޙާ / ޚަބަރު / ޕޯޗްގަލް ކެޓުމާއެކު ގޯޓަކީ މެސީ ކަމަށް ނިންމޭނެތަ؟
ޕޯޗްގަލް ކެޓުމާއެކު ގޯޓަކީ މެސީ ކަމަށް ނިންމޭނެތަ؟

ޕޯޗްގަލް ކެޓުމާއެކު ގޯޓަކީ މެސީ ކަމަށް ނިންމޭނެތަ؟

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން 7 ޖުލައި 2026

މިދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭ ދުނިޔޭގެ ފުޓްބޯޅައިގެ ފޯރި އެހެން ލެވަލްއަކަށް ގެންދިއުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި ދެ ކުޅުންތެރިންނަކީ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކަން ޔަގީނެވެ. ދުނިޔޭގެ ފުޓްބޯޅައަށް ޝައުގު ހުންނަ ވަރަށް ގިނަ މީހުންނަކީ މީގެ ތެރެއިން ކޮންމެވެސް އެއް ކުޅުންތެރިއެއްގެ ސަޕޯޓަރުންނެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑާއި، ރެއާލް މެޑްރިޑްގެ އިތުރުން ޔުވެންޓަސް އަށް ކުޅެފައިވާ ރޮނާލްޑޯ އާއި ބާސެލޯނާ އަދި ޕީއެސްޖީގެ ކުރީގެ ފޯވާޑް މެސީ ގެ ސަޕޯޓަރުންގެ މެދުގައި މިދިޔަ ދިގު މާޒީގައި ހުއްޓުމެއް ނެތި ހިނގަމުންދިޔަ އެންމެ ވަރުގަދަ ބަހުސަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އަދި ކާމިޔާބު ކުޅުންތެރިޔަކީ ކާކުތޯ ކަނޑައެޅުމުގެ ބަހުސެވެ. މި ބަހުސްގައި ދެކޮޅުންވެސް އައީ ދޫ ނުދީ ހިފަހައްޓަމުންނެވެ. ކޮންމެ ކޮޅަކުންވެސް އެބައެއްގެ ކޮޅު ގަދަކުރަން އެތައް ހުއްޖަތެއް ނެރެ އެވެ. މި ބަހުސް ވޯލްޑް ކަޕްގެ މިފަހުން ބޭއްވި ކޮންމެ މުބާރާތެއްގައި ހެން ވަކިން ހޫނުވެ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ މި ދެ ކުޅުންތެރިންގެ ތެރެއިން އެބަޔަކު ސަޕޯޓްކުރާ ކުޅުންތެރިޔާ ކަމަށް ކޮންމެ ބަޔަކުވެސް ބުނަމުން އައި އިރު މިކަމާ އެއްބަސް ނުވާ ކިތަންމެ ބަޔަކުވެސް 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ނިމުމާ ހަމައަށް ތިއްބެވެ. އެމީހުންގެ ޒުވާބަކަށްވީ މިއިން އެއްވެސް ކުޅުންތެރިޔަކަށް މި ދެކުޅުންތެރިންގެ ކުރިން ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ބްރެޒިލްގެ ޕެލޭ އާއި އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާއާ އަރާ ހަމަކުރެވިފައި ނެތުމެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އަގުބޮޑު އިނާމު ކަމަށްވާ ވޯލްޑް ކަޕްގެ ތަށި ޕެލޭ އާއި މަރަޑޯނާ އުފުލާލާފައިވާއިރު ރޮނާލްޑޯ ނުވަތަ މެސީއަށް އެހާތަނަށް އެކަން ނުކުރެވި އޮތުމެވެ. އެކަމަކު 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސް ބަލިކޮށް އާޖެންޓީނާއިން ތަށި ހޯދުމާއެކު މެސީ އަކީ މަރަޑޯނާ އާއި ޕެލޭއަށް ލިބިފައިވާ ވަރުގެ ދަރަޖައެއް ހައްގުވާ ކުޅުންތެރިއެއް ކަމަށް އެމީހުންވެސް ގަބޫލުކުރި އެވެ.

މެސީ އާއި ރޮނާލްޑޯގެ ބަހުސްގައި މިހާތަނަށް މެސީގެ ސަޕޯޓަރުންނަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދައިދިން އެކައްޗަކީ  މީގެ ހަތަރު އަހަރު ކުރިން އާޖެންޓީނާއާއެކު އޭނާ އުފުލާލި ތައްޓެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ޕޯޗުގަލް ނުކުތީ ފުޓްބޯޅައިގައި އޭނާއަށް ނުހޯދި އޮތް ހަމައެކަނި ކާމިޔާބީ ހޯދުމުގެ އުންމީދުގަ އެވެ. ރޮނާލްޑޯގެ ސަޕޯޓަރުންވެސް ތިބީ އެކަމަށް އިންތިހާއަށް އެދިއެދި އެވެ. އެކަމަކު މުބާރާތުގެ ގަދަ 16 ގައި ރޭ ސްޕެއިން އަތުން ޕޯޗްގަލް ބަލިވެ މުބާރާތުން ކެޓުމާއެކު ވޯލްޑް ކަޕްގެ ރަން ތަށީ އުފުލާލުމުގެ ނަސީބު ކުޅުންތެރިއެއްގެ ގޮތުގައި ދެން ރޮނާލްޑޯއަށް ނުލިބޭނެ ކަން މިވަނީ ޔަގީންވެފަ އެވެ.

މެސީ އާއި ރޮނާލްޑޯ އެ އަންނަނީ ކުޅުންތެރިއެއްގެ ގޮތުގައި އެ ދެމީހުންގެ ކެރިއަރުގެ ފަހު ދުވަސްތައް އެމެރިކާ އާއި ސައުދީ އަރަބިއްޔާގައި ހޭދަކުރަމުންނެވެ. ދެ މީހުންގެ އުމުރުގައި ދެ އަހަރުގެ ފަރަގެއް ހުއްޓަސް މިފަހަރުގެ ވޯލްޑް ކަޕުން ފެނުނު އެ ދެ ކުޅުންތެރިންގެ ތަފާތު މާ ބޮޑެވެ. މި ދެކުޅުންތެރިންގެ ތެރެއިން  މިފަހަރު ވެސް ތަފާތު ކުޅުމެއް ފެންނަނީ ކޮން ކުޅުންތެރިއެއްގެ ފަރާތުން ކަން ސާފެވެ. މުބާރާތުގައި މިހާތަނަށް ހަޔް ގޯލް މެސީ ޖަހާފައިވާއިރު ރޮނާލްޑޯ އަށް ޖެހުނީ އެންމެ ތިން ގޯލެވެ.

ކަން އެހެން އޮތަސް މެސީ ރޮނާލްޑޯގެ ބަހުސް އަދިވެސް ނުނިމޭނެކަން ޔަގީނެވެ. އެކަމަކު މިބަހުސް އަހަރެން މިވަގުތަށް ކުރުކޮށްލާނަމެވެ.

 

+

 

ކޮމެންޓްސް

Matches
6
Ongoing
1
Upcoming
Predict
Settings