ފުރަތަމަ ސަފްޙާ / ޚަބަރު / "އެމީހުންގެ ހުރީ މެސީ، އަހަރެމެންގެ މިހިރީ ސަލާހް" އާޖެންޓީނާއާ ކުޅެން މިސްރު ތައްޔާރު
"އެމީހުންގެ ހުރީ މެސީ، އަހަރެމެންގެ މިހިރީ ސަލާހް" އާޖެންޓީނާއާ ކުޅެން މިސްރު ތައްޔާރު

"އެމީހުންގެ ހުރީ މެސީ، އަހަރެމެންގެ މިހިރީ ސަލާހް" އާޖެންޓީނާއާ ކުޅެން މިސްރު ތައްޔާރު

ފަހުމިނެޓް
ފަހުމިނެޓް
11 ގަޑިއިރު ކުރިން 7 ޖުލައި 2026

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި މިރޭ އާޖެންޓީނާ އާއި މިސްރު ބައްދަލުކުރާއިރު މިއީ ފެންވަރާއި، ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު އަޅައި ނުކިޔޭނެ ދެ ގައުމެއްގެ ކުރިމަތިލުމެކެވެ. އާޖެންޓީނާ އަކީ އެންމެ ފަހުގެ ޗެމްޕިއަނެވެ. މުބާރާތް ތިން ފަހަރު އާޖެންޓީނާއިން ކާމިޔާބުކޮށްފައިވާއިރު އެއީ މިހާރުވެސް ދުނިޔޭގެ ރޭންކިންގެ އެއްވަނަ އެވެ. އެއާ ހިލާފަށް މިސްރަށް ވޯލްޑް ކަޕްގެ ގަދަ 16 އާ ހަމައަށްވެސް މީގެ ކުރިން އާދެވިފަ އެއް ނުވެ އެވެ.  

އެ ހުރިހާ ކަމެއް އެހެން ހުރުމާއެކު މިރޭގެ މެޗު ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކަށް ބުނަން ފަސޭހަވާނީ އާޖެންޓީނާ އެވެ. މިސްރު ކޮޅަށް ބުރަވާ މީހުން މަދުވާނެ އެކޭވެސް ނުބުނާނަމެވެ. އެކަމަކު ޔަގީންވާ އެއް ކަމެއް އެބަ އޮތެވެ. މިސްރު މިރޭ މޮޅުވާނެ ކަމަށް ބުނާ މީހުންގެ އުންމީދުތައް އެންމެ ބޮޑަށް ގުޅިފައި އޮންނާނީ އެ ޓީމުގެ ތަރި މުހައްމަދު ސަލާހާ އެވެ. މިރޭގެ މެޗު ވަރަށް ގިނަ ބަޔަކު ސިފަ ކުރަމުން އަންނަނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހްގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ.

ވޯލްޑް ކަޕްގެ ގަދަ 16 ގައި ވާދަކުރުމުގެ ޝަރަފް ފުރަތަމަ ފަހަރަށް މިސްރަށް ލިބުނީ މި މުބާރާތުގެ ގަދަ 32 ގައި އޮސްޓްރޭލިއާ އާ ދެކޮޅަށް ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން 2-4 އިން ކާމިޔާބުކޮށްގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި މިސްރުން ފޮނުވާލި އެންމެ ފަހު ޕެނަލްޓީ ޖެހީ ސަލާހެވެ.

"އެ ޕެނަލްޓީ ޖަހަން އަހަރެން ދާން ނިންމީ އެންމެ ފަހު ވަގުތު. ޓީމުގެ އެންމެ ތަޖުރިބާ ހުރި ކުޅުންތެރިއަކަށް ހުރީ އަހަރެން. އެހެންވެ އަހަރެން ބޭނުންވީ އެހެން ކުޅުންތެރިންނަށް އިތުބާރެއް ހޯދައިދޭން." މި ވޯލްޑް ކަޕްގެ ކުރިން މިސްރުން ކުރިމަތިލި އެންމެ ފަހުގެ ދެ ޕެނަލްޓީ ޝޫޓްއައުޓްގައިވެސް ޕެނަލްޓީ ނާކާމިޔާބުވި ސަލާހް އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބުންޏެވެ،

އަހަރެންނަކަށް ނޭނގެ މިއީ އަހަރެންގެ އެންމެ ފަހު ވޯލްޑް ކަޕަށް ނުވާނެއެކޭ ބުނާކަށް ވެސް. އެކަމަކު އެއީ އަހަރެން ނަގަން ޖެހޭ ޒިންމާއެއް ކަމަށް ގަބޫލުކުރެވިގެން އެ ޕެނަލްޓީ ޖަހަން ދިޔައީ. މިއީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަސް." އޮސްޓްރޭލިޔާ އަތުން މޮޅުވި މެޗަށް ފަހު ވާހަކަދައްކަމުން ސަލާހް ބުނެފައިވެ އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އޮސްޓްރޭލިއާ ކޮޅަށް ޕެނަލްޓީ ވައްދާލުމަށްފަހު މިސްރުގެ ކެޕްޓަން، ސަލާހު (ވ) ބޯޅަ ހިފައިގެންދަނީ. ފޮޓޯ: އޭޕީ
ޕެނަލްޓީ ޝޫޓްއައުޓްގައި އޮސްޓްރޭލިއާ ކޮޅަށް ޕެނަލްޓީ ވައްދާލުމަށްފަހު މިސްރުގެ ކެޕްޓަން، ސަލާހު (ވ) ބޯޅަ ހިފައިގެންދަނީ. ފޮޓޯ: އޭޕީ

ސަލާހަށް ގައުމީ ޓީމާއެކު އަދި މާ ބޮޑު ކާމިޔާބެއް ހޯދިފައި ނެތަސް ކްލަބް ފުޓްބޯޅައިގައި އެއީ ލެޖެންޑެއްގެ ދަރަޖަ މިހާރުވެސް ހޯދާފައިވާ ކުޅުންތެރި އެކެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލުން ޕްރިމިއާ ލީގުގައި ޖެހި 277 ގޯލްގައި ސަލާހްގެ ހިއްސާ އޮތްއިރު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި އެއް ކްލަބެއްގައި އެންމެ ގިނަ ގޯލް ޖެހުމުގައި ހިއްސާވި ކުޅުންތެރިޔާއަށެވެ.

މިރޭގެ މެޗަކީ ގައުމީ ޓީމުގެ ޖޯޒީގައި މެސީ އާއި ސަލާހް ވާދަކުރާ ފުރަތަމަ ކުރިމަތިލުމެވެ. އެކަމަކު ކްލަބް ފުޓްބޯޅައިގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސަލާހާއި، މެސީ ވަނީ ބައްދަލުކޮށްފަ އެވެ. ފުރަތަމަ ފަހަރަށް 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި މެސީ އާއި ސަލާހް ކުރިމަތިލިއިރު ސަލާހް ކުޅެމުން އައީ އިޓަލީގެ ރޯމާ އަށެވެ. އެކަމަކު ދެވަނަ ފަހަރު ސަލާހާއި މެސީ އޭގެ ހަޔަތު އަހަރު ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބާސެލޯނާގެ ކޭމްޕް ނައުގައި ބައެއްދަލުކުރި އިރު ސަލާހް ކުޅެމުން އައީ ލިވަޕޫލަށެވެ. އެ މެޗު 0-3 އިން ކާމިޔާބުކުރީ ބާސެލޯނާ އެވެ. އެކަމަކު ލިވަޕޫލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި ލިވަޕޫލުން ނަތީޖާ އަނބުރާލި އެވެ. 0-4 އިން ބާސެލޯނާގެ މައްޗވަށް ލިވަޕޫލް ކުރި ހޯދި މެޗުގައި ސަލާހް ނުކުޅުނު ނަމަވެސް އެ މެޗު ބަލަން ސަލާހް އިނީ "ނެވާ ގިވް އަޕް" ޖަހާފައި އިން ޓީޝާޓެއް ލައިގެންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ އޭރުގެ ކޯޗް ޔާގަން ކްލޮޕް ވަނީ ސަލާހް ލައިގެން އިން ޓީޝާޓްގެ ސަބަބުން ޓީމަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށް ބުނެފަ އެވެ.

ވޯލްޑް ކަޕުގެ މެޗެއްގައި މިސްރަށް ލަނޑުޖަހައިދިނުމަށްފަހު ސަލާހު އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ
ވޯލްޑް ކަޕުގެ މެޗެއްގައި މިސްރަށް ލަނޑުޖަހައިދިނުމަށްފަހު ސަލާހު އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަދި މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖަހާފައިވާ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީގެ އާޖެންޓީނާއާ ދެކޮޅަށް މިރޭ މިސްރު ނިކުންނައިރު ސަލާހްގެ ފަރާތުން އެފަދަ ހިތްވަރެއް ޓީމަށް މާބޮޑަށްވެސް ބޭނުންވާނެ ކަމަށް ބެލެވެ އެވެ. އާޖެންޓީނާގެ ކޯޗް ލިއޮނަލް ސްކަލޯނީގެ އިރުޝާދޔުގެ ދަށުން މިދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި އެ ޓީމު ކުޅުނު ސަތޭކައަށްވުރެ ގިނަ މެޗުގެ ތެރެއިން އާޖެންޓީނާ ބަލިވެފައިވަނީ އެންމެ ފަސް މެޗުންނެވެ.

ކަން އެހެން އޮތް ކަމުގައި ވިޔަސް  މިސްރުގެ ގައުމީ ޓީމުގެ ޑައިރެކްޓާ އިބްރާހިމް ހަސަން ބުނެފައިވަނީ އެ ޓީމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ލިވަޕޫލަށް 257 ގޯލް ޖަހައިދިނުމުގެ އިތުރުން ހަތަރު ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓް ހޯދާފައިވާ ކުޅުންތެރިޔަކު ހުރުމަކީ އެ ޓީމަށް އޮތް ބޮޑު އިތުބާރެއް ކަމަށެވެ.

"އަހަރެމެންގެ ފޯކަސް މިހުރީ މެސީއަކަށް ނޫން. އަހަރެމެން ކުޅުންތެރިން ގާތު މި ބުނަނީ އަހަރެމެންގެ ގޭމް ކުޅެން. އަދި އަހަރެމެންގެ ކޮޅަށް އަންނަ ހަމަލާތައް ހުއްޓުވަން."

"އެމީހުންގެ ޓީމުގައި މެސީ އެބަހުރި. ހަމަ އެގޮތަށް އަހަރެމެންގެ ޓީމުގައި މުހައްމަދު ސަލާހާއި އެކު އަހަރެމެންގެ 26 މެސީ ތިބޭނެ."  މިރޭގެ މެޗުގެ ކުރިން މީޑިއާ އާ ވާހަކަ ދައްކަމުން އިބްރާހިމް ހަސަން ބުނެފައިވެ އެވެ.

ކޮމެންޓްސް

Matches
6
Ongoing
1
Upcoming
Predict
Settings